twitterviber whatsapp telegramfacebookyoutube instagram
5th November 2025

ކަށިމިޔަރުގެ މަސްވެރިކަމާ ހެދި ޓޫރިޒަމަށް އެއްވެސް އަސަރެއް ނުކުރާނެ: މެންބަރު

Nov 5, 2025

ކަށިމިޔަރުގެ މަސްވެރިކަމަށް ހުއްދަދީ، އެ މަސްވެރިކަން ރާއްޖޭގައި ކުރި ނަމަވެސް އެކަމުގެ ސަބަބުން ޓޫރިޒަމަށް އެއްވެސް ގެއްލުމެއް ވާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު މުހައްމަދު ދާއޫދު މިއަދު ވިދާޅުވެއްޖެ އެވެ.

ކަށިމިޔަރުގެ މަސްވެރިކަމަށް ހުއްދަ ނުދިނުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ގަރާރަށް ބަހުސް ކުރައްވަމުން މެންބަރު ވިދާޅުވީ މިޔަރުގެ މަސްވެރިކަމަކީ އެކަން މަނާކުރުމާ ހަމައަށް އުތުރުގެ މަސްވެރިން އެންމެ ގިނައިން އާމްދަނީ ހޯދަމުންދިޔަ ގޮތް ކަމަށާއި އިގުތިސޯދު ބިނާވެފައި އޮތް މައިގަނޑު ބިނާއަކީ އެ މަސްވެރިކަން ކަމަށެވެ.

"އަޅުގަނޑުމެން އެކިއެކި ސަރުކާރުތަކުގައި މިކަން ކުރިއަށް ގެންދެވޭތޯ އެކި ގޮތްގޮތަށް އާދޭސް ދިޔައީ ކުރަމުން. އެހެންނަމަވެސް އެ ބޭފުޅުން އެއްވެސް އިޖާބައެއް ނުދީ އޮތީ. އެކަމަކު މި ފެނުނީ އަދުގެ ރައީސް މި ވާހަކަތަކަށް އުތުރުގެ މަސްވެރިން ނުވަތަ ބޮޑުތިލަދުންމަތީގެ ގިނަ ބައެއްގެ ވާހަކަ އަޑުއަހައި އަލުން އިގުތިސޯދު ސިންދިފާތު ކުރަން މަގުފަހު ކުރެއްވި ތަން،" މެންބަރު ވިދާޅުވި އެވެ.

މެންބަރު ދާއޫދު ވިދާޅުވީ މިޔަރުގެ މަސްވެރިކަމުން ހަފުތާއަކު ފަސް މިލިއަން ރުފިޔާ ކުޅުދުއްފުއްޓަށް ލިބެމުންދިޔަ ކަމަށާއި ޕްރޮސެސްކޮށްގެން 100 މިލިއަން ރުފިޔާއަށް ވުރެ ބޮޑު އާމްދަނީއެއް އުތުރުގެ މަސްވެރިން ހޯދަމުންދިޔަ ކަމަށެވެ. އެހެންކަމުން އެ މަސްވެރިކަން ހުއްޓާލަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިޔަރުގެ މަސްވެރިކަމަކީ އެތެރެވަރީގެ ކުރާ ކަމެއް ނޫން ކަމަށާއި އެތައް މޭލެއް ބޭރުގައި ކުރާ ކަމެއް ކަމަށެވެ. އެހެންކަމުން އެކަމުގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމަށް އެއްވެސް އަސަރެއް ކުރާނެ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.

"ހަމައެކަނި ކުޅުދުއްފުށީގައި ވެސް 70 ވަރަކަށް އުޅަނދު އޮތް މި މަސްވެރިކަމުގައި. ބޮޑެތި އުޅަނދުފަހަރު ބަނދެ އިންވެސްޓްކޮށް މަސައްކަތް ފެށިތަނާ މި މަސައްކަތް ހުއްޓާލުން ވެގެން ދިޔައީ ވަރަށް ބޮޑު ގެއްލުމެއް ލިބިގެންދިޔަ ކަމަކަށް،" މެންބަރު ވިދާޅުވި އެވެ.

މުހައްމަދު ދާއޫދު ވިދާޅުވީ މިޔަރުގެ މަސްވެރިކަމާ ދެކޮޅު ހެދުމަކީ ގަބޫލު ކުރެވޭ ކަމެއް ނޫން ކަމަށެވެ. މިޔަރުގެ އާބާދީ އިތުރުވުމުން އެކަމުގެ ދަތިތައް ކުރިމަތިވާ ކަމުގެ ޝަކުވާތައް ލިބޭ ކަމަށާއި އެހެން މަސްވެރިކަމަށް ވެސް އެކަމުގައި ދަތިތައް އެބަ އޮތް ކަމަށެވެ. މޫދަށް އެރި އުޅޭ މީހުންނަށް ވެސް މިޔަރުގެ ނުރައްކާ ކުރިމަތިވެފައިވާ ކަން ފާހަގަކުރެއްވި އެވެ.

