twitterviber whatsapp telegramfacebookyoutube instagram
19th September 2026

ފުރަން އުޅުނު ބިދޭސީންތަކެއްގެ އަތުން 3.8 މިލިއަން ރުފިޔާގެ ބޭރު ފައިސާ އަތުލައިގެންފި

ނަބީލާ އިސްމާޢީލް
Sep 19, 2026

ރާއްޖެއިން ބޭރަށް ފުރަން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ގޮސް ތިބި ބިދޭސީ ބައެއްގެ އަތުން ގާތްގަނޑަކަށް 3.8 މިލިއަން ރުފިޔާގެ ބޭރު ފައިސާ އަތުލައިގެންފި އެވެ.

ފުލުހުން ބުނީ ގަވާއިދާ ހިލާފަށް ބޭރު ފައިސާ ގަނެވިއްކުމުގެ މުއާމަލާތްތައް ހިންގާ ފަރާތްތައް ހޯދައި، ގާނޫނީ ފިޔަވަޅު އެޅުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން، އެ ކަމަށް ހާއްސަ ކޮށްފައިވާ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން އިއްޔެ ހިންގި އޮޕަރޭޝަނެއްގައި ހަ ބިދޭސީއަކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހިފަހައްޓާފައިވާ ކަަމަށެވެ.

ބަންގްލަދޭޝް އަށް އުފަން އެ ހަ މީހުން ފުރަން ގޮސް ތިއްބާ، ހުއްޓުވީ އެ މީހުންގެ އަތުން ގިނަ އަދަދެއްގެ ބޭރު ފައިސާ ފެނުނު މައްސަލައެއްގަ އެވެ.

ފުލުހުން ބުނީ އެ ހަ މީހުންގެ އަތުން 174,161 ޔޫއެސް ޑޮލަރާއި 56,760 ޔޫރޯ އާއި 1،815 ސްޓާލިން ޕައުންޑް ހިމެނޭހެން ޖުމުލަ 18 ގައުމެއްގެ ފައިސާ ފެނުނު ކަމަށެވެ. އެ ފައިސާގެ ޖުމުލަ އަގު ގާތްގަނޑަކަށް 3.8 މިލިއަން ރުފިޔާ އަށް އަރާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން އާންމުކޮށްފައިވާ ފޮޓޯގައިވާ ގޮތުން އެ ފައިސާ ފޮރުވާފައި ހުރީ ސީރިއަލް ޕެކެޓުތަކެއްގެ ތެރޭގަ އެވެ.

އެ މައްސަލައާ ގުޅިގެން އެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ތަހުގީގު ހިންގަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

ޑޮލަރުގެ ކަޅުބާޒާރު ހުއްޓުވުމަށް ގާނޫނަށް ގެނައި އިސްލާހުގެ ދަށުން ރިސޯޓުތަކަށް ބޭރު ފައިސާ އިން ނުވަތަ ޑޮލަރުން ލިބޭ އާމްދަނީގެ 40 ޕަސެންޓު ރާއްޖޭގެ ބޭންކުތަކަށް ކޮންމެ މަހަކު މާރުކުރަން ޖެހޭ ގޮތަށް ބޭރު ފައިސާއާ ބެހޭ ގާނޫނަށް ވަނީ އިސްލާހު ގެނެސްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293