2023-2024 އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން މިއަދު ފެށުނުއިރު ކުޅުދުއްފުށީގެ ސްކޫލްތަކަށް ދިމާވެފައިވާ ޖާގައިގެ މައްސަލަ ހައްލުނުވާކަމަށް ސްކޫލްތަކުން ބުނެފި އެވެ.
ކުޅުދުއްފުށީ ސްކޫލުތަކުގެ އުމްރާނީ މާގިނަ މަސައްކަތެއް މިދިޔަ އަހަރުތަކުގައިވެސް ކުރިއަށްގޮސްފައެއް ނުވެ އެވެ. އެހެންވުމުގެ ސަބަބުން އެއް އަހަރުން އަނެއް އަހަރަށް ޖާގައިގެ ދަތިކަމުގެ މައްސަލަ އަންނަނީ އިތުރުވަމުންނެވެ.
މިދިޔަ އަހަރެކޭވެސް އެއްގޮތަށް އަފީފުއްދީން ސްކޫލު މިއަހަރުގެ ދާނީ ދެ ދަންފަޅިއަށެވެ. އެ ސްކޫލުގެ ދަރިވަރުންގެ އަދަދު މިއަހަރު 1085 ގައި އުޅޭއިރު އެ ސްކޫލަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީވެސް ޖާގައިގެ ދަތިކަމެވެ. 2020 ވަނަ އަހަރު ބަޖެޓްގައި ހިމެނި 8 ރޫމުގެ ކުލާސް ރޫމުގެ މަސައްކަތް އަދިވެސް ނިންމާލެވިފައެއް ނުވެ އެވެ.
އެ މަޝްރޫއުގެ މަސައްކަތަށް ގިނަ އަހަރުތަކެއްވެފައިވާއިރު އަދި އެންމެ ތަނބެއްވެސް މަސައްކަތްވެސް ނިންމާލެވިފައެއް ނުވެ އެވެ.
ޖަލާލުއްދީން ސްކޫލުގެ ޖާގައިގެ މައްސަލައަށް ބަލާއިރު އެސެމްބުލީތަކާއި ބެލެނިވެރިންގެ ބައްދަލުވުންތައްވެސް ހޯލުގައި ބާއްވަން ޖެހެނީ އެކި ބައި ބަޔަށް ބަހާލައިގެންނެވެ. ހޯލުގެ ޖާގައިގެ މައްސަލަ އާއި ސްކޫލަށް ދިމާވެފައިވާ ކުލާސް ރޫމްގެ ދަތިކަމުގެ މައްސަލަ ހައްލުކުރަން ސަރުކާރުން އުޅޭތާ ދެ އަހަރަށްވުރެ ގިނަ ދުވަސްވެފައިވާއިރު އެ މައްސަލައަށް ހައްލެއް ލިބިފައެއް ނުވެ އެވެ.
ހދ އަތޮޅު ތައުލީމީ މަރުކަޒަކީ އާބާދީ 1000 މަތީގައި އުޅޭއިރު އެ ސްކޫލަށް ދިމާވެފައިވާ ޖާގައިގެ މައްސަލަވެސް ހައްލެއް ނުކުރެވުނެވެ. ކުޅުދުއްފުށީގެ ސްކޫލުތަކުގެ ތެރެއިން މިއަހަރު އެންމެ ގިނަ ދަރިވަރުން ވަދެފައިވަނީ ހދ އޭއީސީއަށެވެ. އެ ސްކޫލުގެ އާބާދީވެސް ދުވަހެއް ދުވަހަކަށް މަތިވަމުން އަންނައިރު ޖާގައިގެ މައްސަލައަކީ ބޮޑު ކަންބޮޑުވުމެކެވެ.
ކުޅުދުއްފުށީ ސްކޫލުތަކަށް ދިމާވެފައިވާ ޖާގައިގެ މައްސަލަ ހައްލެއް ހޯދުމުގެ ގޮތުން ސްކޫލެއް އެޅުމަށް ބަޖެޓްގައި ހިމެނި އެވެ. އެހެންނަމަވެސް އެ މަސައްކަތްވެސް މިއަދާ ހަމަށް ފެށިފައެއްނުވެ އެވެ.
ހދ އަތޮޅު ތައުލީމީ މަރުކަޒުގެ އިނާމު ދިނުމުގެ ރަސްމިއްޔާތު މިއަހަރުގެ ޖޫންމަހު ޝަރަފުވެރިކޮށްދެއްވާ ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު މުޖާހިދު ވިދާޅުވެފައިވަނީ އިރާދަކުރެއްވިއްޔާ ކުރިއަށްއޮތްތަނުގައި ކުޅުދުއްފުށީގައި އިތުރު ސްކޫލެއް އެޅިގެން ދާނެ ކަމަށާއި އެ މަސައްކަތް ހަވާލުކުރުމަށް މި އަހަރުތެރޭގައި އިއުލާނުކުރެވޭނެ ކަމަށެވެ.
ރަސްމިއްޔާތުގެ ހަވާސާގައި ކޭއޯ އިން ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މުޖާހިދު ވިދާޅުވީ، ކުޅުދުއްފުށީގައި އަލަށް އިމާރާތްކުރަން ނިންމާފައިވާ ސްކޫލަށް ގާތްގަނޑަކަށް 75 މިލިއަން ރުފިޔާ ހަރަދުވާނެކަމަށް ލަފާކުރެވޭ ކަމަށާއި އެ މަސައްކަތުގެ ބިޑް ސެޕްޓެމްބަރު ނުވަތަ އޯގަސްޓްމަހުގެ ތެރޭގައި ހުޅުވާލެވޭނެ ކަމަށެވެ.
ކުޅުދުއްފުއްޓަށް ދިމާވެފައިވާ ޖާގައިގެ މައްސަލަ ހައްލުވާން އޮތީ އާ ސްކޫލެއް ހެދިގެންނެވެ. ޕްރައިވެޓް ސްކޫލަކާއެކު ކުޅުދުއްފުށީގައި ހުންނަ ސަރުކާރުގެ ތިން ސްކޫލުގައި 3000 ދަރިވަރުން މިއަހަރު ތައުލީމު ހާސިލުކުރާނެ އެވެ.