twitterviber whatsapp telegramfacebookyoutube instagram
17th September 2026

އިސްލާމީ މަރުކަޒުގެ ޕްލޭން ރައްޔިތުންނަށް ކަމަކު ނުދިޔަ، ބޭނުންވަނީ ޖާގަ އާއި ހައިބަތު ބޮޑުކުރަން

އަބްދުލް ވާހިދު ޙަސަން
Sep 17, 2026
ކުޅުދުއްފުށި ސިޓީ

ކުޅުދުއްފުށީގައި ސަރުކާރުން އިމާރާތްކުރަން ނިންމި، އިސްލާމީ މަރުކަޒުގެ ޖާގަ ކުޑަކަމަށާއި އެ މިސްކިތުގެ ޖާގަ އިތުރުކޮށް އިސްލާމީ ހައިބަތު ފެންނާނެ ފަދަ ބިނާއެއް އިމާރާތްކޮށްދިނުމަށް ރައްޔިތުން އެދެފި އެވެ.

ރައްޔިތުން އެފަދައިން އެދުނީ އިސްލާމީ މަރުކަޒު އިމާރާތްކުރުމަށް އިސްލާމިކް މިނިސްޓްރީން ހުށަހެޅި ކޮންސެޕްޓާއި ކައުންސިލުން ގެންނަން ބޭނުންވާ ބަދަލާ މިހާރު އެކަމުގައި ކަން ހިނގާފައިވާ ގޮތް ރައްޔިތުންނާ ހިއްސާކުރުމަށް ރޭ ބޭއްވި ބައްދަލުވުމުގައި އެވެ. އެ ބަދަލުވުމުގައި ރައްޔިތުން ބޭނުންވާ ގޮތް ސާފުކުރުމަށްވެސް ކައުންސިލުން ހުށަހެޅި އެވެ.

ވޭވްލެންތު ކުންފުންޏާ ހަވާލުކޮށްގެން ތަރައްގީކުރާ އިސްލާމީ މަރުކަޒުގެ ފުރަތަމަ ކޮންސެޕްޓްގައި ހިމަނާފައިވަނީ 750 މީހުންގެ ޖާގައިގެ މަރުކަޒެއްގެ ގޮތުގައި އެވެ. މީގެ އިތުރުން ލައިބްރަރީ އަކާއި 250 މީހުންގެ ޖާގައިގެ ކުޑަ ހޯލަކާއި ހާފިޒް ކޮޓަރި އާއި 4 ކުލާސް ރޫމާއި ފާހާނާ އެރިއާ އާއި، އޮފީސް ޖާގަ، ސްޓޯ ރޫމަކާއި އިކްއިޕްމަންޓް ރޫމަކާއި 8 މީހުން ޖާގައިގެން މީޓިންގ ރޫމެކެވެ.

އެ ބައްދުލުވުމުގައި ވާހަކަދައްކަވަމުން މޭޔަރު އާތިފް ވިދާޅުވީ، އެ ކޮންސެޕްޓް ކައުންސިލާ ހިއްސާކުރުމުން ބައެއް ކަންކަން ބަދަލުކޮށްދިނުމަށް އެދި ކޮންޓްރެކްޓަރަށް ފޮނުވި ކަމަށެވެ. އެގޮތުން ކައުންސިލުން އެދުނީ، އިސްލާމީ މަރުކަޒެއް އިމާރާތްކުރަން އެހާ ބޮޑު ބިމެއް ކަނޑައަޅާފައިވާއިރު އާއި ގިނަ ބަޔަކު ދިރިއުޅޭ އާބާދީ ބޮޑު ރަށެއްކަމުން މަދުވެގެން 2000 މީހުންނަށް ނަމާދުކުރެވޭ ޖާގަ އިތުރުކޮށްދިނުމަށެވެ.

ރަށުގެ މޫނުމަތީގެ އެންމެ މުހިންމު ސަރަހައްދަކުން އިސްލާމީ މަރުކަޒުގެ ބިން ލޭންޑްޔޫސް ޕްލޭންގައި ހިމެނީ ވަރަށް ގިނަ ރައްޔިތުން އެކަމަށް އެދިގެން ކަމަށާއި ބޭނުމަކަށްވީ ދީނުގެ ހައިބަތު ފެންނާނެ ރީތި ބޮޑު ބިނާއެއް އިމާރާތް ކުރުން ކަމަށެވެ. އެހެންވުމުން ކައުންސިލުން ފޮނުވި ކުރެހުމުގައި އެފަދަ އިލެވޭޝަނެއްވެސް ހިމެނިކަމަށް މޭޔަރު ވިދާޅުވި އެވެ.

