twitterviber whatsapp telegramfacebookyoutube instagram
26th September 2026

ވަޤުފު ފަންޑަށް 3 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިއްޖެ

ނަބީލާ އިސްމާޢީލް
Aug 11, 2026

ވަގުފް ފަންޑަށް މި އަހަރުގެ މިހާތަނަށް ތިން މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ރޭ ވިދާޅުވެއްޖެ އެވެ.

އިސްލާމިކް މިނިސްޓްރީގެ މީޑިއާ ގްރޫޕަށް ރޭ ފޮނުއްވި މެސެޖެއްގައި މިނިސްޓަރު ވިދާޅުވީ އެ ފައިސާ ލިބުނީ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ވެބްސައިޓުގައި ވަގުފާއި ސަދަގާތްކުރުމަށް ހަދާފައިވާ ލިންކުތައް މެދުވެރިކޮށް ކަމަށެވެ.

އެ ފައިސާ ހަރަދުކުރާނީ ވަގުފް ފަންޑުގެ ޓްރަސްޓް ސްޓޭޓްމަންޓްގައި ބަޔާންވެގެންވާ ކަންކަމަށް، ވަގުފް ފަންޑު އުސޫލުގައިވާ ގޮތުގެ މަތިން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އޭގެ ތެރޭގައި މިސްކިތްތައް ބިނާކުރުމާއި، މިސްކިތްތައް މަރާމާތުކޮށް ބެލެހެއްޓުމުގެ އިތުރުން ދީނީ ތައުލީމު ފެތުރުމާއި ދީނީ ލިޔުންތައް ޝާއިއުކުރުން ހިމެނެ އެވެ.

ރާއްޖޭގައި ވަގުފު މާލީ ނިޒާމު ހަރުދަނާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި އާމްދަނީ ލިބޭނެ އިމާރާތްތަކާއި މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދެ އެވެ. އެގޮތުން "ދާރުއްސަލާމް" އަދި "ދާރުއްނައީމް" ފަދަ ވަގުފު އިމާރާތްތައް ބިނާކޮށް، އެތަންތަނުން ލިބޭ އާމްދަނީން އިސްލާމީ ކަންތައްތަކަށް ހޭދަކުރުމުގެ މަޝްރޫއުތައް އަންނަނީ ހިންގަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293