twitterviber whatsapp telegramfacebookyoutube instagram
21st March 2025

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ޝަހީދު އައްޔަނު ކުރައްވައިފި

Mar 20, 2025

ރައީސް، ޑރ. މުހައްމަދު މުއިއްޒު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 148 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ސ. ހިތަދޫ، ބާޒީގެ އަލްއުސްތާޛު ޙުސައިން ޝަހީދު އައްޔަންކުރައްވައިފިއެވެ.

‎ރައީސް އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ހުސައިން ޝަހީދަށް މަޤާމުގެ ހުވައި ލައިދެއްވީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛާ އާއިޝާ ޝުޖޫން މުޙައްމަދުއެވެ. އަދި، މަޤާމަށް އައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސް ވަނީ ޝަހީދާ ހަވާލުކުރައްވާފައެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ މަގާމު ހުސްވީ ހުސްނުއްސުއޫދު އިސްތިއުފާ ދެއްވުމުންނެވެ. އެ މަގާމަށް މީހަކު އައްޔަންކުރުމަށް އެންމެ ފުރަތަމަ އިއުލާނުކުރުމުން ކުރިމަތިލެއްވީ ކުރީގެ ޑީޕީޖީ މަރްޔަމް ނިހާޔަތު އެކަންޏެވެ. އެހެންކަމުން ޖޭއެސްސީން ވަނީ ދެވަނަ ފަހަރަށް އިއުލާން ކޮށްފައެވެ. އެ ފަހަރު ހައިކޯޓުގެ އިސްފަނޑިޔާރު ޝަހީދާއި ގާނޫނީ ވަކީލް ރުސްދުﷲ އިބްރާހީމް ކުރިމަތިލެއްވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަޖިލިހުގެ ޖުޑިޝަރީ ކޮމިޓީން ޝަހީދުގެ ނަން ފާސްކޮށްފައިވާއިރު، މިއަދުގެ ޖަލްސާގައި ވޯޓަށް އެއްސެވުމުން އެމްޑީޕީގެ މެމްބަރުން ހިމެނޭހެން ފެންނަ ކަމަށް 64 މެމްބަރުން ވަނީ ވޯޓުދެއްވާފައެވެ.

ޝަހީދުއަކީ މިސްރުގެ އަލްއަޒުހަރު ޔުނިވަސިޓީއާއި ކުއްލިޔަތުލް ދިރާސާތިލް އިސްލާމިއްޔާއިން ޝަރީއަތާއި ގާނޫނުގެ ރޮނގުން މަތީ ތައުލީމު ހާސިލްކުރެއްވުމަށް ފަހު ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަސިޓީން މާސްޓާ އޮފް އިސްލާމިކް ޖުޑީޝަލް ސައިންސް އެންޑް ޝަރީއާ ޕޮލިސީ ހާސިލް ކުރައްވައިގެން ހުންނެވި ބޭފުޅެކެވެ. ހައި ކޯޓުގެ ފަނޑިޔާރު ޝަހީދު މީގެ ކުރިން ވަނީ ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަމާއި ފޭދޫ މެޖިސްޓްރޭޓް ކަން ކުރައްވައިފައެވެ.

ޖުލައި 24، 2018 ގައި ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރި ޝަހީދު މީގެ ކުރިން ވަނީ ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަމާއި ފޭދޫ މެޖިސްޓްރޭޓް ކަން ކުރައްވައިފައެވެ. އޭނާ ހައިކޯޓުގެ އިސް ފަނޑިޔާރަކަށް އައްޔަންންކުރީ އޮކްޓޫބަރު 26، 2023 ގައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355