އެކަމާ ގުޅިގެން މިނިސްޓްރީ މަރުކަޒަށް ބައެއް ބަދަލުތައް ގެނެސްދިން ކަމަށާ އެހެންނަމަވެސް ކައުންސިލުން އެދުނު މިންވަރަށް ބަދަލު ގެނެސްދީފައިނުވާ ކަމަށެވެ. އޭގެ ތެރޭގައި ބައެއް ކަންކަން ތިރީގައި އެވަނީ އެވެ؛

ކައުންސިލުން އެދިގެން ގެނައި ބައެއް ބަދަލު:

- ނަމާދު ކުރާ ޖާގަ 750 އިން 1200 އަށް އިތުރުކުރުން ( ކައުންސިލުން އެދުނީ މަދުވެގެން 2200 މީހުންގެ ޖާގައަށް އިތުރުކޮށްދިނުމަށް.)

- ހޯލުގެ ޖާގަ 250 އިން 450 އަށް އިތުރުވުން. ( ކައުންސިލުން އެދުނީ މަދުވެގެން 600 މީހުންގެ ޖާގައަށް ހޯލުބަދަލުކޮށްދިނުމަށް.)

އަނެއްކާވެސް އިތުރު ސިޓީއެއް މިނިސްޓްރީއަށް ކައުންސިލުން ފޮނުވި ކަމަށާއި އެ ސިޓީގައި ކައުންސިލުން އެދުނީ، މިހާ މުހިންމު ބިނާއެއް އިމާރާތްކުރާއިރު ވީހާވެސް ފުރިހަމައަށް އެކަން ކޮށްދިނުމަށެވެ. އޭގެ އިތުރުން މޭޔަރު ވިދާޅުވީ، މިނިސްޓަރާވެސް މެސެޖުން ވާހަކަދެކެވުނު ކަމަށާއި ފަހުން ގެނައި ބަދަލުގެ އިތުރުން އިތުރު ބަދަލު ގެނައުމުގެ ވިސްނުން މިނިސްޓަރުގެ ނެތް ކަމަށް މޭޔަރު އާތިފް ވިދާޅުވި އެވެ.

މޭޔަރު ވިދާޅުވީ، އެހެންވުމުން ކައުންސިލުން ބޭނުންވީ އިސްލާމީ މަރުކަޒު އަޅަން ކައުންސިލުން ހުއްދަ ދިނުމުގެ ކުރިން ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދުމަށް ކަމަށާއި ރައްޔިތުން ބޭނުންވެއްޖެ ނަމަ މިހާރު އޮތް ގޮތަށް އިސްލާމީ މަރުކަޒު އިމާރާތްކުރަން ކައުންސިލުން ހުއްދަ ދޭނެ ކަމަށެވެ.

މިނިސްޓްރީގެ ކުރެހުން ރައްޔިތުންނަށްވެސް ކަމަކު ނުދި!

އިސްލާމީ މަރުކަޒާ ދޭތެރޭ ރައްޔިތުން ކުރާ އުންމީދު ބޮޑެވެ. އެކަން އެނގިގެންދިޔައީ ބައްދަލުވުމަށް ދިޔަ އެންމެންވެސް ވާހަކަދައްކައި މަޝްވަރާ ދިނީމަ އެވެ.

60 އަހަރުން މަތީގެ އިސްރަށްވެއްސަކު ވިދާޅުވީ، އެފަދަ ބިނާއެއް މި ޒަމާނުގައި އިމާރާތްކުރާއިރު 'ފުރިހަމަ' ގިނަ ބަޔަކަށް ނަމާދުކުރެވޭނެ ޖާގައިގެން މަރުކަޒެއް މުހިންމު ކަމުގައި އެވެ. އަދި މިހާރު މިނިސްޓްރީން ހުށަހަޅާފައިވާ ކުރެހުމަކީ ބޮޑު އާބާދީއަކާއި އަދި މި ޒަމާނަށް ކުޑަ 'މިސްކިތެއް' ކަމުގައި އޭނާ ސިފަކުރެއްވި އެވެ.

އެހެންވުމުން މަރުކަޒު އިމާރާތް ނުކުރެވުނު ކަމުގައިވިޔަސް އެހާ ބޮޑު ބިމެއްގައި ކުޑަ ބިނާއެއް އެޅުމަށް އޭނާ ތާއިދުނުކުރާކަމަށް ވިދާޅުވި އެވެ.

