twitterviber whatsapp telegramfacebookyoutube instagram
1st December 2025

އެންމެ ފަހުގެ ޗެމްޕިއަން ކޭޕީއާރުސީ ބަލިކޮށް މުބާރާތުގެ ތަށި އެމްޓީސީސީން އުފުލާލައިފި

މުޙައްމަދު އަހުމަދު
Dec 1, 2025

ކުޅުދުއްފުށީގައި ރޭ ނިމިގެން ދިޔަ ޒިގްޒެގް އިންޓަރ އޮފީސް ފުޓްސަލް މުބާރާތުގެ ފައިނަލުގައި އެންމެ ފަހުގެ ޗެމްޕިއަން ކުޅުދުއްފުށި ޕޯޓް ރެކްރިއޭޝަން ކްލަބް (ކޭޕީއާރުސީ) ބަލިކޮށް މުބާރާތުގެ ތަށި ފުރަތަަމަ ފަހަރަށް ކުލަބް އެމްޓީސީސީން ހިއްލާލައިފި އެވެ.

ރޭ ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގެ ޓާފް ދަނޑުގައި ކުޅެވުނު މި ފައިނަލް މެޗު ކުލަބް އެމްޓީސީސީން ކާމިޔާބުކުރީ ހަނި ތަފާތަކުން ކޭޕީއާރުސީ ބަލިކޮށްގެންނެވެ. މިމެޗު އެޓީމުން ކާމިޔާބުކުރީ 2 - 1 ގެ ނަތީޖާއަކުންނެވެ.

ކޭޕީއާރުސީ އަކީ ވޭތުވެދިޔަ ދެ އަހަރު ވެސް މިމުބާރާތުގެ ޗެމްޕިއަނުންނެވެ. އެހެންނަމަވެސް ޖެހި ޖެހިގެން ތިންވަނަ ފަހަރަށް ތަށި ހޯދުމަށް އެޓީމުން ކުރަމުން އައި މަސައްކަތަށް ހުރަސްއަޅައި އެމްޓީސީސީން ވަނީ އެކުލަބުގެ ތާރީޚުގައި ވެސް ފުރަތަމަ ފަހަރަށް މިމުބާރާތް ކާމިޔާބު ކޮށްފަ އެވެ.

މީގެ ކުރިން ޖެހިޖެހިގެން ތިންފަހަރު މިމުބާރާތުގެ ޗެމްޕިއަންކަން ހޯދިފައިވަނީ ކުޅުދުއްފުށި ސިޓީ ޕޮލިސް (ކޭސީޕީ) އަށް އެކަނިކަން ފާހަގަ ކޮށްލެވެ އެވެ.

ރޭ ކުޅެވުނު ފައިނަލް މެޗުގައި ދެޓީމުގެ ފަރާތުން ވެސް ފާހަގަކޮށްލެވޭ މޮޅު ކުޅުމެއް ފެނިގެންދިޔައިރު ރޭގެ މެޗުގެ ފޯރި އިންތިހާއަށް ގަދަ އެވެ. ފަހު ވަގުތާއި ޖެހެންދެން ވެސް ދެޓީމުން ލެޔަށް ކުޅުނުއިރު މެޗު ކާމިޔާބު ކުރީ އެމްޓީސީސީންނެވެ.

މިމެޗުގައި ފުރަތަމަ ގޯލެއް ޖަހާ މެޗުގެ ލީޑް ނެގީ ކޭޕީއާރުސީންނެވެ. މެޗު ފެށިގެން މާގިނަ އިރުތަކެއް ނުވެ 4 ވަނަ މިނެޓުގައި ކޭޕީއާރުސީގެ މުހައްމަދު ސާދް ނިޒާރު ވަނީ އެޓީމަށް ގޯލެއް ޖަހައިދީ ލީޑު ނަގައިދީފަ އެވެ.

