twitterviber whatsapp telegramfacebookyoutube instagram
7th April 2025

މިއަހަރުވެސް ކުޅުދުއްފުށީގެ ސްކޫލްތަކަށް އެންމެ ބޮޑު މައްސަލައަކީ ޖާގައިގެ ދަތިކަން، އިމާރާތްތައް ހުރީ ހުއްޓިފައި

އަބްދުލް ވާހިދު ޙަސަން
Apr 7, 2025
1

ދިރާސީ އާ އަހަރުގެ ކިޔެވުން މިއަދު ފެށުނުއިރު ކުޅުދުއްފުށީ ސްކޫލްތަކުގައި ތައުލީމު ހާސިލުކުރާ ދަރިވަރުންގެ އަދަދު އުޅެނީ 2947 ގަ އެވެ. މިދިޔަ އަހަރު މިއަދަދު 3009 ދަރިވަރުން ކުޅުދުއްފުށީ ސްކޫލްތަކުގައި ތައުލީމު ހާސިލްކުރިއިރު އޭގެ ކުރީ އަހަރު އެ އަދަދު އުޅުނީ 3000 ގަ އެވެ.

އަހަރުން އަހަރަށް ދަރިވަރުންގެ އަދަދު އިތުރުވަމުން އަންނައިރު މިއަހަރުގެ ވެސް އެންމެ ބޮޑު ގޮންޖެހުމަކީ ސްކޫލްތަކުގެ ޖާގައިގެ މައްސަލަ އެވެ. ނިމިދިޔަ ސަރުކާރުގައި ހަދަން ފެށި ކުލާސް ރޫމްތަކުގެ މަސައްކަތް ހުރީ އެއްކޮށްހެން ހުއްޓިފަ އެވެ.

އެ މަސައްކަތް އެއްގޮތަކަށްވެސް ކުރިއަކަށްނުދެ އެވެ. މިހެންވުމުގެ ސަބަބުން މިއަހަރުވެސް އަފީފުއްދީން ސްކޫލްގައި ކިޔަވައިދިނުމަށް ޖެހެނީ ދެ ދަންފަޅިއަށެވެ. އަދި މިއަހަރު އަލަށް ޖަލާލުއްދީން ސްކޫލްގައި ދެ ދަންފަޅިއަށް ކިޔަވައިދޭން ފަށާނެ އެވެ.

މިއަހަރު އެންމެ ގިނަ ދަރިވަރުން ތައުލީމް ހާސިލުކުރަނީ ފައުންޑޭޝަން ގުރޭޑްތަކުން ފެށިގެން ގްރޭޑް 1 ން 10 އަށް ކިޔަވައިދޭ އަފީފުއްދީން ސްކޫލްގައި އެވެ. އެ ސްކޫލުގައި މިއަހަރު ޖުމްލަ 1024 ދަރިވަރުން ތައުލީމް ހާސިލުކުރާނެ އެވެ.

އަތޮޅުތެރޭގެ ސްކޫލުތަކުގެ ތެރެއިން އެންމެ އާބާދީ ބޮޑު މި ސްކޫލަށް މިއަހަރު އަލަށް ވަދެފައިވަނީ 115 ދަރިވަރުންނެވެ. މި ސްކޫލްގެ ޖާގައިގެ މައްސަލަ ހައްލުކުރުމަށް މިދިޔަ ސަރުކާރުން އަޅަން ފެށި އިމާރާތުގެ މަސައްކަތް ހުރީ ހުއްޓިފަ އެވެ. މިއީ ސްކޫލުގެ އެންމެ ބޮޑު ކަންބޮޑުވުމެވެ.

ފައުންޑޭޝަން ގުރޭޑުން ފެށިގެން ގުރޭޑް 10 އަކަށް ކިޔަވައިދޭ ހދ އަތޮޅު ތައުލީމީ މަރުކަޒުގައި މިއަހަރު 1008 ދަރިވަރުން ތައުލީމް ހާސިލުކުރާނެ އެވެ. އެ ސްކޫލަށް އަލަށް މިއަހަރު ވަދެފައިވަނީ 102 ދަރިވަރުންނެވެ.

އެއްދަންފަޅިއަށް ކިޔެވިނަމަވެސް މި ސްކޫލަށްވެސް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ޖާގައިގެ ދަތިކަމެވެ. މި ސްކޫލްގައިވެސް އިމާރާތްކުރަން ފެށި އޮފީސް އިމާރާތުގެ މަސައްކަތް ހުރީ ހުއްޓިފަ އެވެ.

ގުރޭޑް 1-12 އަށް ކިޔަވައިދޭ ޖަލާލުއްދީން ސްކޫލުގައި މި އަހަރު ޖުމްލަ 779 ދަރިވަރުން ތައުލީމް ހާސިލުކުރާނެ އެވެ. އެކަމަކު އޭލެވެލްއަށް ފެށުމުން އެ އަދަދު އިތުރުވާނެ އެވެ. އެ ސްކޫލަށް މިއަހަރު އަލަށް 97 ދަރިވަރުން ވަދެފައިވެ އެވެ.

މީގެ އިތުރުން ކުޅުދުއްފުށީގައި އަމިއްލަ ފަރާތްތަކުން ހިންގާ ޕްލޭ ސްކޫލެއްކަމަށްވާ ސްމާޓް ވޭލީ ސްކޫލުގައި މިއަހަރު 115 އެއްހާ ދަރިވަރުން ތައުލީމް ހާސިލުކުރާނެ އެވެ.

ކުޅުދުއްފުށީގެ ސްކޫލުތަކުގައި މިއަހަރު 328 ޓީޗަރުން މަސައްކަތްކުރާނެ އެވެ. އޭގެ ތެރެއިން 39 ޓީޗަރުންނަކީ ބިދޭސީ ޓީޗަރުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355