ކުޅުދުއްފުށީގައި އިތުރު ސްކޫލެއް އެޅުމަށް ތައްޔާރުވަމުން އަންނަ ކަމަށް އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު މުޖާހިދު ވިދާޅުވެއްޖެ އެވެ.
މުޖާހިދު މިކަން އިއުލާންކުރެއްވީ ރޭ، ހދ އަތޮޅު ތައުލީމީ މަރުކަޒުގެ 2021-2022 ވަނަ އަހަރުގެ އިނާމު ދިނުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުންނެވެ.
މުޖާހިދު ވިދާޅުވީ އިރާދަކުރެއްވިއްޔާ ކުރިއަށްއޮތްތަނުގައި ކުޅުދުއްފުށީގައި އިތުރު ސްކޫލެއް އެޅިގެން ދާނެ ކަމަށާއި އެ މަސައްކަތް ހަވާލުކުރުމަށް މި އަހަރުތެރޭގައި އިއުލާނުކުރެވޭނެ ކަމަށެވެ.
"މި ސިޓީގެ 4 ވަނަ ސްކޫލް މިހާރުވަނީ އިއުލާން ކުރުމަށްޓަކައި ތައްޔާރުވެ ޑިޒައިން ކުރުމުގެ މަސައްކަތްދަނީ ކުރެވެމުން އެހެންވީމާ ހަގީގަތުގައި ތައުލީމަށްޓަކައި ވަރަށް ގިނަ ހަރަދުތަކެއް އެބަ ކުރެވޭ، ވަރަށް ގިނަ މަސައްކަތްތަކެއް އެބަ ކުރެވޭ." ސްޓޭޓް މިނިސްޓަރ އަހުމަދު މުޖާހިދު ވިދާޅުވި އެވެ.
ރަސްމިއްޔާތުގެ ހަވާސާގައި ކޭއޯ އިން ކުރެއްވި ސުވާލަކަށް ޖަވާނު ދެއްވަމުން މުޖާހިދު ވިދާޅުވީ، ކުޅުދުއްފުށީގައި އަލަށް އިމާރާތްކުރަން ނިންމާފައިވާ ސްކޫލަށް ގާތްގަނޑަކަށް 75 މިލިއަން ރުފިޔާ ހަރަދުވާނެކަމަށް ލަފާކުރެވޭ ކަމަށާއި އެ މަސައްކަތުގެ ބިޑް ސެޕްޓެމްބަރު ނުވަތަ އޯގަސްޓްމަހުގެ ތެރޭގައި ހުޅުވާލެވޭނެ ކަމަށެވެ.
ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ އެންމެ ގިނަ ހަރަދެއްކުރެވޭ އެއްދާއިރާއަކީ ތައުލީމީ ދާއިރާކަމަށް ވަނީ ވެފަ ކަމަށެވެ. އެކަން މި ސިޓީއަށް ބަލާލިނަމަވެސް ފެންނާނެ ކަމަށާއި ކުޅުދުއްފުށީގައިވެސް ތައުލީމީ ގިނަގުނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ.
އެގޮތުން ހދ އޭއީސީގެ އޮފީސް އިމާރާތް މިހާރު ދަނީ ކުރެވެމުން އަންނަ ކަމަށާއި، ޖަލާލުއްދީން ސްކޫލްގެ މަލްޓިޕާޕަސް ހޯލް އިއުލާންކުރުމަށްފަހު މި މަހު ޓެންޑާއަށް ފޮނުވޭނެ ކަމަށް ވިދާޅުވި އެވެ. އަދި ޖަލާލުއްދީން ސްކޫލާއި އަފީފުއްދީން ސްކޫލްގެ 8 ކުލާސް ރޫމްގެ މަސައްކަތް މިހާރު ކުރިއަށް ދާކަމަށް މުޖާހިދު ވިދާޅުވި އެވެ.
މުޖާހިދު ވިދާޅުވީ ރަށަކަށް ނޫނީ ގައުމަކަށް ތައުލީމަށް ވުރެއްބޮޑުކަމެއް ނޯނާނެ ކަމަށާއި އެކަމަށް ކުރާ ހޭދަތަކަކީ އިމާރާތްތަކެއްހެން ނުފެނިދާނެ ކަންކަން ކަމަށެވެ. ނަމަވެސް އޭގެ ފައިދާ ފެންނާނީ އަހަރުތަކެއް ފަހުން އެ ތައުލީމު ހާސިލްކުރާ ކުދިންގެ ކިބައިންކަމަށެވެ.
ކުޅުދުއްފުށީގައި ސްކޫލުތަކުގައި ޖާގައިގެ މައްސަލަ ބޮޑުވެ، މިހާރުވެސް ދެ ސްކޫލެއްގައި 1000 އަކަށްވުރެ ގިނަ ދަރިވަރުން އަންނަނީ ތައުލީމު ހާސިލުކުރަމުންނެވެ. ޖާގައިގެ މައްސަލަ ހައްލުކުރުމަށް އިތުރު ސްކޫލެއް އެޅުމުގެ މަސައްކަތް މިއަހަރު ބަޖެޓްގައި ހިމެނީ ކޮމެޓީ މަރުހަލާގައި އެވެ.