twitterviber whatsapp telegramfacebookyoutube instagram
4th November 2025

ކުޅުދުއްފުއްޓަކީ ގައުމީ ރަށެއް، ވަރުގަދަ ޝަހުސިއްޔަތުންގެ ރަށެއް: އާތިފު

އަބްދުލް ވާހިދު ޙަސަން
Nov 4, 2025

ކުޅުދުއްފުއްޓަކީ ގައުމީ ރަށެއް ކަމަށާއި ގައުމާއި ރަށުގެ ދިފާއުގައި އެތައް ގުރުބާނީއެއްވި ވަރުގަދަ ޝަހުސިއްޔަތުންގެ ރަށެއްކަމަށް މޭޔަރު މުހައްމަދު އާތިފު ވިދާޅުވެއްޖެ އެވެ.

މޭޔަރު މިހެން ވިދާޅުވީ، ތިނެއް ނޮވެމްބަރު 1988 ގައި ދިވެހިންގެ ބަޔަކު އިސްވެ ސްރީލަންކާގެ ޓެރަރިސްޓުންގެ ޖަމާއަތެއްގެ ބަޔަކާ އެކު މާލެ އަރައި ދިން ހަމަލާގައި ޝަހީދުވި ގައުމީ ބަތަލު ހުސައިން އާދަމުގެ ހަނދާނުގައި، ސިޓީ ކައުންސިލުން ހެދި ބިނާ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

"ކުޅުދުއްފުއްޓަކީ ގައުމީ ރަށެއް، ކުޅުދުއްފުއްޓަކީ ބަތޮލުންގެ ރަށެއް، ކުޅުދުއްފުއްޓަކީ ވަރުގަދަ ސަހުސިއްޔަތުގެ ރަށެއް. އަބަދުވެސް އަޅުގަނޑުމެންގެ ހުރިހާ ޖީލެއްގައިވެސް ވަރުގަދަ ސަހުސިއްޔަތުން އުފެދިފައިވޭ. މިއަދު އަޅުގަނޑުމެން އެބޭފުޅަކަށްޓަކާ ފަހުރުވެރިވާ ޝަހީދު ހުސެއިން އާދަމްގެ ހަނދާނީ ބިނާ މި ހުޅުވާ ސަބަބަކީ އެސަބަބު. އަޅުގަނޑުމެންގެ ފަހުރެއް ޝަހީދު ހުސެއިން އާދަމްއަކީ." މޭޔަރު ވިދާޅުވި އެވެ.

ހަނދާނީ ބިނާގެ ސަބަބުން އަންނަ އޮތް ޖީލުތަކަށް ބަތޮލުންގެ ހަނދާނާއި މަތިވެރި ޖިހާދު އަދި އެ ބޭފުޅުންގެ ހިތްވަރު ބިނާއިން ބުނެދިނުން ކަމަށެވެ.

ރަށުގެ ބަތޮލުން ވާހަކަދައްކާއިރު ކުޅުދުއްފުށީ، ދޮންއުމަރު ކަލޭފާނަކީވެސް ފަހުރުވެރިވާ ބަތޮލެއް ކަމަށާއި އެ ބޭފުޅާގެ ވާހަކަ ދެއްކިފައިނެތްކަމުގައިވިޔަސް އެއީ ފަހުރުވެރިވާ ފަދަ ކާމިޔާބީތަކެއް ހޯދައިދެއްވި ބޭފުޅެއް ކަމަށެވެ. އަދި ދޮން އުމަރުކަލޭފާނަކީ ރާއްޖޭގެއަށް މިލިޓަރީ ގޮތުންވެސް ކާމިޔާބީތަކެއް ހޯދަވައިދެއްވި ބޭފުޅެއްކަމަށް މޭޔަރު ވިދާޅުވި އެވެ.

" ދޮންބަނޑާރައިނާއެކުގައި ކަންނައްނޫރު އަލީ ރާއްޖާގެ ލަސްކަރާ ހަނގުރާމަކުރެއްވި އެއް ކޮމާންޑަރަކީ ކުޅުދުއްފުށީ ދޮންއުމަރު ކަލޭފާނު. 1980 ގެ އަހަރުތަކާ ހަމައަށް ކުޅުދުއްފުށީ މުސްކުޅި ހުކުރު މިސްކިތުގައި އެ ބޭފުޅާ ހަނގުރާމާގައި ބޭނުންކުރެއްވި ކަނޑިކޮޅު ހުރިކަމަށް އަޅުގަނޑުމެންނަށް މައުލޫމާތުލިބޭ." މޭޔަރު ވިދާޅުވި އެވެ.

