ކީރިތި ޤުރުއާން ހިތުދަސްކޮށްފައިވާ ޙާފިޡުންގެ ދަސްވެނިވުން ފުރަތަމަ ފަހަރަށް ފާހަގަކުރައްވައި، ސަނަދު ދެއްވައިފިއެވެ.
ދަސްވެނިވި ހާފިޘުންނަށް ސެޓިފިކެޓު ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. މިއީ ރާއްޖޭގައި ކީރިތި ޤުރުއާން ހިތުދަސްކުރި ޙާފިޡުން ދަސްވެނިވުމަށް ބޭއްވި ފުރަތަމަ ރަސްމިއްޔާތެވެ.
ކީރިތި ޤުރްއާނާބެހޭ މަރުކަޒުން އިންތިޒާމްކޮށްގެން ރޭ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ކުރިއަށްގެންދިޔަ މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދަސްވެނިވި ޙާފިޡުންނަށް ޙާފިޡުކަމުގެ ސެޓްފިކެޓް ހަވާލުކޮށްދެއްވާފައެވެ. މި ރަސްމިއްޔާތުގައި ޖުމްލަ 24 ޙާފިޡުންނަށް ދަސްވެނިވުނުކަމުގެ ސެޓްފިކެޓް ރައީސުލްޖުމްހޫރިއްޔާ ހަވާލުކޮށްދެއްވާފައިވެއެވެ.
ދީނީ ކަންކަމަށް ދެއްވާ ހާއްސަ ސަމާލުކަމުގެ ސަބަބުން، ކީރިތި ޤުރުއާން އުނގަންނައި ދިނުމުގެ އަމަލީ މަސައްކަތް ވަނީ ކުރިއަށް ވުރެ ފުޅާވެގެންގޮސްފައެވެ. އެގޮތުން މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ކީރިތި ޤުރުއާން ކިޔަވައިދޭ ކްލާސްތައް ހިންގެވުމަށް ނިންމެވުމާއި ގުޅިގެން، ހިލޭ ސާބަހަށް ކިޔަވައިދޭ ކްލާސްތަކެއް ރާއްޖޭގެ އެކި ސަރަހައްދުތަކުގެ 10 މިސްކިތެއްގައި މިހާރު ހިންގަމުން އެބަ ގެންދެއެވެ.
އެކި ސަބަބުތަކާ ހުރެ ހުއްޓިފައިވާ ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ ގޮފިތައް އަލުން ފެށުމުގެ ގޮތުން މުދައްރިސުން ހޯދުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން 6 ރަށަކަށް ބޭނުންވާ މުދައްރިސުން ރާއްޖެއިން ބޭރުން ވަނީ ގެނަސްފައެވެ. ހަމައެއާއެކު ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުގެ ސެންޓަރުތައް 7 ރަށެއްގައި އަލަށް ޤާއިމުކޮށްފައިވެއެވެ.
ޙާފިޡުން އުފެއްދުމަށް މި ސަރުކާރުންދޭ ޚާއްޞަ އަހަންމިއްޔަތުގެ ތެރެއިން 630 ދަރިވަރުން މިހާރު ވެސް ކިޔަވަމުންދާއިރު، ކީރިތި ޤުރުއާން ހިތުދަސްކުރާ ފަރާތްތަކަށް ސަރުކާރުންދޭ މާލީ ޢިނާޔަތް ދެގުނައަށް ބޮޑުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ. އަދި ޙާފިޡުކަމުގެ ސެޓްފިކެޓަކީ އެޑްވާންސް ލެވެލްގެ ސެޓްފިކެޓެއްގެ ގޮތުގައި މިސަރުކާރުން ވަނީ ހަމަޖައްސަވާފައެވެ.