އަންހެނުން ކުރާ މަސައްކަތް ފާހަގަކޮށް، ގައުމީ ފެންވަރުގައި އަގުވަޒަން ކުރުމަށްދޭ ރެހެންދި އެވޯޑަށް ނަން ހުށަހެޅުމަށް ހުޅުވާލައިފިއެވެ.
މި އެވޯޑު ދެނީ، ގައުމީ ހިދުމަތުގައި އެކިއެކި ދާއިރާތަކުން އަންހެނުން ކުރާ މަސައްކަތްތަކާއި، ދިވެހިރާއްޖޭގެ ގައުމީ ތަރައްގީއަށާއި މުޖުތަމައު ބިނާ ކުރުމަށް އަންހެނުން އަދާކުރާ ދައުރަށެވެ. އަދި މުޖުތަމައުގައި އަންހެނުންގެ ހައްގުތައް ރައްކާތެރިކުރުމަށާއި، އަންހެނުންގެ ކުރިއެރުމަށް ވަކި ފަރުދުންނާއި މުއައްސަސާތަކާއި، ޖަމުޢިއްޔާތަކާއި ޖަމާޢަތްތަކުން ކުރަމުންދާ މަސައްކަތްތަކުގެ އަގު، ގައުމީ ފެންވަރުގައި ވަޒަން ކުރުމުގެ ގޮތުންނެވެ.
މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓުން ކުރި އިއުލާނެއްގައިވަނީ މިއަދުން ފެށިގެން އަންނަ މެއިމަހުގެ ހަތަރުވަނަ ދުވަހުގެ 14:00ގެ ނިޔަލަށް، މި އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފައިވާކަމަށެވެ.
މިނިސްޓްރީން ބުނީ މި އެވޯޑަށް އަމިއްލައަށް ނަން ހުށަހެޅުމުގެ އިތުރުން، އެހެން ފަރާތަކުން ނަން ހުށަހެޅުމުގެ (ނޮމިނޭޓް ކުރުމުގެ) ފުރުސަތު އޮތް ކަމަށެވެ. އެ ގޮތުން އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުންނާއި ޖަމުއިއްޔާ ޖަމާއަތްތަކަށް ވެސް ނަން ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ.
މި އެވޯޑަށް ކުރިމަތިލުމުގެ ޝަރުތުތަކާއި އެޕްލިކޭޝަން ފޯމު ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓް މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑު ކުރެއްވޭއިރު، އަތޮޅުތަކުގައި ގާއިމުކޮށްފައިވާ ފެމިލީ އެންޑް ޗިލްޑަރަންސް ސާވިސް ސެންޓަރު ތަކުން ވެސް ލިބެން ހުންނާނެ ކަމަށް ބުނެފައިވެއެވެ.
އެޕްލިކޭޝަންތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މި އެވޯޑަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތުގައި، މިނިސްޓްރީގެ އީމެއިލުންނާއި، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސްތަކުގެ ހެނދުނު 9:00އިން މެންދުރުފަހު 14:00އަށް، މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް (އުމަރު ޒާހިރު އޮފީސް އިމާރާތް، އޯކިޑުމާ ހިނގުން، ހުޅުމާލެ)ގެ ކައުންޓަރުންނެވެ.
އަންހެނުންގެ އަގުވަޒަން ކުރުމަށް ޓަކައި، ރެހެންދި އެވޯޑު ދޭން ފެށީ 2014ވަނަ އަހަރުން ފެށިގެންނެވެ.