ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ "އޮޕަރޭޝަން ކުރަނގި" ގެ ދަށުން ބިދޭސީންގެ މައުލޫމާތު އެއްކުރުމުގެ ހަރަކާތުގައި ބައިވެރި ނުވެ ބަޔޯމެޓްރިކް ޑާޓާ އަދާހަމަ ނުކުރާ ބިދޭސީން ޑީޕޯޓް ކުރާ ގޮތަށް އެ ވުޒާރާއިން ނިންމައިފިއެވެ.
އޮޕަރޭޝަން ކުރަނގި ފެށިފައިވަނީ މިދިޔަ އަހަރުގެ މެއި މަހުގެ 2 ވަނަ ދުވަހުއެވެ. މި އޮޕަރޭޝަންގެ މައިގަނޑު މަޤްސަދަކީ ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ ފިންގަރ ޕްރިންޓާއި ފޮޓޯ އަދި މައުލޫމާތު 1 އަހަރު ދުވަހުގެ ތެރޭގައި އެއްކުރުމެވެ.
އެ ވުޒާރާއިން ކުރި އިއުލާނެއްގައި ވިދާޅުވީ ބިދޭސީންގެ ބައޯމެޓްރިކްސް (ފިންގަރޕްރިންޓް އަދި ފޮޓޯ) އަދާހަމަކުރުމުގެ އެންމެ ފަހު ތާރީހަކީ އޭޕްރީލް 20 ވަނަ ދުވަސް ކަމަށެވެ. އަދި މި މުއްދަތުގެ ތެރޭގައި ބައޯމެޓްރިކްސް އަދާހަމަ ނުކުރާ ބިދޭސީން ރާއްޖެއިން ޑީޕޯޓްކޮށްލެވޭނެ ކަމަށްވެސް ވިދާޅުވެފައި ވެއެވެ.
އެ ވުޒާރާއިން ކުރި އިތުރު އިއުލާނެއްގައި ވިދާޅުވީ މާލެ ސަރައްހައްދުގައު ފިޔަވައި މީހުން ދިރިއުޅޭ ރަށްރަށުގައި ވަޒީފާއަދާ ކުރާ ބިދޭސީ މަސައްކަތްތެރިންގެ ބައޯމެޓްރިކްސް އަޕްޑޭޓްކުރުމުގެ މަސައްކަތް މާރޗް 01 ވަނަ ދުވަހުގެ ކުރިން ވަޒީފާދޭ ފަރާތުން ކައުންސިލްތަކާއި ގުޅިގެން ކުރިއަށް ގެންދިއުމަށް އަންގާ ކަމަށެވެ.
އަދި ރިޒޯޓްތަކާއި ސަފާރީތަކާއި، ދަނޑުވެރިކަން ކުރުމަށް ހާއްސަކޮށް ދޫކޮށްފައިވާ ރަށްރަށުގައާއި، އަދި އެހެނިހެން ސިނާއީ މަސައްކަތްކުރާ ރަށްތަކުގައި ވަޒީފާއަދާ ކުރާ ބިދޭސީންގެ ބައޯމެޓްރިކްސް އަޕްޑޭޓްކުރުމުގެ މަސައްކަތް އޭޕްރީލް 15 ވަނަ ދުވަހުގެ ކުރިން އެންސީއައިޓީގައި ގާއިމްކޮށްފައިވާ ޖޮއިންޓް އޮޕަރޭޝަން ސެންޓަރ ނުވަތަ އެ ބިދޭސީ މުވައްޒަފަކު ވަޒީފާއަދާކުރާ ސައިޓަކާއި އެންމެ ކައިރީގައިވާ ކައުންސިލް އިދާރާއަކާއި ގުޅިގެން ކުރިއަށް ގެންދިއުމަށް އަންގާ ކަމަށްވެސް އެ އިއުލާނުގައި ވެއެވެ.
އެ އިއުލާނުގައި ވަނީ މި މުއްދަތުގެ ތެރޭގައި ބައޯމެޓްރިކްސް އަޕްޑޭޓް ނުކުރާ ފަރާތްތައް އެކްސްޕެޓް ސިސްޓަމްއިން ސަސްޕެންޑްކޮށް ހިދުމަތް މެދުކަނޑާލެވޭނެ ކަމަށެވެ.