twitterviber whatsapp telegramfacebookyoutube instagram
21st February 2025

ރޯދަ މަހު އުމްރާއަށް ދާ މީހުންނަށް 1500 ޑޮލަރު ބޭނުން ކުރެވޭނެ ގޮތް ހަމަޖައްސައިފި

Feb 18, 2025

މި އަންނަ ރަމަޟާން މަހާއި ޝައްވާލް މަހުގެ ފުރަތަމަ ހަ ދުވަހުގެ ތެރޭގައި އުމްރާއަށް ދާ އެންމެހާ ބީއެމްއެލް ކަސްޓަމަރުންގެ ޑެބިޓް ކާޑަށް 1،500 ޑޮލަރު ލިމިޓް ދިނުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނިންމައިފިއެވެ.

ބީއެމްއެލްއިން ބުނީ ކާޑަށް ދޫކުރާ މި ލިމިޓް ބޭނުންކުރެވޭނީ ހަމައެކަނި ސައުދީ އަރަބިއާގައި ކަމަށާއި އެ ލިމިޓް ދޫކުރުމަށް ހަމަޖެހިފައިވަނީ ކޮންމެ ކަސްޓަމަރަކަށް ވެސް އެއް ޑެބިޓް ކާޑަށް ކަމަށެވެ.

އުމްރާ ގްރޫޕްތަކާ ގުޅިގެން ދަތުރުކުރާ އުމްރާވެރިންނަށް މިކަން ފަހިކޮށްދިނުމުގެ ގޮތުން އުމްރާ ގްރޫޕްތަކުން މި ކަމުގައި އަމަލު ކުރަންވީ ގޮތުގެ ތަފްސީލުތައް ބޭންކުން ވަނީ އުމްރާ ގްރޫޕްތަކާ ހިއްސާކޮށްފައިކަމަށާއި އެހެންކަމުން އުމްރާ ގްރޫޕްތައް މެދުވެރިކޮށް އުމްރާއަށް ދާ މީހުން އެ ގްރޫޕަކާ ގުޅުމަށް ބީއެމްއެލްއިން ވަނީ ބުނެފައެވެ.

އުމްރާ ގްރޫޕެއްގައި ނުހިމެނި ވަކިން ދަތުރުކުރާ އުމްރާވެރިން، ފުރުމުގެ ފަސް ދުވަސް ކުރިން ބީއެމްއެލް މޮބައިލް އެޕް މެދުވެރިކޮށް ޕާސްޕޯޓް ކޮޕީ އާއި ޓިކެޓް ކޮޕީ ފޮނުވުމުން ޑޮލަރުގެ ލިމިޓް ހަމަޖައްސައިދޭނެއެވެ.

ބީއެމްއެލްއިން ބުނީ ޑެބިޓް ކާޑަށް ދޫކުރުމަށް ހަމަޖެހިފައިވާ 1،500 ޔޫއެސް ޑޮލަރުގެ ލިމިޓްގެ އިތުރުން، ޑެބިޓް ކާޑުތަކަށް މިހާރު ވެސް މަހަކަށް ހަމަޖައްސާފައިވާ 250 ޔޫއެސް ޑޮލަރުގެ ލިމިޓް ލިބޭނެކަމަށެވެ. އަދި ކާޑުތަކުގެ ލިމިޓްގެ އިތުރުން، ހުރިހާ އުމްރާ ވެރިންނަށް ވެސް މިހާރެކޭ އެއްގޮތަށް 500 ޑޮލަރު ބޭންކުން ވިއްކާނެ ކަމަށެވެ.

ރަމަޟާން މަހު އުމްރާގެ އަޅުކަން އަދައިކުރަން ސައުދީއަށް ދާ ދިވެހީންގެ ބީއެމްއެލް ޑެބިޓް ކާޑު ލިމިޓަށް 1500 ޑޮލަރު އިތުުރުކުރަން ރައީސް ޑރ. މުޙައްމަދު މުއިއްޒު މީގެކުރިން ކަމާ ގުޅޭ އިދާރާތަކަށް ވަނީ އަންގަަވައިފައެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ އެ ފަދައިން އެންގެވީ ރޯދަމަހު އުމްރާއަށްދާ ދިވެހީންނަށް ބޭންކް ރޭޓުގައި ފަސޭހައިން ޑޮލަރު ލިބޭނެ އިންތިޒާމް ހަމަޖައްސައިދިނުމުގެ ގޮތުން ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355