އަންނަ ރޯދަމަހު އުމްރާއަށް ދާ މީހުންގެ ކޮންމެ މީހެއްގެ ޑެބިޓްކާޑު ލިމިޓް 1500 ޑޮލަރު އިތުުރުކުރަން ނިންމެވިކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރައްވައިފިއެވެ.
ރައީސް މުއިއްޒު އެކްސްގައި ކުރެެއްވި ޕޯސްޓެއްގައި ވިދަޅުވީ މިއަހަރުގެ ރަމަޟާންމަހު އުމްރާއަށް ދާ ފަރާތްތަކަށް ބޭންކްގެ ރަސްމީ ރޭޓުގައި ޑޮލަރު ހޯދުމުގައި ލުއި ފަސޭހަ ހައްލެއް ހަމަޖައްސައިދިނުމަށް ނިންމާ މިހާރު އޮންނަ ލިމިޓްގެ އިތުރުން 1500 ޑޮލަރުގެ ލިމިޓެއް އިތުރުުކުރުމަށް ނިންމަވާފައިކަމަށެވެ.
1446 ވަނަ އަހަރުގެ ރަމަޟާންމަހު ޢުމްރާއަށް ވަޑައިގަންނަވާ ފަރާތްތަކަށް ބޭންކްގެ ރަސްމީ ރޭޓުގައި ޑޮލަރު ހޯދުމުގައި ލުއި ފަސޭހަ ޙައްލެއް ހަމަޖައްސައިދިނުމުގެގޮތުން، ކޮންމެ ޢުމްރާވެރިއެއްގެ ބޭންކް އޮފް މޯލްޑިވްސް ޑެބިޓް ކާޑަށް، މިހާރު އޮންނަ ޑޮލަރުގެ ލިމިޓުގެ އިތުރުން 1500 ޑޮލަރުގެ…
— Dr Mohamed Muizzu (@MMuizzu) February 10, 2025
" ކޮންމެ ޢުމްރާވެރިއެއްގެ ބޭންކް އޮފް މޯލްޑިވްސް ޑެބިޓް ކާޑަށް، މިހާރު އޮންނަ ޑޮލަރުގެ ލިމިޓުގެ އިތުރުން 1500 ޑޮލަރުގެ ލިމިޓެއް ހަމަޖައްސަވައި ދެއްވުމަށް ބޭންކް އޮފް މޯލްޑިވްސް އަށް އަދި އެމްއެމްއޭއަށް ދަންނަވައިފިން." ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓްގައިވެއެވެ.
މިހާރު ބީއެމްއެލްގެ ޑެބިޓް ކާޑުގެ ލިމިޓަކީ 250 ޑޮލަރެވެ. ރައީސް އެންގެވީ އޭގެ އިތުރަށް 1500 ޑޮލަރު ދިނުމަށެވެ. އޭރު ކޮންމެ އުމްރާ ވެރިއެއްގެ ކާޑު ލިމިޓަކަށް ވާނީ 1750 ޑޮލަރެވެ. މީގެއިތުރުން ކޮންމެ ފުރާ މީހަކަށް ލިބޭ 500 ޑޮލަރުވެސް ލިބޭނެއެވެ.
ޑޮލަރު ލިބުމަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށް ސަރުކާރުން ވަނީ ފިޔަވަޅުތަކެއް އަޅާފައެވެ. އެ ފިޔަވަޅުތަކާއި އެކު އަންނަ އަހަރުން ފެށިގެން ރާއްޖެއިން ބޭރަށް ފުރާ ކޮންމެ ދިވެއްސަކަށް މިހާރު ދެމުން އަންނަ 500 ޑޮލަރުގެ ބަދަލުގައި އެ އަދަދު 1000 އިތުރުކުރައްވާނެކަމަށް އެންމެ ފަހުން ދެއްވި ރިޔާސީ ބަޔާނުގައިވެސް ރައީސް ޑރ. މުއިއްޒު ވަނީ ވިދާޅުވެފައެވެ.
ބޭރު ފައިސާގެ ގާނޫނު ބުނާ ގޮތުން ރިޒޯޓުތަކާއި، އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓުތަކާއި، ޕްރައިވެޓް އައިލެންޑްތަކާއި އެނޫންވެސް ތަންތަނުން ހިދުމަތްދޭ ކޮންމެ ފަތުރުވެރިއެއްގެ ބޮލަކަށް 500 އެމެރިކާ ޑޮލަރު މާރު ކުރަންޖެހެއެވެ. ނުވަތަ މަހެއްގެ ތެރޭގައި އެ އެސްޓެބްލިޝްމަންޓަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 20 ޕަސެންޓް މާރުކުރަންޖެހެ އެވެ.
މީގެ އިތުރުން ޓޫރިސްޓް އުޅަނދުތަކާއި، ޓޫރިސްޓް ހޮޓާތަކުގެ އިތުރުން ޓޫރިސްޓް ގެސްޓްހައުސްތަކުން ކޮންމެ ފަތުރުވެރިއެއްގެ ބޮލަކަށް 25 އެމެރިކާ ޑޮލަރު މާރުކުރަންޖެހެ އެވެ. ނުވަތަ މަހެއްގެ ތެރޭގައި ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 20 ޕަސެންޓް މާރުކުރަންޖެހެ އެވެ.
ބޭރު ފައިސާގެ ގާނޫނަށް އަމަލު ކުރަން ފެށިފަހުން މިހާތަނަށް 25 މިލިއަން ޑޮލަރު މާރުކޮށްފައިވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މިދިޔަ މަހުގެ 29ގައި ވިދާޅުވެފައެވެ.