ކުޅުދުއްފުއްޓާއި ނޮޅިވަރަމު އިގުތިސޯދީގޮތުންނާއި އިޖުތިމާއީ ގޮތުން މިހާރަށްވުރެ އިތުރަށް ގުޅުވުމަށް ކުރެވިދާނެ ކަންކަމާ މެދު ފުޅާ ދާއިރާއެއްގައި ދެ ކައުންސިލް މަޝްވަރާކޮށްފި އެވެ.
ކުޅުދުއްފުއްޓާއި އެންމެ ކައިރީގައި އޮންނަ އެއް ރަށަކީ ނޮޅިވަރަމެވެ. ޒަމާނުންސުރެ ދެ ރަށަކީ ގާތް ގުޅުމެއް އޮންނަ ދެ ރަށެވެ.
ކުޅުދުއްފުށީ ސިޓީ ކައުންސިލްގައި މިއަދު ވަނީ ދެ ރަށު ކައުންސިލަރުން ބައްދަލުކޮށް މަޝްވަރާކޮށްފަ އެވެ. މި ބައްދަލުވުމުގައި ކުޅުދުއްފުށީ މޭޔަރު މުހައްމަދު އާތިފުވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
މި ބައްދަލުވުމުގައި އިދާރީ ހިންގުން ހަރުދަނާކޮށް ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތައް ދިނުމުގައި ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް ދެ އިދާރާއިން ކުރާ މަސައްކަތްތައް ހިއްސާކޮށް ދެ އިދާރާގެ މަސައްކަތްތަކަށް ދެ ފަރާތުންވެސް އެހީތެރިވެވިދާނެ ގޮތްތަކާމެދު މަޝްވަރާކޮށްފައިވެ އެވެ.
އަދި މީގެ އިތުރުން ދެ ރަށުގެ އިގުތިސޯދީ ގޮތުންނާއި އިޖުތިމާއި ގޮތުން އިތުރަށް ގުޅުވުމަށް ކުރެވިދާނެ ބައެއް ކަންކަމާމެދު ފުޅާ ދާއިރާއެއްގައި ހިޔާލު ބަދަލުކޮށް މަޝްވަރާކޮށްފައިވާ ކަމަށެވެ.
މި ބައްދަލުވުމުގައި ކުޅުދުއްފުށީ ޑެޕިއުޓީ މޭޔަރު އަހުމަދާއި ސިޓީ ކައުންސިލަރުން އަދި އެސްޖީ ބައިވެރިވެވަޑައިގެންނެވި އެވެ. އަދި ނޮޅިވަރަމް ކައުންސިލްގެ ރައީސް އާއި ނައިބު ރައީސް އަދި ދެ ކައުންސިލް ބައެއް މުވައްޒަފުންވެސް ބައިވެރިވެލެއްވި އެވެ.




