ނެއްލައިދޫ ރައްޔިތުންނަށް އިގުތިސޯދީ ނަފާ ހޯދޭނެ މަގުފަހިކުރުމަށް ހދ "ހިރިނައިދޫ" އަކީ އެ އަތޮޅު ނެއްލައިދޫގެ ބައެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވައިފިއެވެ.
ރިޔާސީ އިންތިޚާބަށްފަހު، ހދ. ނެއްލައިދޫ ރައްޔިތުންނަށް ދެއްވަން ވައުދުވެވަޑައިގެންނެވި އެ ރަށް ކައިރި އޮންނަ ހިރިނައިދޫ، އަކީ ނެއްލައިދޫގެ ބައެއް ކަމުގައި ރައީސް ޑރ މުއިއްޒު ކަނޑައެޅީ ބުދަދުވަހު އެވެ.
ބުދަ ދުވަހު ނެރުއްވި ގަރާރުގައި ހދ. ހިރިނައިދޫގެ ނަން ދިވެހިބަހުންނާއި އިނގިރޭސިބަހުން ލިޔަންވީ ގޮތާއި، ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުމަށް އެކަށައަޅައިފައިވާ ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 2/2025 ގެ ޖަދުވަލުގައި ހިމަނައިފައިވާ ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ލިސްޓަށް ހިރިނައިދޫ، ނެއްލައިދޫގެ ބައެއްގެ ގޮތުގައި ވަނީ އިތުރުކޮށްފައެވެ.
ނެއްލައިދޫ ރައްޔިތުންނަށް އިޤުތިޞާދީ ނަފާ ހޯދޭނެ ރަށެއްގެ ގޮތުގައި ކައިރީގައިވާ ހިރިނައިދޫ ހަމަޖައްސަވައިދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢިއުލާންކުރެއްވީ 25 ފެބުރުވަރީ 2024 އިން 27 ފެބުރުވަރީ 2024 އަށް އެމަނިކުފާނު ހދ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ހދ. ނެއްލައިދޫއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
ނެއްލައިދޫއަށް ހިރިނައިދޫ ދިން އިރު ބިމުގެ ދަތިކަން ބޮޑު ކުޅުދުއްފުށިންވެސް ރަށެއް ނުވަތަ ފަޅެއް ހޯދުމަށް ރައީސް ޑރ މުހައްމަދު މުއިއްޒުގެ އަރިހުން އެދިފައިވެ އެވެ.