ރާއްޖޭގެ އުތުރުގައި ށ ފުނަދޫގައި ހަދާ އެއާ ސްޓޭޝަންގެ މަސައްކަތް ނިންމައި މިއަހަރު ބޭނުންކުރަން ފަށާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގައި މިއަހަރަށް ރިޔާސީ ބަޔާން އިއްވަމުން ރައީސް ވިދާޅުވީ، ދިފާއީ ބާރުގެ ހުރިހާ ދާއިރާއެެއްގެ ފެންވަރު މަތިކޮށް، ހިދުމަތްތައް ހަރުދަނާކުރުމަށް މިދިޔަ އަހަރު ވެސް ގިނަ މަސައްކަތްތަކެއް ސަރުކާރުން ކޮށްފައިވާ ކަމަށާއި އެގޮތުން އަސްކަރިއްޔާގެ ކޯސްޓު ގާޑުގެ ހިދުމަތް ދެގުނަ ކުރުމުގެ މަސައްކަތުގެ ތެރެއިން ތުރުކީ ސަރުކާރުން ހިލޭ އެހީއެއްގެ ގޮތުގައި ދިން، ސިފައިންގެ ހިދުމަތް މިހާތަނަށް ތައާރަފުކުރި އެންމެ ބޮޑު އަސްކަރީ މަނަވަރު މިދިޔަ އަހަރު ހިދުމަތަށް ނެރެފައިވާކަން ރައީސް ފާހަގަކުރެއްވި އެވެ.
ރައީސް ވިދާޅުވީ އެމްއެންޑީއެފްގެ އެއާކޯ ތަރައްގީކުރުމުގެ މަސައްކަތުގެ ދަށުން އައްޑޫ ގަމުގައި ދިވެހި އަސްކަރިއްޔާގެ ފުރަތަމަ އެއާ ސްޓޭޝަން މިދިޔަ އަހަރު ގާއިމްކޮށްފައިވާ ކަމަށެވެ.
ސިފައިން ހިންގާ މެރިޓައިމް އޮޕަރޭޝަންތަކާއި ރެސްކިއު އެންޑް ސާޗު އޮޕަރޭޝަންތަކަށް ބޭނުންވާ އިންސްޕެކްޓާ ކްރާފްޓު ހޯދުމުގެ މަސައްކަތް ފަށައި، އޭގެ ތެރެއިން ތިން އުޅަނދު މިދިޔަ އަހަރު ހިދުމަތަށް ނެރެފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުގައި ސިފައިންނަށް ބޭނުންވާ އިތުރު އުމްރާނީ ވަސީލަތްތައް ގާއިމްކުރާނެ ކަމަށެވެ.




