ކުރިއަށް އޮތް ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން އޮންލައިންކޮށް ޒަކާތް ދެއްކުމަށް ދަތިވާ ފަރާތްތަކަށް ފައިސާއިން ޒަކާތް ދެއްކުމުގެ އިންތިޒާމު ފަހިކޮށްދިނުމަށް ޓަކައި "ފިޠުރު ޕޯޓަލް"ގެ ނަމުގައި ޑިޖިޓަލް ޕްލެޓްފޯމެއް މޯލްޑިވްސް ޒަކާތު ހައުސް އިން ތައާރަފުކޮށްފި އެވެ.
ޒަކާތު ހައުސް އިން ބުނި ގޮތުގައި މި ޕޯޓަލްގެ މަގުސަދަކީ ރަށު ކައުންސިލުތަކާއި ޒަކާތު ހައުސް މެދުވެރިކޮށް ނަގުދު ފައިސާއިން ޒަކާތް ބަލައިގަތުމުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް، އެއް އުސޫލަކުން އެ ކަން ކުރިއަށް ގެންދިއުންކަމަށެވެ.
މި ޕޯޓަލް މެދުވެރިކޮށް، ނަގުދު ފައިސާއިން ބަލައިގަންނަ ޒަކާތުގެ މުއާމަލާތްތައް ވަގުތުން ބެލުމުގެ ފުރުސަތު ޒަކާތު ހައުސްއަށް ލިބިގެންދާނެ ކަމަށް އެ އިދާރާއިން ބުނެފައިވެ އެވެ.
މީގެ ސަބަބުން އޮންލައިން ޕްލެޓްފޯމްތަކާއި ނަގުދު ފައިސާ މެދުވެރިކޮށް ލިބޭ ފިޠުރު ޒަކާތުގެ ސައްހަ ޖުމްލަ އަދަދުތައް ކޮންމެ ދުވަހަކު ވެސް ބަލާލެވޭނެ ކަމަށް ޒަކާތު ހައުސް އިން ބުންޏެވެ.
ޒަކާތު ހައުސް އިން ބުނީ މި ގޮތަށް ހުރިހާ މައުލޫމާތެއް އެއް ނިޒާމަކުން ވަގުތުން ބަލައިލެވުމުގެ ސަބަބުން، އިސްލާމީ ޝަރީޢަތުގައި ކަނޑައަޅުއްވައިފައިވާ ގޮތަށް ރޯދަމަސް ނިމޭ ތަނުން ލަސްނުކޮށް، ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ، ފިޠުރު ޒަކާތް ލިބުން ޙައްޤުވާ ފަރާތްތަކަށް އަވަސްކަމާއި ހަމަހަމަކަމާ އެކު ޒަކާތް ބެހުމަށް މަގުފަހިވާނެ ކަމަށެވެ.




