twitterviber whatsapp telegramfacebookyoutube instagram
10th December 2025

އެންމެފަހުން ބީއެމްއެލް ބިޒްނަސް ސެންޓަރު ބިމަށް ފިނޭންސުން ހުއްދަދީފި

އަބްދުލް ވާހިދު ޙަސަން
Dec 9, 2025

ކުޅުދުއްފުށީގައި ހަދަން ނިންމި ބީއެމްއެލްގެ ބިޒްނަސް ސެންޓަރަށް ބޭނުންވާ ބިމުގެ ހުއްދަ އެންމެފަހުން ފިނޭންސް މިނިސްޓްރީން ދީފައިވާ ކަމަށް މޭޔަރު މުހައްމަދު އާތިފު ވިދާޅުވެއްޖެ އެވެ.

ބިން ކުއްޔަށް ދިނުމުގެ ބާރު ކައުންސިލްތަކުން ނިގުޅައިގަނެ މައި ސަރުކާރުގެ ދަށަށް ގެންދިޔައީ ލާމަރުކަޒީ ނިޒާމަށް ގެނައި ބަދަލުތަކާއެކު އެވެ. އެހެންވުމުން ބިޒްނަސް ސެންޓަރުގެ ބިމުގެ ހުއްދައަށް މާލޭގައި ހުންނަ ފިނޭންސް މިނިސްޓްރީގައި ކައުންސިލުން އެދުނު ކަމުގައިވިޔަސް އޭރު އޮތީ ނުދީ ހިފަހައްޓާފަ އެވެ.

އެހެންނަމަވެސް ބިމުގެ ހުއްދަ ނުލިބުނު ކަމުގައި ވިޔަސް މިދިޔަ އަހަރުގެ އޯގަސްޓް މަހު ރައީސް ޑރ މުހައްމަދު މުއިއްޒު ކުޅުދުއްފުއްޓަށް ކުރެއްވި ދަތުރުފުޅުގައި ބިޒްނަސް ސެންޓަރުގެ ބިންގާ ވަނީ އެޅި އެވެ. ބިންގާ އަޅުއްވައިދެއްވީ ފިނޭންސް މިނިސްޓަރު ޒަމީރާއި ބީއެމްއެލްގެ ސީއީއޯ އަދި މަޖިލިސް މެންބަރުންނެވެ. އެ ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގެންނެވި އެވެ.

ހުއްދަ ނުލިބުމުގެ ސަބަބުން ބިޒްނަސް ސެންޓަރުގެ މަސައްކަތް އޮތީ ހުއްޓިފަ އެވެ. އެހެން އޮތުމަށްފަހު އެތަނުގައި އެޅި ބިންގާ ނަގައި އެތަން ކޮންޓްރެކްޓަރު ވަނީ ސާފުކޮށްފަ އެވެ. އެކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ބައެއްގެ ފާޑުކިޔުން ވެސް ސަރުކާރަށް އަމާޒުވި އެވެ.

ލާމަރުކަޒީ ނިޒާމަށް ގެނައި ބަދަލުތަކާހެދި ކައުންސިލްތަކަށާއި ރަށްތަކުގައި އުޅޭ ރައްޔިތުންނަށް ކުރިމަތިވަމުންދާ ދަތިތަކާ ގުޅިގެން މީޑިއާއަށް މައުލޫމާތު ދެއްވުމަށް މާލޭގައި މިއަދު ބޭއްވި ބައްދަލުވުމުގައި މޭޔަރު އާތިފު ވިދާޅުވީ، ބީއެމްއެލް ބިޒްނަސް ސެންޓަރު އަޅާނެ ބިން ނުދީ ސަރުކާރުން ހިފަހައްޓާފައި އޮތުމަށްފަހު މިހާރު އެ ހުއްދަ ފިނޭންސް މިނިސްޓްރީ ދީފައިވާ ކަމަށެވެ.

ބަދަލާއެކު ސަރުކާރުގެ ކުންފުނިތަކަށް ވެސް ބިން ހޯދުމުގައި ސަރުކާރުން ހުރަސްތައް ކުރިމަތިކުރުވާކަން މޭޔަރު މި ބައްދަލުވުމުގައި ފާހަގަކުރެއްވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355