އެޓަލިޔާ ޒިގްޒެގް އިންޓަރ އޮފީސް ފުޓްސަލް މުބާރަތުގައި ރޭ ކުޅެވުނު މެޗުތަކުގައި އާރުއާރުސީން ޕޮލިހާއި އެއްވަރުވިއިރު ކޭއާރުއެޗާ އެމްޓީސީސީން ބޮޑު މޮޅެއް ހޯދައިފި އެވެ.
މިހާރު ކުރިއަށްދާ ޒިގްޒެގް އިންޓަރ އޮފީސް ފުޓްސަލް މުބާރާތުގައި ރޭ ކުޅުނު ފުރަތަަމަ މެޗުގައި ފޯރިގަދަ ކުޅުމަކަށްފަހު އާރުއާރުސީއާ ކުލަބް ކޭސީޕީގެ ކުރިމަތިލުން އެއްވަރު ވެގެން ނިމިއްޖެ އެވެ.
ފޯރިގަދަ އަދި އެހާމެ ވާދަވެރިން ކުޅުމެއް ފެނިގެންދިޔަ މިމެޗު ނިމިގެންދިޔައީ 3 - 3 ން އެއްވަރުވެގެންނެވެ. މިމެޗުގައި ކުލަބް ކޭސީޕީގެ އަލީ ނަޒްމީގެ ފަރާތުން ފާހަގަކޮށްލެވޭ މޮޅު ކުޅުމެއް ފެނިގެންދިޔައިރު އޭނާ ވަނީ ދެލަނޑު ވެސް ޖަހާފަ އެވެ.
މެޗުގެ މޮޅުކުޅުންތެރިޔާގެ މަގާމު ވެސް ނަޒްމީ ހޯދި އިރު އެޓީމުގެ އަނެއް ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޖާޒީ ނަންބަރު 26 މުހައްމަދު އުލްވާން އެވެ. މިމެޗުގައި އާރުއާރުސީގެ ލަނޑުތައް ޖަހައިދިނީ އިބްރާހިމް އަސްވަދު (ގަބޭ)ގެ އިތުރުން އިސްމާއިލް މުނީޒް އަދި އަހްމަދު ރުވާއު އެވެ.
ރޭގެ ދެވަނަ މެޗުގައި ބައްދަލުކުރީ ކްލަބް ކޭއާރުއެޗާާއި ދިރާގެވެ. މިމެޗު ފަސޭހަކަމާ އެކު 4 - 1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ކުލަބް ކޭއާރުއެޗުންނެވެ.
ކޭއާރުއެޗްގެ ބިދޭސީ ކުޅުންތެރިޔާ ކެނެޝްބެކޯވް ޒަނާބެކްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު އޭނާ ވަނީ މިމެޗުގައި ހެޓްދެލަނޑު ވެސް ޖަހާފައިވާކަން ފާހަގަކޮށްލެވެ އެވެ.
މެޗުގައި ޒަނާބެކްގެ އިތުރުން ކޭއާރުއެޗްގެ ލަނޑުތައް އެޓީމަށް ޖަހައިދިނީ އަސްޖައު މޫސާ އެވެ. ދިރާގުގެ ހަމައެކަނި ލަނޑު އެޓީމަށް ޖަހައިދިނީ ހަމްދޫން އަހްމަދެވެ. މެޗުގެ މޮޅުކުޅުންތެރިޔަކަށް ހޮވުނީ ކޭއާރުއެޗްގެ ބިދޭސީ ކުޅުންތެރިޔާ ކެނެޝްބެކޯވް ޒަނާބެކް އެވެ.
ރޭގެ ފަހު މެޗުގައި ގަދަފަދަ އެމްޓީސީސީން ނުކުތީ ކޭސީސީއާރުސީއާ ދެކޮޅަށެވެ. އެމްޓީސީސީގެ ޑޮމިނެންޓް ކުޅުމެއް މިމެޗުގައި ވެސް ފެނިގެންދިޔައިރު އެޓީމުން މިމެޗު ކާމިޔާބު ކުރީ 6 - 2 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ.
މެޗުގައި އެމްޓީސީސީއަށް ލަނޑުތައް ކާމިޔާބުކޮށްދިނީ އިބްރާހިމް ޝައުފް މުހައްމަދު ހެޓްރިކެއް އަދި އިސްމާއިލް ވަޖީހު ދެލަނޑު ޖަހައިދިންއިރު އަނެއް ލަނޑު ކާމިޔާބުކޮށްދިނީ ޝާފިއު ސުއޫދެވެ.
މިރޭ ކުޅުމަށް ހަމަޖެހިފައިވާ މެޗުތަކުގައި ބައްދަލުކުރާނީ އާރުއާރުސީއާއި ވެމްކޯގެ އިތުރުން ކޭސީސީއާރުސީއާއި ކޭސީޕީ އަދި ފަހު މެޗުގައި ކޭޕީއާރުސީން ނުކުންނާނީ ދިރާގާ ދެކޮޅަށެވެ.