އެ ކަނޑި މިވަގުތު އޮތްތަނެއް ނޭނގުނުކަމުގައިވިޔަސް އިރާދަކުރެއްވިއްޔާ އެ ކަނޑި އޮތްތަނެއް ހޯދޭނެކަމަށާއި އަދި އަންނަ އޮތް ޖީލުތަކަށް ފެންނާނެ މުހިންމު އާސާރެއްގެ ގޮތުގައި އެ ކަނޑި ރައްކާކުރެވޭނެކަމަށް އުންމީދުކުރައްވާ ކަމުގައި މޭޔަރު ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި މޭޔަރު ވަނީ ބޮޑު މުހައްމަދު ކަލޭފާނުގެ އުތުރުގެ ރައްޔިތުންގެ ހައްގުގައި ކުރެއްވި މަސައްކަތްވެސް ފާހަގަކުރައްވާފަ އެވެ. އެގޮތުން މޭޔަރު ވިދާޅުވީ، އޭރުގެ ސަރުކާރުން ރައްޔިތުންނަށް ވަމުންދިޔަ އިހުމާލުތަކާ ދެކޮޅަށް މުޅި އުތުރުގެ ރައްޔިތުންގެ ވެރިއެއްގެ ގޮތުގައި އެބޭފުޅާ ގާތްގަނޑަށް 570 ގަނޑެތީގައި 9000 މީހުންނާއެކު ވެރިރަށް މާލެއަށް ދަތުރުކޮށް އުތުރުގެ ރައްޔިތުންގެ ފަރާތުން ވަކާލާތުކޮށް ހައްގުތަކެއް ހޯދައިދިނުމަށް ވަކާލާތުކުރެއްވި ބޭފުޅެއް ކަމަށެވެ.

"ހަނގުރާމައިގައި ނޫންކަމުގައިވިޔަސް ކުޅުދުއްފުށީގެ ސަހުސިއްޔަތުގެ ތެރޭގައި ފާހަގަކޮށްލަން ޖެހޭ ފަރާތެއް ބޮޑުކަލޭފާނަކީ. ހާއްސަކޮށް އުތުރުގެ އަތޮޅުތަކުގެ ރައްޔިތުންގެ ހައްގުތަކެއް ކަށަވަރުކުރުން. އަޅުގަނޑުމެންގެ ރައްޔިތުން ބަނޑަށް ޖެހިފައިވި ޖެހުން ފިލުވުމަށް، ހައިހޫނުކަން ފިލުވުމަށް، އަޅުގަނޑުމެންނަށް އޭރުގެ ސަރުކާރުން ވަމުންދިޔަ ބައެއް އިހުމާލުތަކާ ދެކޮޅަށް މުޅި އުތުރުގެ ރައްޔިތުންގެ ވެރިއެއްގެ ގޮތުގައި އެމަނިކުފާނު ގާތްގަނޑަށް 570 ގަނޑެތީގައި 9000 މީހުންނާއެކީގައި ދަތުރުކޮށް އަޅުގަނޑުމެންގެ މި އުތުރުގެ ރައްޔިތުންގެ ހައްގުތަކެއް ހޯދައިދިނުމަށް ވަކާލާތުކޮށްފައިވޭ." މޭޔަރު ވިދާޅުވި އެވެ.

ކުޅުދުއްފުށީގެ ވަރުގަދަ ސަހުސިއްޔަތުން ވާހަކަދައްކަވަމުން މޭޔަރު އާތިފް ވިދާޅުވީ، ކުޅުދުއްފުށީ ފަހުގެ ޖީލުގެ ބައްޕައަކީ އަލްހަތީބު ކާސިންކަލޭގެ ކަމަށާއި ކޭލަކުނު ތަޅާލި ވިއްސާރާގައި ކުޅުދުއްފުށި ފިނޮޅަކަށްވެ ސަރުކާރުން އެރަށް ފަޅުކުރަން ނިންމާފައިވަނިކޮށް، ކުޅުދުއްފުށި އާބާދުކޮށް މަސައްކަތްތެރިން އުފައްދި ކަމަށެވެ.

"ކުޅުދުއްފުށީގެ ފަހުގެ ޖީލުގެ ބައްޕަ، އަލްހަތީބު ކާސިންކަލޭގެ ކޭލަކުނު ތަޅާލި ވިއްސާރައިގައި ކުޅުދުއްފުށި ފިނޮޅަކަށްވެފައިވަނިކޮށް، ސަރުކާރު ފަޅުކުރަން ނިންމާވަނިކޮށް، މިރަށް އާބާދުކޮށް މިރަށް މިރަށުގައި މަސައްކަތްތެރިން އުފައްދާ ، މިރަށް މިހާރު މި ފެންނަ ކުޅުދުއްފުށީގެ ގޮތުގައި ބިންގާ އަޅުއްވައިދެއްވި." މޭޔަރު ވިދާޅުވި އެވެ.

އެބޭފުޅުންގެ ޒިކުރާ އާލާކޮށް ފާހަގަކުރަން ޖެހޭ ކަމަށާއި އަދި އެ ބޭފުޅުން އެކުރެއްވި މަސައްކަތުން އިބުރަތް ހާސިލުކޮށް ކަންކަން ދަސްކޮށް، ދަރިންނަށް ގައުމީ ލޯއެއްބާއި ވަތަނީ ރޫހު އުފެއްދަން ޖެހޭކަމަށް މޭޔަރު ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355