ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފް ދެވަނަ ދައުރަކަށް ނުކުންނަވާ ކަން މިއަދު ހާމަކުރައްވައިފި އެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ކެމްޕެއިން ލޯންޗުކޮށް، އާތިފް މިއަދު އާންމުކުރެއްވި ވީޑިއޯއެއްގައި ވިދާޅުވީ އިންތިހާބުގައި ކުޅުދުއްފުށީ ރައްޔިތުންގެ ކުރިމަތީގައި އޮތީ ބޮޑު ސުވާލެއް ކަމަށެވެ. އެއަށް ފަހު، އާތިފް ވަނީ އެ ސުވާލުތައް ފާހަގަކުރައްވައިފަ އެވެ.
މޭޔަރު ރައްޔިތުންނަށް ދޫކޮށްލެއްވި ސުވާލުތައް:
- ރަށުގައި މިހާރު އޮތް ޒަމާނީ އިދާރީ ހިންގުން ނިމުމަކަށް ގެންނާނީތޯ؟
- މަރުކަޒީ ވިސްނުމުގެ ބަޔަކު ކައުންސިލްގެ ގޮނޑިތަކަށް ހޮވާނީތޯ؟
- ސަރުކާރުން ކުޅުދުއްފުށީގައި ތަރައްގީ ހުއްޓާލާފައި އޮތް ހުއްޓާލުމަށް ތާއިދުކޮށް އެ މަގުން ވޯޓު ދޭނީތޯ؟
- ރަށުގެ ރައްޔިތުންގެ އަތުގައި މިހާރު އޮތް ބާރު ސަރުކާރަށް ދޫކޮށްލާނީތޯ؟
- ވަޒީފާ އާއި ފައިސާއާ ނުފޫޒު ކުރިމަތީގަ ކުޑަކަކޫ ޖަހާނީތޯ؟"
"ނޫން، ނޫން އަޅުގަނޑުމެން އެގޮތަކަށް ނުރުހޭނަން،" އާތިފް، ކެމްޕެއިން ވީޑިއޯގައި ވިދާޅުވި އެވެ.
މޭޔަރު އާތިފް ވިދާޅުވީ ކުޅުދުއްފުށީގެ އިދާރީ ހިންގުމުގެ ބާރު އޮންނަން ވާނީ ރައްޔިތުންގެ އަތުގައި ކަމަށާއި އެ މިނިވަންކަން ރައްޔިތުންނަށް ވަރަށް މުހިންމު ކަމަށެވެ. ރަށުގެ ތަރައްގީގެ ކަންކަން ރާވައި ހިންގާނީ މޭޔަރު ވިދާޅުވި ގޮތުގައި ރަށުގެ ރައްޔިތުން އެދޭ ގޮތަށް ރައްޔިތުންނަށް ނަފާވާނެ މަގަށެވެ. އެ މަސައްކަތުގައި އޭނާ އަދިވެސް ރައްޔިތުންނާ އެކު ހުންނާނެ ކަމަށް މޭޔަރު ވިދާޅުވި އެވެ.
"އަޅުގަނޑާ އެކު ކުރިއަށް ހިންގަވާ. ކައުންސިލް ރަނގަޅަށް ހިނގޭނެ ވަރުގެ ގާބިލް ޓީމެއް އަޅުގަނޑާ އެކު ނުކުންނާނެ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އަޅުގަނޑުގެ ނަން އިރާދަކުރެއްވިއްޔާ އޮންނާނެ،" މޭޔަރު ވިދާޅުވި އެވެ.
އާތިފް ކެމްޕެއިން ފެއްޓެވިއިރު، އޭނާއާ ވާދަކުރައްވާ އެހެން ކެންޑިޑޭޓެއް އަދި ނެތެވެ. ސަރުކާރު ހިންގާ ޕީއެންސީން މޭޔަރު ކެންޑިޑޭޓެއް މިހާތަނަށް ރަސްމީކޮށް އިއުލާންކޮށްފައެއް ނުވެ އެވެ.
މިފަހުން ސިޓީ ކައުންސިލުން ގިނަ މަޝްރޫއުތަކެއް ހިންގާފައިވާއިރު، އޭގެ ތެރެއިން ގިނަ މަޝްރޫއުތަކަށް ގައުމީ ފެންވަރުގައި ސަމާލުކަން ލިބި، ތައުރީފް ކޮށްފައިވެ އެވެ.