ދިވެހި ކާބަފައިން މި ގައުމު ދެކެ ވީ ލޯބި ވާންޖެހޭ ކަމަށާއި ގައުމުގެ ހައްގުގައި ތެދުވާނެ ދަރިންތަކެއް ތަރުބިއްޔަތު ކުރަން ޖެހޭ ކަމަށް ކުޅުދުއްފުށީގެ މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެ އެވެ.
ކުޅުދުއްފުށީގައި ކުލަގަދަކޮށް ފާހަގަކުރާ ނަސްރުގެ ދުވަހުގެ ހާއްސަ ޖަލްސާގައި ވާހަކަ ދައްކަވަމުން މޭޔަރު ވިދާޅުވީ ނަސްރުގެ ދުވަސް ފާހަގަކުރަމުންދާއިރު ހިތުގައި އުފެދޭ ސުވާލަކީ ޝަހީދު ހުސެއިން އާދަމް މިއަދު ހުންނެވި ނަމަ، ގައުމުގެ ހާލަތާއި ދިވެހިންގެ އަމަލުތަކާ މެދު ހިތަށް އަރާނީ ކީކޭ ކަމާ މެދު ކަމަށެވެ.
"މިއީ ހަގީގަތުގައި ކޮންމެ ދިވެއްސަކު ވެސް އުފައްދަން ޖެހޭ ސުވާލެއް. މި ސުވާލު އުފައްދައިގެން އަޅުގަނޑުމެން ލިބޭ ޖަވާބުން ވިސްނުން އިސްކޮށް ރަނގަޅު ކުރަން ޖެހޭ ކަންތައްތައް ހުރި ކަމަށްވާ ނަމަ، ރަނގަޅު ކުރަންޖެހޭ،" އާތިފް ވިދާޅުވި އެވެ.
މޭޔަރު ވިދާޅުވީ ދިވެހި މި ގައުމު، ގައުމެއްގެ ގޮތެއްގެ މަތީ ދެމި އޮތުމަށް ކުރަން ޖެހޭ ގިނަ ކަންތައްތަކެއް އެބަހުރި ކަމަށެވެ. ދިވެހި ގައުމު ދެކެ ކާބަފައިންވީ ލޯބި އަދުގެ ދިވެހިން ގައުމު ދެކެ ވާން އެބަ ޖެހޭ ކަމަށާއި ދިވެހިންގެ ގައުމު ބިނާކުރަން ކާބަފައިން ގެންގުޅުނު އުކުޅުތައް ހޯދައި ދަސްކުރަން އެބަ ޖެހޭ ކަމަށް ވިދާޅުވި އެވެ.
"އަޖައިބު ކުރުވަނިވި ފެންވަރަށް ދިވެހި މަސައްކަތްތެރިން މަސައްކަތްކުރި. އެއީ އޮޑިދޯނި ފަހަރު ބަނުން ކަމަށްވީ ނަމަވެސް ދަގަނޑުގެ މަސައްކަތް ކަމަށްވީ ނަމަވެސް އަޅުގަނޑުމެންގެ ކާބަފައިން ގައުމުގަ މުހުތާދުތައް ފުއްދޭނެ ހުރިހާ ގޮތެއް ހުރިހާ މަސައްކަތެއް ކުރަމުން އައީ ފަހުރުވެރިކަމާ އެކު ދުނިޔޭގަ އޭރު ކުރިއަރާފައި ހުރި ހަޟާރަތްތަކާ އެއް ހަމައެއްގައި،" މޭޔަރު ވިދާޅުވި އެވެ.
މޭޔަރު ވިދާޅުވި ގޮތުގައި ކާބަފައިންގެ އެ އުޅުން އަދުގެ ދަރިންނަށް ދަސްކޮށްދީ، އެ ކަންކަމުގެ މައްޗަށް ދަރިން ތަރުބިއްޔަތު ކުރަން ޖެހެ އެވެ. ގައުމީ ވަންތަކަމާއި ގައުމީ ލޯބި ދިރުވަން ކުރެވޭނެ އެންމެ މުހިންމު މަސައްކަތަކީ މޭޔަރު ވިދާޅުވި ގޮތުގައި އަންނަން އޮތް ޖީލުގެ ހިތްތަކުގައި ގައުމީ ލޯބި އުފެއްދުމާއި އެ ދަރިންގެ ހިތްތަކުގައި ގައުމީ ވަންތަކަން އަށަގަންނުވައި، އެ މަގުން ތަރުބިއްޔަތު ކުރުމެވެ.
"މި ފަސްގަނޑު ދެކެ ލޯބިވާ ދަރިންތަކެއް އުފައްދައި މި ފަސްގަނޑުގެ ހައްގުގައި ތެދުވާނެ ދަރިންތަކެއް އުފެއްދުން އެއީ މިއަދު އަޅުގަނޑުމެންގެ ކޮނޑުގައި އެޅިފައި އޮތް އެންމެ މުހިންމު ވާޖިބު،" މޭޔަރު ވިދާޅުވި އެވެ.




