ޒިގްޒެގް އިންޓަރ އޮފީސް ފުޓްސަލް މުބާރާތުގައި މިއަދު ފަސޭހަކަމާ އެކު އާރްއާރުސީން ކޭސީސީއާރުސީގެ މައްޗަށް ކުރިހޯދިއިރު އެމްޓީސީސީއާއި ކޭޕީއާރުސީން ކުޅުނު މެޗުތައް ވެސް ކާމިޔާބު ކޮށްފި އެވެ.
ކުޅުދުއްފުށީގައި މިވަގުތު ކުރިޔަށްދާ ޒިގްޒެގް އިންޓަރ އޮފީސް ފުޓްސަލް މުބާރަތުގައި މިއަދު ކުޅެވުނު ފުރަތަމަ މެޗުގައި ތަފާތު ބޮޑު ނަތީޖާއަކުން އާރުއާރުސީން ކޭސީސީއާރުސީގެ މައްޗަށް ކުރިހޯދައިފި އެވެ.
މިމެޗު އާރުއާރުސީން ކާމިޔާބުކުރީ 8 - 3 ގެ ނަތީޖާއަކުންނެވެ. މެޗުގައި އާރުއާރުސީގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެން ގޮސްފަ އެވެ. މުޅި މެޗުގެ ކޮންޓްރޯލް ނަގައިގެން އެޓީމުން މުޅި ގޭމު ކުޅުނުއިރު ނަތީޖާ އަނބުރާލެވޭ ގޮތެއް ކޭސީސީއާރުސީ އަކަށް ނުވި އެވެ.
މެޗުގައި އާރުއާރުސީގެ ލަނޑުތައް ޖަހާފައިވަނީ އިސްމާއިލް މުނީޒް 4 ލަނޑު ޖެހިއިރު އެޓީމުގެ އަނެއް ލަނޑުތައް ޖަހައިދިނީ އިބްރާހިމް އަސްވަދު (ގަބޭ)، އާދަމް ނާސިހު (އާދަންނާ) އަދި ހުސެއިން ގައްސާން ލަބީބް (ހުސީ) އާއި އަހްމަދު ރުވާއު އެވެ.
މިމެޗުގެ ކޭސީސީއާރުސީގެ 3 ލަނޑު ވެސް ކާމިޔާބުކުރީ އެޓީމުގެ ޖާޒީ ނަންބަރު 29 އަބްދުﷲ ވިސާމް އެވެ. މިމެޗުގެ މޮޅުކުޅުންތެރިއަކަށް ހޮވުނީ މުޅި މެޗުގައި ވެސް ފާހަގަކޮށްލެވޭ މޮޅު ކުޅުމެއް ދެއްކި އާރުއާރުސީގެ ޖާޒީ ނަންބަރު 9 އިސްމާއިލް މުނީޒް އެވެ.
ރޭގެ ދެވަނަ މެޗުގައި އަޔާއާ ޝިޔާ އަދި ވައްޖެމެން ހިމެނޭ އެމްޓީސީސީން ވަނީ 3 - 0 ގެ ނަތީޖާއަކުން ވެމްކޯގެ މައްޗަށް ކުރިހޯދާފަ އެވެ. މިމެޗުގައި ވެސް ޑޮމިނެންޓް ކުޅުމެއް އެމްޓީސީސީގެ ފަރާތުން ފެނިގެންދިޔަ އިރު އެޓީމުގެ ލަނޑުތައް ފެނިގެންދިޔައީ ދެވަނަ ހާފުގަ އެވެ.
އެޓީމުގެ ލަނޑުތައް ކާމިޔާބުކޮށްދިނީ މުހައްމަދު އިސާމް (ޝާންޓޭ)ގެ އިތުރުން އަލީ ޝިޔާހު (ޝިޔާ) އަދި އަލީ މީސާގް އީސާ އެވެ. މިމެޗުގައި ވެމްކޯއަށް އެމްޓީސީސީގެ ގޯލު ފޫއަޅުވާލައި ލަނޑެއް ކާމިޔާބުކުރަން މަސައްކަތް ކުރި ނަމަވެސް ކާމިޔާބުވާ ގޮތެއްނުވި އެވެ. މިމެޗުގެ މޮޅުކުޅުންތެރިއަކަށް ހޮވިފައިވަނީ އެމްޓީސީސީގެ ޖާޒީ ނަންބަރު 17 ޝިޔާ އެވެ.
ރޭގެ ފަހު މެޗުގައި ކޭޕީއާރުސީން ނުކުތީ ބީއެމްއެލްއާ ދެކޮޅަށެވެ. ފޯރިގަދަ ކުޅުމަކަށްފަހު މިމެޗު 4 - 1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ކޭޕީއާރުސީންނެވެ.
މުހައްމަދު ސާދް ނިޒާރުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔަ މިމެޗުގައި އޭނާ ދެލަނޑު ޖަހައިދިންއިރު އެޓީމުގެ އަނެއް ލަނޑުތައް ކާމިޔާބުކޮށްދިނީ އަބްދުﷲ ޝާފިއު (ޝާއްޕެ)ގެ އިތުރުން އަޖްމަލް އަހުމަދެވެ.
މިމެޗުގެ މޮޅުކުޅުންތެރިޔާގެ މަގާމު ހޯދީ ސާދު އެވެ. މިމެޗު ވެސް ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅެފައިވަނީ ކޭޕީއާރުސީންނެވެ. މިރޭ ވެސް މިމުބާރާތުގެ މެޗުތައް ކުޅެވޭނެ އެވެ.
މިރޭ ކުޅެވޭ ފުރަތަމަ މެޗުގައި ކުލަބް ކޭއާރުއެޗުން ދިރާގާ ދެކޮޅަށް ނުކުންނައިރު މިދެޓީމަށް މިރޭގެ މެޗު ވަރަށް މުހިންމުވާނެ އެވެ. ގްރޫޕްގެ ފުރަތަމަ މެޗުން ދެޓީމު ވެސް ވަނީ ބަލިވެފަ އެވެ.
މިރޭ ގްރޫޕް ބީގެ މެޗުތަކަށް ބަލާއިރު މިރޭގެ ދެވަނަ މެޗުގައި އާރުއާރުސީން ޕޮލިހާއި ދެކޮޅަށް ނުކުންނައިރު ކޭސީސީއާރުސީން ނުކުންނާނީ ވަރުގަދަ އެމްޓީސީސީއާ ދެކޮޅަށެވެ.