އިގުތިސޯދީ މާހިރުން ދެކޭ ގޮތުގައި މިޔަރުގެ އާބާދީ އިތުރުވުމަކީ، މެންބަރު ވިދާޅުވި ގޮތުގައި އިކޯ ސިސްޓަމަށް އިން ބެލެންސްއެެއް ލިބިގެންދާނެ ކަމެކެވެ.

"ވަކި އެއް ސިނާޔަތަކަށް ބަރޯސާވެގެން އަޅުގަނޑުމެންނަށް ކުރިއަށް ދެވޭކަށް ނެތް. މަސްވެރިކަމުން ވެސް އެބަ ޖެހޭ އިތުރު ސިނާޔަތަކަށް ދާން،" މެންބަރު ވިދާޅުވި އެވެ.

ސަރުކާރުން ވަނީ ކަށިމިޔަރުގެ މަސްވެރިކަން މެނ ޖުކުރުމު ގެ ޕްލޭންގެ ނަމުގައި ގަވައިދެއް މިއަދު ގެޒެޓްކޮށްފަ އެވެ. އެއަށް އަމަލުކުރަން ފަށާފައިވަނީ މިއަދުން ފެށިގެންނެވެ.

ކުޅުދުއްފުށީގައި ފުޅާ ގޮތެއްގައި މިޔަރުގެ މަސްވެރިކަން ކުރި އެވެ. ރަށުގެ އިގްތިސޯދަށް އެންމެ ބޮޑަށް އެ މަސްވެރިކަމަށް ބަރޯސާވެފައި އޮތްއިރު އެކަމުން ގިނަ އާއިލާތަކަކުން އާމްދަނީ ހޯދި އެވެ. ނަމަވެސް، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އެ މަސްވެރިކަން ރާއްޖޭގައި މަނާކުރި އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުން ފެށިގެން މިއަދާ ހަމައަށް މަނާކޮށްފައި އޮތް މިޔަރުގެ މަސްވެރިކަން، މެނޭޖްމެންޓް ޕްލޭނެއްގެ ދަށުން މި ފެށޭ ނޮވެމްބަރު މަހުން ފެށިގެން ހުޅުވާލަން ނިންމިކަން ސަރުކާރުން މިދިޔަ އޮގަސްޓް މަހު އިއުލާންކުރި އެވެ. އެ ނިންމުމާ އެކު ތިމާވެށި ހިމާޔަތްކުރުމަށް ވަކާލާތުކުރާ 60 ޖަމިއްޔާއަކުން ވަނީ މި މަސްވެރިކަން ހުޅުވާނުލުމަށް ސަރުކާރަށް ގޮވާލައިފަ އެވެ.

ނަމަވެސް ސަރުކާރުން މިއަދު ވަނީ 'ކަށިމިޔަރުގެ މަސްވެރިކަން ރާވާ ހިންގައި ބެލެހެއްޓުމާ ބެހޭ ގަވައިދު' ގެޒެޓްކޮށް، ކަށިމިޔަރުގެ މަސްވެރިކަން ރާއްޖޭގައި ހުއްދަކޮށްފަ އެވެ.

މިޔަރު ކިރުން ނުވަތަ ލޭންޑްކުރެވޭނެ ހަތަރު ބަނދަރެއް ވެސް ވަނީ ކަނޑައަޅައިފަ އެވެ. އެއީ؛

- ހދ. ކުޅުދުއްފުށި

- ށ. ފުނަދޫ

- ރ. މަޑުއްވަރި

- އއ. ހިމަންދޫ

ގަވައިދުގައި ބުނީ ކަށިމިޔަރުގެ ހަޔަވިއްޔާތަށް ރިއާޔަތްކޮށް އަދި މި މަސްވެރިކަން އެންމެ ފުޅާކޮށް ރާއްޖޭގައި ކުރެވުނު ދުވަސްވަރު މަހުގެ އާބާދީ

ހީނަރުވެގެން ގޮސްފައިވާ ގޮތުގެ މައްޗަށް ބަލައ،ި މި މަސްވެރިކަމުގެ ހަރަކާތްތައް ވަކި މިންވަރަކަށް މަހުދޫދުކުރުމަކީ މުހިންމުކަމެއް ކަމަށެވެ. އެގޮތުން ކޮންމެ އަހަރަކު ހަތް މަސްދުވަހަށް ވުރެ ދިގު ނޫން މުއްދަތަކަށް ކަށިމިޔަރުގެ މަސްވެރިކަންކުރެވޭނެ ވަކި ދުވަސްވަރެއް ކަނޑައަޅާނެ ކަަމަށް ގަވައިދުގައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355