ޤައުމީ ޔުނިވާސިޓީގެ ކުޅުދުއްފުށީ ކެމްޕަހުގައި ނަރުސްކަން ކިޔަވާ 6 ދަރިވަރަކު ޑީންސް އޮނަރލިސްޓް އެވޯޑް ހާސިލުކޮށްފި އެވެ.
ޤައުމީ ޔުނިވާސިޓީ ދޭ އެންމެ ޝަރަފުވެރި މި އެވޯޑް ހާސިލުކުރެއްވީ އެ ކެމްޕަހުގައި ނަރުސްކަމުގެ ޑިގްރީއަށް ކިޔަވާ 6 ދަރިވަރެކެވެ. އެ ދަރިވަރުންނަށް އެވޯޑް ހަވާލުކޮށްދީ ރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ސިޓީ ކައުންސިލަރ އާތިފާ އަލީ އެވެ.
ޑީންސް އޮނަރލިސްޓް އެވޯޑަކީ ފުރަތަމަ ޑިގްރީން މަތީގެ ކޯސްތަކުން، ކިޔެވި ހުރިހާ މާއްދާއަކުން ޑިސްޓިންކްޝަން ނުވަތަ އެއަށްވުރެ މަތީ ދަރަޖަ ހާސިލުކޮށްފައިވާތީ އެކަން ފާހަގަކޮށް ޑީން ދެއްވާ ޝަރަފުވެރިކަމުގެ އެވޯޑެކެވެ.
މީގެ އިތުރުން ކުޅުދުއްފުށީ ކެމްޕަހުގައި ނަރުސްކަން ކިޔަވާ 7 ދަރިވަރަކު ޓޮޕް އެޗީވާރސް އެވޯޑް ހާސިލުކުރި އެވެ. އެ ދަރިވަރުންނަށް އެވޯޑް ހަވާލުކޮށްދެއްވީ ކޭއާރުއެޗުގެ ސީއީއޯ ނާޒިމާ އަލީ އެވެ.
މިރަސްމިއްޔާތުގައި އެ ކެމްޕަހުގައި ނަރުސްކަން ކިޔަވާ ދަރިވަރުން އިޤްރާރުވި އެވެ.
ޤައުމީ ޔުނިވާސިޓީގެ ކުޅުދުއްފުށީ ކެމްޕަހަކީ މާލެ ފިޔަވާ އެންމެ ގިނަ ދަރިވަރުން ތައުލީމު ހާސިލުކުރަމުންދާ ކެމްޕަހެވެ. އަދި އެއީ މާލެ ފިޔަވާ އެންމެ ގިނަ ނަރުހުންވެސް އުފައްދާ ކެމްޕަސްވެސްމެ އެވެ.
މި ރަސްމިއްޔާތުގައި އެ ކެމްޕަހުގެ މެނޭޖަރު އައިމިނަތު އަލީ އާއި ލެކްޗަރ އިން އަދި ކޭއާރުއެޗުގެ ސީނިއާ ނަރުހުންނާއި މުއައްސަސާތަކުގެ ވެރިން އަދި ދަރިވަރުން ބައިވެރިވެލެއްވި އެވެ.




