ކުޅުދުއްފުށީ ސިޓީ ކައުންސިލުން ތަރައްގީކުރި ޝަހީދު ހުސެއިން އާދަމްގެ ހަނދާނީ ބިނާ ހުޅުވައިފި އެވެ.
މި ބިނާ ހުޅުވައިދެއްވީ މިއަދު ހަވީރު އެކަމަށްޓާ އެ ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތުގައި ޝަހީދު ހުސެއިން އާދަމްގެ އާއިލާ ބޭފުޅުންނާއި މޭޔަރު މުހައްމަދު އާތިފެވެ.
ރާއްޖެއަށް 1988ވަނަ އަހަރު ދިން އުދުވާނީ ހަމަލާގައި ގައުމަށްޓަކާ ޝަހީދުވި ކޯޕްރަލް ޝަހީދު ހުސައިން އާދަމްގެ ހަނދާނުގައި ތަރައްގީކުރި ބިނާ ތަރައްގީކޮށްފައިވާ ކުޅުދުއްފުށީގެ އެންމެ މުހިންމު އެއް ސަރަހައްދުގައި ކަމަށްވާ ބަންޑާރަމައިދާނުގަ އެވެ.
މި ބިނާގައި ޝަހީދު ހުސެއިން އާދަމް ބާޣީންނަށް ރައްދުދިނުމަށް ގެންގުޅުން އޭކޭ 47 ގެ ބަޑީގެ ހަތް ފޫޓު ދިގު ނަކަލެއް ބަހައްޓާފައިވެ އެވެ. އަދި ޝަހީދު ހުސެއިން އާދަމް ހުންނެވި ސަރަހައްދުގެ ފާރާއި އެތަނަށް އެރި ވަޒަންތަކުގެ ނިޝާން މި ބިނާއިން ފެނެ އެވެ.
މިއީ، ކުޅުދުއްފުށީގައި ކޮންމެހެން ހުންނަން ޖެހޭ މުހިންމު ބިނާއެކެވެ. ޅަ ދަރިންނަށް ޝަހީދު ހުސެއިން އާދަމްގެ ވާހަކަތައް އެނގެން ޖެހެ އެވެ. އެއީ އަހަރެމެންގެ އެންމެ ވަރުގަދަ ބަތޮލުކަން ބުނެދޭން ޖެހެ އެވެ.
ކުޅުދުއްފުށިން ދެން ވެސް އުފެދެން ޖެހެނީ ގައުމަށްޓަކައި އެފަދަ ބަތޮލުން ކަން ބުނެދޭން ޖެހެ އެވެ.
ސިޓީ ކައުންސިލުން އުފެދުނު ފަހުން ކޮންމެ އަހަރަކު ވެސް ސްކޫލުތަކާ ގުޅިގެން ކުލަގަދަކޮށް ނަސްރުގެ ދުވަސް އަންނަނީ ކުޅުދުއްފުށީގައި ފާހަގަކުރަމުންނެވެ.
މޭޔަރު އާތިފް ވެސް ވަނީ ފަސްގަނޑުގެ ދިފާއުގައި ތެދުވާނެ ދަރިންތަކެއް ތަރުބިއްޔަތު ކުރަން ޖެހޭ ކަމަށް ރޭ ވިދާޅުވެފަ އެވެ.
ކުޅުދުއްފުށީގައި ކުލަގަދަކޮށް ފާހަގަކުރާ ނަސްރުގެ ދުވަހުގެ ހާއްސަ ޖަލްސާގައި ވާހަކަ ދައްކަވަމުން މޭޔަރު ވިދާޅުވީ ނަސްރުގެ ދުވަސް ފާހަގަކުރަމުންދާއިރު ހިތުގައި އުފެދޭ ސުވާލަކީ ޝަހީދު ހުސެއިން އާދަމް މިއަދު ހުންނެވި ނަމަ، ގައުމުގެ ހާލަތާއި ދިވެހިންގެ އަމަލުތަކާ މެދު ހިތަށް އަރާނީ ކީކޭ ކަމާ މެދު ކަމަށެވެ.
"މިއީ ހަގީގަތުގައި ކޮންމެ ދިވެއްސަކު ވެސް އުފައްދަން ޖެހޭ ސުވާލެއް. މި ސުވާލު އުފައްދައިގެން އަޅުގަނޑުމެން ލިބޭ ޖަވާބުން ވިސްނުން އިސްކޮށް ރަނގަޅު ކުރަން ޖެހޭ ކަންތައްތައް ހުރި ކަމަށްވާ ނަމަ، ރަނގަޅު ކުރަންޖެހޭ،" އާތިފް ވިދާޅުވި އެވެ.
މޭޔަރު ވިދާޅުވި ގޮތުގައި ކާބަފައިންގެ އެ އުޅުން އަދުގެ ދަރިންނަށް ދަސްކޮށްދީ، އެ ކަންކަމުގެ މައްޗަށް ދަރިން ތަރުބިއްޔަތު ކުރަން ޖެހެ އެވެ. ގައުމީ ވަންތަކަމާއި ގައުމީ ލޯބި ދިރުވަން ކުރެވޭނެ އެންމެ މުހިންމު މަސައްކަތަކީ މޭޔަރު ވިދާޅުވި ގޮތުގައި އަންނަން އޮތް ޖީލުގެ ހިތްތަކުގައި ގައުމީ ލޯބި އުފެއްދުމާއި އެ ދަރިންގެ ހިތްތަކުގައި ގައުމީ ވަންތަކަން އަށަގަންނުވައި، އެ މަގުން ތަރުބިއްޔަތު ކުރުމެވެ.
"މި ފަސްގަނޑު ދެކެ ލޯބިވާ ދަރިންތަކެއް އުފައްދައި މި ފަސްގަނޑުގެ ހައްގުގައި ތެދުވާނެ ދަރިންތަކެއް އުފެއްދުން އެއީ މިއަދު އަޅުގަނޑުމެންގެ ކޮނޑުގައި އެޅިފައި އޮތް އެންމެ މުހިންމު ވާޖިބު،" މޭޔަރު ވިދާޅުވި އެވެ.




