twitterviber whatsapp telegramfacebookyoutube instagram
6th November 2025

ކުޅުދުއްފުށީގައި ވަޤުފް އިމާރާތެއް އަޅަން ނިންމާ ބަޔަކާ ހަވާލުކޮށްފި

Nov 6, 2025

ކުޅުދުއްފުށި ސިޓީގައި ވަޤުފް އިމާރާތެއް އަޅަން ވޭވް ލެންތު ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށް، އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ރައްޔިތުންނާ ގުޅުންހުރި ތަރައްގީގެ ބައެއް މަޝްރޫއުތައް ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ކުރިއަށް ގެންދިއުމަށް ޕްރައިވެޓް ކޮންޓްރެކްޓަރުންނާއެކު ސޮއިކުރުމަށް މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގެ ތެރެއިންނެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ އިތުރުން އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ބައިވެރިވެވަޑައިގެންވި އެވެ. މީގެ އިތުރުން ދައުލަތުގެ ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންވެސް މި ރަސްމިއްޔާތުގައި ބައިވެރިވެލެއްވި އެވެ.

މިވަޤްފު މަޝްރޫއަކީ އޮފީސް ބަޔާއި އެކޮމޮޑޭޝަންގެ އިތުރުން ކޮމާޝަލް ސްޕޭސް ހިމެނޭ މަލްޓިޕާޕަސް ކޮމްޕްލެކްސް އެކެވެ. މި އިމާރާތަކީ ޒަމާނީ ވަސީލަތްތަކާއެކު ގާއިމުކުރެވޭ އިމާރާތެކެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، މި މަޝްރޫއުގެ ޖުމުލަ އަގަކީ 10 މިލިޔަން ރުފިޔާ ކަމަށެވެ.

މި މަޝްރޫއު ނިމުމާއެކު ކުޅުދުއްފުއްޓަކާޢި ހދ އަތޮޅުގެ އިސްލާމީ ދާއިރާއަށް މާލީ ގޮތުން ބޮޑު ކުރިއެރުމެއް ލިބިގެންދާނެއެވެ.

މި މަޝްރޫއުއަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދާއި އެއްގޮތަށް ރާއްޖޭގައި ވަޤުފް ފަންޑު އިތުރަށް ފުޅާކޮށް އިސްލާމީ ދާއިރާއަށް މާލީ މަންފާ ލިބޭނެ ވަސީލަތްތައް އިތުރުކުރުމަށް ކުރިއަށް ގެންދެވޭ މުހިއްމު މަޝްރޫއުއެކެވެ.

އަތޮޅުތަކުގައި ޤާއިމު ކުރެވޭ ވަޤުފް އިމާރާތްތަކުން ލިބޭ ނަފާއިން ހަރަދުކުރުމަށް ހަމަޖެހިފައިވަނީ އެ އަތޮޅެއްގެ އިސްލާމީ ދާއިރާގެ ކަންކަން އިތުރަށް ހަރުދަނާކޮށް، ރަނގަޅުކުރުމަށެވެ. މީގެ ތެރޭގައި މިސްކިތްތަކުގެ މަރާމާތުގެ މަސައްކަތްތަކާއި ދީނީ އެކި ހަރަކާތްތައް ހިމެނެއެވެ.

މިނިސްޓްރީ ބުނީ، މި އިމާރާތްތަކުން ލިބޭ ފައިސާގެ ކަންކަން ބެލެހެއްޓުމަށް ހަމަ ޖެހިފައިވަނީ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ އިރުޝާދުގެ ދަށުން ކައުންސިލްތަކުން ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355