twitterviber whatsapp telegramfacebookyoutube instagram
1st February 2026

"ބިންގާ"ގެ ނަމުގައި ސްކޫލުތަކުގައި ހާއްސަ ޕްރޮގްރާމެއް ފަށަނީ

ނަބީލާ އިސްމާޢީލް
Feb 1, 2026

ދަރިވަރުންގެ އަހުލާގު ރަނގަޅު ކުރަން "ބިންގާ"ގެ ނަމުގައި ހާއްސަ ޕްރޮގްރާމެއް ފަށަން އެޑިއުކޭޝަން މިނިސްޓްރީން ސްކޫލުތަކަށް އަންގައިފި އެވެ.

ކޮންމެ މަހަކަށް ވަކި ޝިޔާރެއް ކަނޑައަޅައިގެން ކުރިއަށް ގެންދާ މި ޕްރޮގުރާމުގެ، ފެބުރުވަރީ މަހަށް ކަނޑައަޅާފައިވާ ޝިޔާރަކީ ޝުކުރުކުރުމެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ސޮއިކުރައްވައި ސްކޫލްތަކަށް މިދިޔަ ބުރާސްފަތި ދުވަހު ފޮނުއްވި ސާކިއުލާގައި ބުނެފައި ވަނީ އެ ޕްރޮގްރާމަކީ ދަރިވަރުންގެ ކިބައިގައި ރިވެތި ސިފަތަކާއި އާދަތައް ހަރުލެއްވުމަށް އެހީވާން ކުރިއަށް ގެންދަން ނިންމެވި ޕްރޮގްރާމެއް ކަމަށެވެ.

މި ޕްރޮގުރާމަކީ ސްކޫލާއި ބެލެނިވެރިންނާއި މުޅި މުޖުތަމައުގެ ބައިވެރިވުމާއެކު ކުރިއަށްގެންދިއުމަށް ހަމަޖައްސާފައިވާ ޕްރޮގްރާމެކެވެ.

މި ސާކިއުލާގައި މިނިސްޓަރު އެދިވަޑައިގެންފައި ވަނީ އެ ސްކޫލަކުން ކުރަންޖެހޭ ކަންތައްތައް އެ ސްކޫލަކުން ކުރިއަށް ގެންދިޔުމަށެވެ.

ކޮންމެ މަހެއް ފެށުމުގެ ކުރިން އެމަހަކަށް، ކަނޑައަޅާފައިވާ ތީމް، ސްކޫތަކަށް އެޑިޔުކޭޝަން މިނިސްޓްރީން އަންގާނެއެވެ.

ޕްރޮގްރާމްގައި ކުރިއަށް ގެންދަން ޖެހޭ ހަރަކާތްތައް

  • ދަރިވަރުން ދީނީ ވާޖިބުތަކާއި އަހުލާގީ ރިވެތި ސިފަތަކާއި އާދަތަކަށް އަހުލުވެރިކުރުވުމަށް، އަމާޒުކޮށް ކޮންމެ ސްކޫލަކުން ވެސް ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުން.
  • އިހުތިރާމުކުރުމާއި ޒިންމާނެގުމާއި ސާފުތާހިރުކަމާއި އަޅާލުމާއި އޯގާތެރިކަން އިސްކުރުންފަދަ ރިވެތި ސިފަތަކާއި އާދަތައް ދަރިވަރުންގެ ކިބައިގައި އަށަގެންނެވުން.
  • ނަމާދަށް ދަރިވަރުންގެ ހިތްތަކުގައި ލޯބި އުފައްދައި ދަރިވަރުންނަކީ ނަމާދު އަދާކުރާ ބަޔަކަށް ހެދުމަށް އެ ޕްރޮގްރާމްގެ ތެރެއިން ހާއްސަ މަސައްކަތްތަކެއް ކުރުން.
  • ކޮންމެ މަހަކަށް ކަނޑައަޅާ ތީމާއި އެތީމާ ގުޅުން ހުރި މެސެޖުތައް ސްކޫލުގެ ގޯތިތެރެއިން ފެންނަގޮތަށް ޑިސްޕްލޭކުރުން.
  • ކޮންމެ މަހަކަށް ކަނޑައަޅާ ތީމް ތައާރަފް ކުރުމަށް ސްކޫލުތަކުގައި ކޮންމެ މަހަކު ހާއްސަ އެސެމްބްލީއެއް ބާއްވައި އެ ސެމްބްލީ ތަކުގައި ތީމްއާ ގުޅޭ ގޮތުން ވާހަކަދެއްކުމުގެ ފުރުސަތު ދަރިވަރުންނަށް ފަހިކޮށްދިނުން.
  • އެ ތީމްއާ ގުޅޭގޮތަށް ރަށުފެންވަރުގެ ޕެނަލްޑިސްކަޝަންއެއް ނުވަތަ ކޮމިއުނިޓީ ބައިވެރިކޮށްގެން ބާއްވާ އެފަދަ ބޮޑު ހަރަކާތެއް ކުރިއަށް ގެންދިއުން.
  • ކޮންމެ މަހެއްގެ ތީމާ ގުޅޭ ގޮތުން ގޭތެރެ އާއި މުޖުތަމައުގައި އުޅޭއިރު ކުރެވޭނެ ކަންތައްތައް ބެލެނިވެރިންނާއި ދަރިވަރުންނަށް އަންގައިދިނުމާއި ކޮންމެ މަހަކަށް ކަނޑައަޅާ ތީމާ ގުޅޭ ގޮތުން ސްކޫލުން ހިންގާ ހަރަކާތްތައް އެ ސްކޫލެއްގެ ސޯޝަލް މީޑިއާގައި ހިއްސާ ކުރުން.

ބިންގާ ޕްރޮގްރާމް ވިލަރެސްކުރުމަށް ހާއްސަ ކޮމިޓީއެއް އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެކުލަވާލައިފަ އެވެ. ތީމާ ގުޅޭގޮތުން ކުރިއަށް ގެންދާނެ ހަރަކާތްތައް ސްކޫލުތަކާއި ހިއްސާކުރުމާއި ޕްރޮގްރާމް ކުރިއަށްގެންދަން އެހީތެރިވުމާއި ޕްރޮގްރާމް ކުރިއަށްދާ ގޮތް ވަޒަންކުރުމުގެ ޒިންމާ ހަވާލުކޮށްފައި ވަނީ އެ ކޮމެޓީއާ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355