twitterviber whatsapp telegramfacebookyoutube instagram
9th January 2026

ރަށަށް ޒިޔާރަތްކުރާ މީހުންގެ ސަމާލުކަން ލިބިފައިވާ ތަރިޖެހިގެ ހިމާޔަތްކުރަނީ

ޙަސަން އިޔާން
Jan 8, 2026

ކުޅުދުއްފުށީ ސިޓީއަށް ޒިޔާރަތްކުރާ މީހުންގެ ސަމާލުކަން ލިބިފައިވާ ތަރިޖެހިގެ އަށް އެހެން ދިމާލަކުން ބިމެއްދީ، އެ ގެ ހިމާޔަތްކުރަން ސިޓީ ކައުންސިލުން ނިންމައިފި އެވެ.

ރަށުގެ ހަނި ޖާގަތަކުގައި ހުރި ގޯތިތައް ހުސްކޮށް، އެ ގޯތިތައް އެހެން ތަންތަނަށް ބަދަލުކުރުމުގެ މަސައްކަތް ކައުންސިލުން ވަނީ ފަށައިފަ އެވެ. އެގޮތުން، މީގެކުރިން ބައެއް ގޯތިތައް އެހެން ތަންތަނަށް ބަދަލުކުރަން ނިންމާފައިވާއިރު އެންމެ ފަހުން ކައުންސިލުން ބޭއްވި އާންމު ބައްދަލުވުމުގައި ވެސް ބައެއް ގޯތިތައް އެހެން ތަންތަނަށް ބަދަލުކުރަން ވަނީ ނިންމައިފަ އެވެ.

އޭގެ ތެރޭގައި ތަރިޖެހިގެ ހިމެނެ އެވެ. ވަރަށް ހަނި ގޮތަކަށް އެކި ގޯތިތަކުގެ މެދަށްވާ ގޮތަށް އޮތް ތަރިޖެހިގެ ބަދަލުކުރަން ނިންމާފައިވަނީ އިސްރަށްވެހިންގެ ޕާކްގެ އިރުމަތިން އޮތް ހުސް ބިމަށެވެ. ކައުންސިލުން ނިންމާފައިވަނީ ތަރިޖެހިގޭގެ ބަދަލުގައި އެހެން ބިމެއް ދިނުމަށް ފަހު، މިހާރު ހުރި މުސްކުޅި ގެ ހިމާޔަތް ކުރުމަށެވެ.

ސަގާފަތާއި ތަރިކަ އަންނަން އޮތް ޖީލުތަކަށް ފެންނާނެ ގޮތަށް އެ ގެ ހިމާޔަތް ކުރަން މިދިޔަ ބުދަ ދުވަހު ބޭއްވި އާންމު ބައްދަލުވުމުގައި ވާހަކަދެއްކެވި ހުރިހާ ކައުންސިލަރުން ވެސް އެއްބަސްވި އެވެ. އެތަނުގެ މުހިންމުކަމާއި އަންނަ އޮތް ޖީލަށް ދިވެހިން އުޅުނު ސާދާ ދިރިއުޅުން އެ ގެއިން ފެންނާނެ ކަމާއި އަދި ފަތުރުވެރިންގެ މަންޒިލެއްގެ ގޮތުގައި އެތަން މިހާރެކޭ އެއްގޮތަށް ދެއްކޭނެކަން މެންބަރުން ފާހަގަކުރެއްވި އެވެ.

އެހެން ތަނަކަށް ބަދަލުކުރަން ނިންމާފައިވާ ތަރިޖެހިގެ އަކީ މިހާރު 90 އަހަރާ ގާތްކޮށްފައިވާ އަލީ މުހައްމަދު (އަލިބެ) ދިރިއުޅޭ ގެ އެވެ. މިހާރު އޭނާ އެކަނި އެ ގޭގައި ދިރިއުޅެމުންދާއިރު، އެއީ އަލިބެ މައިންބަފައިންގެ ދުވަސްވީ ގެ އެވެ. އެ ގެ އަދިވެސް ހުރީ އެންމެ އިހު ޒަމާނުގެ ގޮތަށެވެ.

އިހުގެ މީހުންގެ ދިރިއުޅުމާއި ގެންގުޅުނު ތަކެތި ދައްކުވައިދޭ ތަރިޖެހިގެ އަކީ މިހާރު ކުޅުދުއްފުއްޓަށް ޒިޔާރަތްކުރާ ވަރަށް ގިނަ މީހުންނަށް "ޓޫރިސްޓް ސްޕޮޓެކެވެ". އެ ގެ ބަލާލައި، އަލިބެއާ ބައްދަލުކޮށްލަން ވަރަށް ގިނަ މީހުން ދެ އެވެ.

ގާތްގަނޑަކަށް މީގެ ގަރުނެއް ކުރިން ބިނާކޮށްފައިވާ ތަރިޖެހިގެ ވާހަކަ އާއި އެ ފޮޓޯތައް ޝާއިއު ނުކުރާ ބޮޑު މީޑިއާއެއް ވެސް ރާއްޖޭގައި މަދެވެ. އެއީ އެ ގޭގެ މަޝްހޫރުކަމާއި އެ ގެއަށް ލިބިފައިވާ ސަމާލުކަން ހާމަވާ ކަމެކެވެ.

މިފަހުން ވެސް އަލިބެއާ ބައްދަލުވެ ދެކެވުނު ވާހަކައިން ތަރިޖެހިގެ ބަލާލަން ވަރަށް ގިނަ މީހުން އެތަނަށް ޒިޔާރަތްކުރާ ކަމަށް ބުންޏެވެ. އާންމުކޮށް ދުވާލު ގަޑީގައި އަލިބެ އެ ގޭގައި އެކި މަސައްކަތުގައި އުޅޭއިރު ނިދަން ގޮސް އުޅެނީ އެހެން ގެއަކަށެވެ.

ތަރިޖެހިގެ ސާދަކަމާއި އެ ގޭގައި އަލިބެ ދުވަސްވީ ދިރިއުޅުމަކީ ކުޅުދުއްފުށީގެ އާސާރެކެވެ. ވަރުގަދަ ތަރިކައެކެވެ. އެ ގެ އެހެން ތަނަކަށް ބަދަލު ކުރަން ނިންމި ނަމަވެސް، އަލިބެ އެހާ ދުވަހު ރައްކާކުރި އެ ވަރުގަދަ އާސާރު ގެއްލި ނުދާނެ ގޮތަކަށް ރޭވުމަކީ މުހިންމު ކަމެއް ކަމަށް ފެނެ އެވެ. ރާއްޖޭގެ ރަށަކުން ވެސް މިހާރު މަދުން ނޫނީ ނުފެންނަ، މި އިހުގެ ދިރިއުޅުން ފެންނަ ތަރިޖެހި ގެއަކީ ކުޅުދުއްފުށީގެ ތާރީހާއި ދިރިއުޅުން ބުނެދޭން ރައްކާކުރެވިދާނެ އަގުހުރި ތަރިކައެކެވެ.

ތަރިޖެހި ގޭގެ ނަޖުމު، ސްޓަރ އަދި ކޮމެޓްގެ ވެސް ބަދަލުކުރަން ނިންމާފައިވެ އެވެ. މީގެއިތުރުން ފާޅު ކިޔާ ގޯއްޗާއި ގާހަކަ ކިޔާ ގޯއްޗާއި ގުލްތަރުޖަމާގެ އާއި އިޝާ އަދި މަލްވިލާގެ ވެސް އެހެން ސަރަހައްދުތަކަށް ބަދަލުކުރަން ވަނީ ނިންމައިފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355