މި ރަމަޟާން މަހުގެ ފަހު 10ގެ ދުވަސްތަކުގައި، ވަޒީފާއަށް ނުކުންނަންޖެހޭ ސަރުކާރު މުވައްޒަފުންނަށް ހާއްސަ އިނާޔަތް ދިނުމަށް ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.
މިދިޔަ އަހަރެކޭ ވެސް އެއްފަދައިން ރައީސް މުއިއްޒު ވަނީ ރަމަޟާންމަހުގެ ފަހު 10ގެ ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ކަނޑައަޅައިފައެވެ.
އެގޮތުން އެ ދުވަސްތަކުގައި މަސައްކަތަށް ނުކުންނަ ކޮންމެ މުވައްޒަފަކަށް އިނާޔަތެއް ދިނުމަށް އެމަނިކުފާނު ނިންމެވުމާ ގުޅިގެން ފިނޭންސް މިނިސްޓްރީން ވަނީ އެކަން އިއުލާނުކޮށްފައެވެ.
ފިނޭންސް މިނިސްޓްރީން ގެޒެޓުކުރި ދައުލަތުގެ ޕޭ ފްރޭމްވޯކްގެ މިންގަނޑުތަކުގެ ހަތް ވަނަ އިސްލާހުގައިވާ ގޮތުގައި، ރަމަޟާން މަހުގެ ނިޔަލަށް ދައުލަތުގެ އިދާރާތަކުގައި ރައްޔިތުންނަށް ކޮންމެހެން ދޭންޖެހޭ ހިދުމަތްތައް ދިނުމަށްޓަކައި، އެ އިދާރާއަކުން ކަނޑައަޅާ ގޮތެއްގެ މަތިން، އެ އިދާރާއިން މަސައްކަތަށް ނުކުންނަންޖެހޭ މުވައްޒަފުން މަސައްކަތަށް ނުކުންނަ ހުރިހާ ދުވަހަކަށް ހާޒިރީ އިނާޔަތް ދޭން ޖެހޭނެއެވެ.
އަދި ދައުލަތުގެ ޕޭ ފްރޭމްވޯކަށް ބަދަލުވެފައިވާ މުވައްޒަފުންނަށް ރަމަޟާންމަހުގެ 20 ވަނަ ދުވަހުން ފެށިގެން ރަމަޟާންމަހުގެ ނިޔަލަށް ހިމެނޭ ދުވަސްތަކުގެ ތެރެއިން ހުކުރު އަދި ހޮނިހިރު ދުވަސްތައް ފިޔަވައި އެހެން ދުވަސްތަކަށް، އެ މުވައްޒަފުން އޮފީހަށް ހާޒިރުނުވި ނަމަވެސް ހާޒިރީ އިނާޔަތް ދޭންޖެހޭނެ ކަމަށް އުސޫލުގައިވެއެވެ.
އަދި ރަމަޟާންމަހުގެ 20 ވަނަ ދުވަހުން ފެށިގެން އެ މަހުގެ ނިޔަލަށް ހިމެނޭ ހުރިހާ ދުވަހަކަށް އިތުރުގަޑީގެ ފައިސާ ދިނުމުގައި ހިސާބު ކުރާނީ ރަސްމީ ބަންދު ދުވަސްތަކާ އެއްގޮތަށް ކަމަށް ވަނީ ކަނޑައަޅައިފައެވެ. ހަމައެއާއެކު ދިވެހިރާއްޖޭގެ ރަސްމީ ކަލަންޑަރުގައި ކަނޑައަޅާފައިވާ ބަންދު ދުވަސްތަކުގެ އިތުރުން، ރައީސުލްޖުމްޙޫރިއްޔާގެ އޮފީހުގެ ދެންނެވުމަކުން ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅާ ދުވަސްތަކަށް އިތުރުގަޑީގެ ފައިސާ ދިނުމުގައި ވެސް ހިސާބުކުރާނީ ރަސްމީ ބަންދު ދުވަސްތަކާ އެއްގޮތަށް ކަމަށް ކަނޑައަޅާފައިވެއެވެ.
އެ އުސޫލުގައި ބުނެފައިވާ ގޮތުގައި ވަޒީފާއާ ބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ "ރަސްމީ ބަންދު ދުވަސް"ތަކުގައި މަސައްކަތްކުރުމުން ލިބޭނެކަމަށް ބަޔާންކޮށްފައިވާ މުސާރައިން ދުވާލަކަށް ޖެހޭ މިންވަރުގެ ދެބައިކުޅަ އެއްބަޔާ އެއްވަރުގެ އިނާޔަތެއް ދޭންޖެހޭނެއެވެ. މި ގާނޫނުގެ ދަށުން އިސްތިސްނާވާ މުވައްޒަފުންނެއް ނުހިމެނޭނެއެވެ.
މި އަހަރު ރޯދަމަހުގެ ފަހު 10 އާ އެކު ސަރުކާރު މުވައްޒަފުންނަށް ބޮޑު ބަންދެއް ލިބެއެވެ. ރައީސް ވަނީ ކުޑަ ޢީދު ހަފުތާ ވެސް ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ހަމަޖައްސަވަން ނިންމަވައިފައެވެ.
ރައީސް އޮފީހުން ބުނީ، ރައީސް އެގޮތަށް ނިންމެވީ އާއިލާއާ އެކު ވީހާވެސް ގިނަ ދުވަސްތަކެއް އެކުގައި ހޭދަކުރަން ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ކަމަށެވެ.