twitterviber whatsapp telegramfacebookyoutube instagram
27th August 2025

ކަށި މިޔަރުގެ މަސްވެރިކަމަށް ނޮވެމްބަރުމަހު ހުއްދަ ދިނުމަށް ރައީސް ނިންމަވައިފި

Aug 27, 2025

ކަނޑައަޅާފައިވާ މެނޭޖްމަންޓް ޕްލޭނެއްގެ ދަށުން މި ނޮވެމްބަރުމަހު، ކަށި މިޔަރުގެ މަސްވެރިކަމަށް އަލުން ހުޅުވާލައްވާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރޭ ކުޅުދުއްފުށީ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، ކަށި މިޔަރުގެ މަސްވެރިކަމަށް ނޮވެމްބަރުމަހުން ފެށިގެން އަލުން ހުޅުވާލާނެ ކަމަށެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި މިޔަރުގެ މަސްވެރިކަން މަނާކުރުމާ ހަމައަށް އެންމެ ފުޅާ ދާއިރާއެއްގައި މިޔަރުގެ މަސްވެރިކަންކުރަމުންދިޔައީ ކުޅުދުއްފުށީ ރައްޔިތުންނެވެ. އެކަމުން ބޮޑު އާމުދަނީއެއް ރަށަށް ހޯދައިއިރު އެ މަސްވެރިކަން މަނާކުރީ ރައްޔިތުންނަށް ބަދަލުވެސް ނުދީ އެވެ. އަދި މިކަން އަލުން ހުޅުވާލުމަށް ކުޅުދުއްފުށީ ރައްޔިތުން އަންނަނީ ސަރުކާރުތަކަށް ގޮވާލަމުންނެވެ.

މީގެ ކުރިން ކަށި މިޔަރުގެ މަސްވެރިކަމުން ބޮޑު އާމުދަނީއެއް ކުޅުދުއްފުށިން ހޯދަމުންދިޔަކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އެކަމާ ގުޅުންހުރި ގަވާއިދުތައް މުރާޖާކުރުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ކުރައްވާފައިވާކަމަށާއި، އަދި މެނޭޖްމަންޓް ޕްލޭންގެ ދަށުން ކަށި މިޔަރު މަސްވެރިކަން އަލުން ހުޅުވާލައްވަން ނިންމަވާފައިވާ ކަމަށެވެ. އެހެންކަމުން، ކަށިމިޔަރު މަސްވެރިކަމަށް މަސްވެރީން ތައްޔާރުވުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.

ރޭގެ ޖަލްސާގައި އެ މަނިކުފާނު ވަނީ، ފަތުރުވެރިކަމުގެ ދާއިރާއިން ރާއްވަވާފައިވާ މަސައްކަތްތަކަށްވެސް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން، އެއަރޕޯޓާއި އިންވެގެން އޮންނަ ސަރަހައްދުގައި ސިޓީ ހޮޓާ އެޅުމުގެ މަސައްކަތް އިންވެސްޓަރުންނަށް ހުޅުވާލައި، އިކޯ ޓޫރިޒަމް މަންޒިލެއްގެ ގޮތުގައި ކޭލަކުނު ތަރައްގީކުރުމާއެކު، ހދ އަތޮޅުގައި ފަތުރުވެރިކަމަށް ހުޅުވާލެވޭނޭކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355