މޯލްޑިވްސް ޒަކާތު ހައުސްއިން، މިއަހަރުގެ ރަމަޟާން މަހުގެ ފިތުރު ޒަކާތް، ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ހުރިހާ އެންމެންނަށް ބަހައި ނިންމައިފި އެވެ.
ޒަކާތް ލިބުމަށް ޝަރުޠު ހަމަވާ މީހުންނަށް ފިތުރު ޒަކާތް ބަހައިފައިވާއިރު ބޮލަކަށް ޖެހިފައިވަނީ 6,000 ރުފިޔާ އެވެ. މިއީ ރާއްޖޭގައި މިހާތަނަށް ހަމަހަމަކޮށް ފިތުރު ޒަކާތް ބެހުމުގައި، ބޮލަކަށް އެންމެ ގިނަ އަދަދަކަށް ފިތުރު ޒަކާތް ބެހި ފަހަރެވެ.
ޒަކާތް ލިބުނު މީހުންގެ ތެރޭގައި، ޒަކާތް ހައްގުވާ ކެޓަގަރީތަކުގެ ދަށުން ހިމެނުނު 62 ފަގީރު ޔަތީމު ކުދިންވެސް ހިމެނެ އެވެ.
މި އަހަރު ފިތުރު ޒަކާތުގެ ގޮތުގައި މިހާތަނަށް ޖުމުލަ 14 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާއިރު މިއީ މިހާތަނަށް ފިތުރު ޒަކާތުގެ ގޮތުގައި އެންމެ ގިނައިން ފައިސާ ލިބިފައިވާ އަހަރެވެ. މީގެ ތެރެއިން ފަގީރުންނާއި މިސްކީނުންނަށް ބެހުމަށް ކަނޑައަޅާފައިވަނީ ޖުމުލަ 13،896،000 ރުފިޔާ އެވެ.




