twitterviber whatsapp telegramfacebookyoutube instagram
30th October 2025

ޝަހީދު ހުސެއިން އާދަމްގެ ފަހުރުވެރި ބަޑީގެ ޝަރަފު ކުޅުދުއްފުށީގެ ހިތަށް

Oct 29, 2025

ކުޅުދުއްފުށީގެ އެންމެ ބޮޑު ފަހުރަކީ އަދި ޝަރަފަކީ ވެސް ޝަހީދު ހުސެއިން އާދަމެވެ! ޝަހީދު ހުސެއިން އާދަމަކީ ކުޅުދުއްފުށީގެ ކޮންމެ ރައްޔިތެއްގެ ހިތާ ގުޅިފައި، އެ ނަމެއްގެ ހަނދާންތައް ދުވަހަކު ވެސް ފުހެނުލާނެ ބަތޮލެކެވެ.

އެ ޒިކުރާތައް ތާއަބަދަށް ދަންމާލަން ކުޅުދުއްފުށީގެ އެންމެ މުހިންމު އެއް ސަރަހައްދުގައި ޝަހީދު ހުސެއިން އާދަމްގެ ބިނާ ހުޅުވަން އެ ވަނީ ތައްޔާރުވެފަ އެވެ. މިއީ، ކުޅުދުއްފުށީގައި ކޮންމެހެން ހުންނަން ޖެހޭ މުހިންމު ބިނާއެކެވެ. ޅަ ދަރިންނަށް ޝަހީދު ހުސެއިން އާދަމްގެ ވާހަކަތައް އެނގެން ޖެހެ އެވެ. އެއީ އަހަރެމެންގެ އެންމެ ވަރުގަދަ ބަތޮލުކަން ބުނެދޭން ޖެހެ އެވެ.

ކުޅުދުއްފުށިން ދެން ވެސް އުފެދެން ޖެހެނީ ގައުމަށްޓަކައި އެފަދަ ބަތޮލުން ކަން ބުނެދޭން ޖެހެ އެވެ.

ޝަހީދު ހުސެއިން އާދަމްގެ ހިތްވަރާއި ކެރުމުގެ އެންމެ ވަރުގަދަ ރަމްޒަކީ ބާޣީން މާލެ އަރައި ދިން ވަރުގަދަ ހަމަލާތަކަށް ރައްދު ދިނުމަށް ގެންގުޅު ބަޑި އެވެ. އޭކޭ47 ގެ އެ ބަޑި އެވެ. ސިފައިންގެއަށް ބަޣީން ވަނަނުދީ ހިފެހެއްޓީ އެ ބަޑިން ޖެހިލުމެއް ނެތި ފޮނުވަމުން ދިޔަ ވަޒަންތަކުންނެވެ. އަތުން ވަޒަން ހުސްވެ، ގަޔަށް ވަޒަންތައް އަރަންދެން ވެސް ހުސެއިން އެ ބަޑިން ދޫކޮށްނުލަ އެވެ.

ބާޣީން ސިއްސުވާލި އެ ރައްދު ހަމަލާތައް ކާމިޔާބުކުރި ނަމަވެސް، އެ ދުވަހު ހުސެއިން އާދަމް ގައުމަށްޓަކައި ޝަހީދުވީ އެވެ. ޝަހީދުވެ ވެއްޓިފައި އޮތީ ވެސް އެ ޝަރަފުވެރި ބަޑިއާ އެކު އެވެ. އެއީ ރާއްޖޭގެ މި ފަހުގެ ތާރީހުގައި ދިވެއްސަކު ދެއްކި ވަރުގަދަ ހިތްވަރެވެ.

އެ ހިތްވަރުގެ ރަމްޒު މިހާރު ފެންނަން އެ ހުރީ ކުޅުދުއްފުށީގެ މަލަމަތީގަ އެވެ.

ޝަހީދު ހުސެއިން އާދަމްގެ ބިނާ ފަރުމާކޮށްފައިވަނީ ރައްދު ހަމަލާތައް ދިން އޭކޭ47 ގެ ބަޑި ރަމްޒުވާ ގޮތަށެވެ. ވަޒަންތައް އަރާފައިވާ ދެ ފާރުގެ މެދުގައި ހުރީ އެ ޝަރަފުވެރި ބަޑީގެ ރަމްޒެވެ.

އެ މަންޒަރު ފެންނަ ކޮންމެ ވަގުތަކު ޝަހީދު ހުސެއިން އާދަމްގެ ހިތްވަރަށް ފަހުރުވެރިވެވެ އެވެ. އެ ޒިކުރާއާ އެކު ގައިން ހީބިނަގައިގެންދެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355