ރެޖިސްޓާ އޮފް ކޮމްޕެނީސް މަރިޔަމް ވިސާމް އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
ވިސާމް މަގާމުން އިސްތިއުފާ ދެއްވިކަން އޭނާ ވަނީ ބައެއް ނޫސްތަކަށް ކަށަވަރުކޮށްދެއްވާފައެވެ. މަރިޔަމް ވިސާމް އިސްތިއުފާ ދެއްވީ މިމަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ.
އޭނާ ވިދާޅުވީ، އިސްތިއުފާ ދެއްވީ ޕްރައިވެޓް ސެކްޓާގައި އިތުރު ހަރުފަތަކަށް މަސައްކަތް ކުރުމަށް ކަމަށެވެ.
ޖެނުއަރީ 4، 2014 ގައި ރަޖިސްޓްރާ އޮފް ކޮމްޕެނީސްގެ މަގާމަށް އައްޔަން ކުރެއްވި ވިސާމް އަކީ އޮސްޓްރޭލިއާގެ ޔުނިވަރސިޓީ އޮފް ކުއީންސްލޭންޑުން ބިޒްނަސް އިކޮނޮމިކްސްގެ ދާއިރާއިން މާސްޓަރސް ޑިގްރީ ހާސިލް ކުރައްވާފައި ފަރާތެކެވެ. އަދި ނޯތަމްބްރިއާ ޔުނިވަރސިޓީން މާކެޓިންގ މެނޭޖްމަންޓްގެ ދާއިރާއިން ޑިގްރީ ހާސިލް ކުރައްވާފައިވެއެވެ.
ރެޖިސްޓްރާގެ މަގާމަށް އައްޔަންކުރެއްވުމުގެ ކުރިން ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) ގެ ޑިރެކްޓަރު ކަން އަދި އެކްޓިން ޑެޕިއުޓީ ސީއީއޯގެ މަގާމު އަދާކުރައްވާފައިވެއެވެ. މީގެ އިތުރުން ޕެންޝަން އޮފީހުގެ ބޯޑު މެމްބަރެއްގެ ގޮތުގައި ވެސް ވިސާމް މަސައްކަތް ކުރެއްވިއެވެ.