twitterviber whatsapp telegramfacebookyoutube instagram
2nd February 2026

ބުސްތާން: ޝައިޚް ޙާތިމް ޔޫސުފްއާއެކު ނޮޅިވަރަމުގައި ޚާއްސަ ހަރަކާތްތަކެއް ބާއްވަނީ

Feb 2, 2026

ހދ. ނޮޅިވަރަމުގައި ދީނީ އަދި އިޖުތިމާއީ ހަރަކާތްތައް ހިންގާ ޖަމިއްޔާއެއް ކަމަށްވާ ޖަމިއްޔަތުއްރިސާލާއިން، ނޮޅިވަރަމް ކައުންސިލާ ގުޅިގެން "ބުސްތާން" ގެ ނަމުގައި ވަރަށް ޚާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދަން ނިންމައިފިއެވެ.

މި ފެބްރުއަރީ މަހުގެ 5، 6 އަދި 7 ވާ ހަފްތާ ބަންދުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި އިވެންޓަކީ ލެންޓާން ޖަމިއްޔާގެ ބައިވެރިވުމާއެކު ކުރިއަށް ގެންދާ ހަރަކާތެކެވެ. މި އިވެންޓްގައި އެންމެ ޚާއްސަ ފަރާތެއްގެ ގޮތުގައި ބައިވެރިވެވަޑައިގަންނަވާނީ ޒުވާނުންނާ ގުޅޭ ގިނަ ހަރަކާތްތަކެއް ހިންގަވާފައިވާ މަޝްހޫރު ޒުވާން ޢިލްމުވެރިޔާ ޝައިޚް ޙާތިމް ޔޫސުފްއެވެ.

ޖަމިއްޔަތުއްރިސާލާގެ ރައީސް ޢަލީ އަސްލަމް މަޢުލޫމާތު ދެއްވި ގޮތުގައި، މި އިވެންޓްގެ ފުރަތަމަ ދުވަސް ކަމުގައިވާ ބުރާސްފަތި ދުވަހު ޒުވާނުންނަށް ޚާއްސަކޮށްގެން އަޤީދާ ވޯކްޝޮޕެއް ކުރިއަށްދާނެއެވެ. މި ވޯކްޝޮޕުގައި ޒުވާނުންގެ ހިތުގައި އުފެދޭ އަޤީދާގެ އެކި ސުވާލުތަކާއި، ދީނާމެދު އުފެދޭ ޝައްކުތަކަށް އަލިއަޅުވާލެވޭނެއެވެ. މި ވޯކްޝޮޕްގެ ހުރިހާ ސެޝަންއަކުގައި ބައިވެރިވާ މީހުންގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް މަސްބާނާ ދޮށި ސެޓެއް ލިބޭނެއެވެ.

ބުުރާސްފަތި ދުވަހުގެ ހަވީރު، އާއިލީ ހަވީރުގެ ނަމުގައި، ތަފާތު އިވެންޓެއް އޮންނާނެއެވެ. މި އިވެންޓްގައި ރަށުގެ އިސްރައްވެހިން، ކުރީ ޒަމާނުގެ އެކި ވަހަކަ ކިޔައިދިނުން އޮންނާނެއެވެ. އެވަގުތު އެތަނުގައި ހަވީރުގެ ސައި ލިބެން ހުންނާނެއެވެ.

ރަށުގެ ކުލަބު ޖަމިއްޔާތަކުގެ މެންބަރުންނަށް ޚާއްސަކޮށްގެން ބުރާސްފަތި ދުވަހުގެ ރޭ އިޝާ ނަމާދަށްފަހު "ކޮފީ ވިތް ޝައިޚް" ގެ ނަމުގައި އިވެންޓެއް ބޭއްވުމަށް ވަނީ ރޭވިފައެވެ. މިއީ ޒުވާނުންގެ ހިތްތަކުގައި އުފެދޭ އެކި ސުވާލުތައް ޝައިޚާ ހިއްސާކޮށް، ޖަވާބު ހޯދުމަށް ލިބޭ ރަނގަޅު ފުރުސަތެކެވެ.

ހުކުރު ދުވަހުވެސް ގިނަ ހަރަކާތްތަކެއް ކުރިއަށްދާނެއެވެ. އެގޮތުން ހުކުރު ދުވަހުގެ ހެނދުނު ޝައިޚާއެކު ބާއްވާ ހެނދުނުގެ ސަޔަށްފަހު، ކުޑަކުދިންނަށް އަމާޒުކޮށްގެން "ވިނިންގ މައިންޑްސެޓް" ގެ ނަމުގައި މަޖާ ކުޅިވަރުތަކެއް ހިމެނޭ ޕްރޮގްރާމެއް ކުރިއަށްދާނެއެވެ. މި ޕްރޮގްރާމުގެ ބައިވެރިންގެ ތެރެއިން ގުރުއަތުން ހޮވޭ ނަސީބުވެރި ކުއްޖަކަށް ސްކޭޓް ބޯޑެއް ހަދިޔާކުރުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން، ހުކުރު ދުވަހުގެ ރޭ 8:30 ގައި "ﷲގެ ނަޞްރު އައިހިނދު" މި މައުޟޫއަށް ބާއްވާ ބޮޑު ދީނީ ދަރުހެއް އޮންނާނެއެވެ. މި ދަރުހަށް ވަޑައިގަންނަވާ ބޭފުޅުންގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ފަރާތަކަށް، ނޮޅިވަރަމުގެ "ޝަބާބް ޓޭސްޓް ރެސްޓޯރެންޓް" އިން ދެ މީހެއްގެ ކެއުން އިނާމެއްގެ ގޮތުގައި ލިބިގެންދާނެއެވެ.

ހޮނިހިރު ދުވަހު އަންހެނުންނަށް ޚާއްސަ ވޯކްޝޮޕެއް ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ. މި ވޯކްޝޮޕްގައި މުސްލިމް އަންހެނެއްގެ ޙަޔާތުގެ ހުރިހާ މަޤާމެއްގައި ލިބިދޭ ޙައްޤުތަކާއި އަދާކުރަންޖެހޭ މަސްޢޫލިއްޔަތުތަކަށް އަލިއަޅުވާލެވޭނެއެވެ. މި ވޯކްޝޮޕްގައި ކުރާ ސުވާލުތަކަށް ރަނގަޅު ޖަވާބުދޭ ފަރާތްތަކަށް އެކި އިނާމު ލިބިގެންދާނެއެވެ.

މި އިވެންޓްގެ މައިގަނޑު މަޤްޞަދަކީ ރަށުގެ ރައްޔިތުންނަށް ދީނީ އަދި އިޖުތިމާޢީ ހޭލުންތެރިކަން އިތުރުކޮށް، ޚާއްސަކޮށް ޒުވާނުންނާއި ކުޑަކުދިންގެ މެދުގައި އިސްލާމީ އަޚްލާޤާއި އާދަކާދަ ދިރުވައި އާލާކުރުން ކަމަށް ޖަމިއްޔަތުއްރިސާލާއިން ބުނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355