ބައްދަލުވުމުގެ އެހެން ބައިވެރިޔަކު ބުނީ، ހުޅުމާލޭގައި އަޅަން ނިންމާފައިވާ އެންމެ ބޮޑު މިސްކިތް އިމާރާތްކުރާ ވަރުގެ ގާތްގަނޑަކަށް އެވަރުގެ ޖާގައެއް އިސްލާމީ މަރުކަޒު އަޅަން ކުޅުދުއްފުށިން ބިން ކަނޑައަޅާފައިވާއިރު ދެ ބުރީގެ އިމާރާތެއް ކުޑަ ކަމަށެވެ. އަދި ޖާގަ އާއި މަރުކަޒުގެ ހައިބަތުވެސް ކުޑަ ކަމަށެވެ.

އޭނާ ބުނީ، ސަރުކާރުން އިމާރާތްކުރަން ނިންމި އިސްލާމީ މަރުކަޒަކީ މާލޭގައި އާދައިގެ ވިޔަފާރިވެރިޔަކު މިސްކިތެއް ބިނާކުރާން ދާވަރުގެ ކުޑަ ބަޖެޓެއް ކަމަށެވެ. އަދި ކުޅުދުއްފުއްޓަކަށް ވުރެ މާބޮޑުތަނުން ކުދި ރަށްތަކުގައިވެސް ބޮޑެތި އިސްލާމީ މަރުކަޒުތައް ކުރީގެ ސަރުކާރުތަކުން އިމާރާތްކޮށްފައިވާ ކަމަށެވެ.

އެގޮތުން 4000 މީހުން ދިރިނޫޅޭ ރަށެއްގައި 1500 މީހުންގެ ޖާގައިގެން އިސްލާމީ މަރުކަޒެއް އިމާރާތްކޮށްފައިވާއިރު 2000 މީހުން ދިރިނޫޅޭ ރަށެއްގައި 1000 މީހުންގެ ޖާގައިގެ އިސްލާމީ މަރުކަޒެއް އިމާރާތްކޮށްފައިވާކަން އޭނާ ފާހަގަކުރި އެވެ. އަދި އިސްލާމީ މަރުކަޒެއްގެ ނަމުގައި ކުޑަ މިސްކިތެއް އަޅައިި އިސްލާމީ މަރުކަޒެއް އެޅުމުގެ މެޑަލް ޖެހިގެން ނުވާނެ ކަމަށް ބައެއް އާންމު ބުންޏެވެ.

ބައްދަލުވުމުގައި ބައިވެރިވި ހުރިހާ ރައްޔިތުންވެސް އެއްބަސްވީ ކައުންސިލުން ފޮނުވި ކުރެހުމާ އެއްގޮތަށް ނުވަތަ އެއަށްވުރެ ފުރިހަމަ އިސްލާމީ މަރުކަޒެއް އިމާރާތްކޮށްދިނުމަށް މިނިސްޓްރީގައި ރައްޔިތުންގެ ފަރާތުން އެދުމަށެވެ.

ކުޅުދުއްފުށީގައި އިމާރާތްކުރަން ނިންމި އިސްލާމީ މަރުކަޒަކީ 30 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. އެކަމަށް 62،500 އަކަފޫޓްގެ ބޮޑު ބިމެއް ބޮޑު މުހައްމަދު ކަލޭފާނު ބަނދަރުގެ އިރުމަތިން ހަމަޖައްސައިދީފައިވެ އެވެ. މި ބައްދަލުވުމުގައި މިނިސްޓްރީ އާއި ކައުންސިލާ ދެމެދު ބަދަލުކުރެވުނު ސިޓީތަކާއި ކުރެހުންތައްވެސް ދައްކާލި އެވެ.

ކުޅުދުއްފުށީގައި އިމާރާތްކުރަން ނިންމި އިސްލާމީ މަރުކަޒަކީ 30 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. އެކަމަށް 62،500 އަކަފޫޓްގެ ބޮޑު ބިމެއް ބޮޑު މުހައްމަދު ކަލޭފާނު ބަނދަރުގެ އިރުމަތިން ހަމަޖައްސައިދީފައިވެ އެވެ. މި ބައްދަލުވުމުގައި މިނިސްޓްރީ އާއި ކައުންސިލާ ދެމެދު ބަދަލުކުރެވުނު ސިޓީތަކާއި ކުރެހުންތައްވެސް ދައްކާލި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293