އެހެންނަމަވެސް އެޓީމަށް މެޗުގެ ލީޑު ހިފަހައްޓާލެވުނީ ދެމިނެޓަށެވެ. މެޗުގެ 6 ވަނަ މިނެޓުގައި އެމްޓީސީސީގެ މުހައްމަދު އިސާމް (ޝަންޓޭ) ވަނީ އެޓީމަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ.

ދެޓީމުން ވެސް އިތުރަށް ކުޅުން ރަނގަޅުކޮށް މެޗުގައި އިތުރު ލަނޑެއް ޖަހަން މަސައްކަތް ކުރި އިރު މެޗުގެ ފުރަތަަމަ ހާފު ނިމެން މިނެޓަކަށް ވެފައިވަނިކޮށް އެމްޓީސީސީގެ ޖާޒީ ނަންބަރު 13 ޖުމައިލް ޖަމީލް ވަނީ އެޓީމަށް ގޯލެއް ޖަހައިދީ މެޗުގައި ފުރަތަމަ ފަހަރަށް އެޓީމަށް ލީޑު ނަގައިދީފަ އެވެ.

މިލަނޑާއެކު ކޭޕީއާރުސީ ޕްރެޝަރުގެ ތެރެއަށް ވެއްޓުނު ނަމަވެސް ދެވަނަ ހާފަށް އެޓީމުން ނުކުތީ ކުޅުން އިތުރަށް ވަރުގަދަކޮށްގެންނެވެ. ނަމަވެސް އެޓީމަށް އެމްޓީސީސީ ކޮޅަށް ލަނޑެއް ޖެހޭ ގޮތެއްނުވި އެވެ.

އެމްޓީސީސީން ފަހު ހާފުގައި އިތުރަށް ޑިފެންސް ވަރުގަދަކޮށް ކުޅުނުއިރު މިމެޗުގައި އެންމެ ފާހަގަކޮށްލެވޭ މޮޅު ކުޅުމެއް ފެނިގެން ދިޔައީ އެމްޓީސީސީގެ ހުނަރުވެރި ކުޅުންތެރިޔާ ސާމިން މުހައްމަދު ނަސީރުގެ ފަރާތުންނެވެ. ފައިނަލް މެޗުގެ މޮޅުކުޅުންތެރިޔާގެ މަގާމު ވެސް ސާމިން ހޯދި އިރު އޭނާ ވަނީ މުޅި މުބާރާތުގައި ވެސް ފާހަގަކޮށްލެވޭ ތަފާތު މޮޅު ކުޅުމެއް ދައްކާފަ އެވެ.

މުބާރާތުގެ ހާއްސަ ވަނަތަކަށް އަލިއަޅުވާލާއިރު މުބާރާތުގެ ފެއާޕްލޭ ޓީމަކަށް ހޮވިފައިވަނީ ކުލަބް ކުޅުދުއްފުށި ސިޓީ ޕޮލިސް (ކޭސީޕީ) އެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗުގެ މަގާމު ހޯދީ އެމްޓީސީސީގެ ކޯޗު އިލްވާން މުހައްމަދު އެވެ. އަދި އެންމެ ސަޕޯޓިންގ ޓީމަކަށް ހޮވިފައިވަނީ ކޭޕީއާރުސީ އެވެ.

މިމުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދީ ޖުމްލަ 9 ލަނޑާއެކު ކުޅުދުއްފުށި ސިޓީ ކައުންސިލް ރެކްރިއޭޝަން ކްލަބުގެ އަބްދުﷲ ވިސާމް އެވެ.

މުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިންނަށް ހޮވިފައިވަނީ އެމްޓީސީސީގެ އަލީ ޝިޔާހު، ފައްޔާޒް ފަޔާޒް، އިސްމާއިލް ވަޖީހު އަދި ކޭޕީއާރުސީގެ މުހައްމަދު ސާދް ނިޒާރުއާއި އަބްދުﷲ ޝާފިއު އެވެ. އަދި މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ މުބާރާތުގައި ތަފާތު މޮޅު ކުޅުމެއް ދެއްކި ކުލަބް އެމްޓީސީސީގެ އަލީ ޝިޔާހު (ޝިޔާ) އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355