އުތުރުގައި ގާއިމުކުރާ އެއާޕޯޓްތައް ނިމުމާއެކު އެ ތިން އަތޮޅު ވައިގެ މަގުން ގުޅުވާލާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައްޔިތުން މަޖިލީހަށް ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ އެންމެ އުތުރުގެ ތިން އަތޮޅުގައި ތަރައްގީކުރާ އެއާޕޯޓްތަކުގެ މަސައްކަތް ނިމުމުން އެ ތިން އަތޮޅުވެސް ވައިގެ މަގުން ގުޅުވާލާނެކަމަށެވެ.
ރާއްޖޭގެ އެންމެ ދެކުނުގެ ހަތަރު އަތޮޅު ވައިގެ މަގުން ގުޅާލާއި އެ ހިދުމަތް ފެށީ މިދިޔަ ޖެނުއަރީމަހު އެވެ.
" އެންމެ އުތުރުގެ ތިން އަތޮޅު ހިމެނޭ އިންޓަގްރޭޓަޑް ޑިވެލޮޕްމަންޓް ޒޯނުގައި ހއ ހޯރަފުށި، ހއ ދިއްދޫ، ކުޅުދުއްފުށި، ހދ މަކުނުދޫ ގުޅުވާލަދޭ އިންޓަރގްރޭޓަޑް އެއަރ ކަނެކްޓިވިޓީ ވިއުގަ މި ހުރިހާ އެއާޕޯޓްތަކެއް ހަދާ ނިމުމުން ގާއިމުކުރެވިގެންދާނެ." ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެއާޕޯޓް ތަރައްގީކުރުމުގެ ގިނަގުނަ މަސައްކަތްތަކެއް އެކި މަރުހަލާގައި ކުރިއަށްދާ ކަމަށެވެ.
އެގޮތުން ރައީސް ވިދާޅުވީ، ހދ މަކުނުދޫ، ހއ ދިއްދޫ، ށ ބިލެތްފަހި، ށ ކޮމަންޑޫ، ށ މިލަންދޫ، ނ ވިހަފަރު، ރ އަލިފުށި، ރ ފައިނު، ބ ތުޅާދޫ، އއ މަތިވެރި، ފ ނިލަންދޫ، ފ މަގޫދޫ، ތ ގުރައިދޫ، ތ ވިލުފުށި، ލ ކައްދޫ، ގއ ވިލިނގިލި، ގދ ކާޑެއްދޫ، އައްޑޫ ގަން، ހއ ހޯރަފުށި، ހދ ކުޅުދުއްފުށި، ށ ފުނަދޫ، ގއ މާވަރުލޫ، އަދި ފުވައްމުލަކު އެއާޕޯޓް ތަރައްގީކުރުން އެކި މަރުހަލާތައް ކުރިއަށްދާ ކަމަށެވެ.
ކުޅުދުއްފުށީ އެއާޕޯޓް ތަރައްގީކުރުމަކީ ރައީސްގެ 14 ހަފުތާގެ ހިމެނި ކަމެއްނަމަވެސް މިހާތަނަށް އެތަން ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ކުރިއަށްނުދާކަން ފާހަގަކުރެވެ އެވެ.
އަދި ރާއްޖޭގެ ހުރިހާ ރަށެއްގެ އެއާޕޯޓަށް ރޭގަނޑު ފްލައިޓް ޖެއްސޭ ގޮތަށް ތަރައްގީ ކޮށްފައިވާ ކަމަށާއި ބ ދަރަވަންދޫ އެއާޕޯޓް އައިލެންޑް އޭވިއޭޝަނަށް ބަދަލުކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެކަމަށް ރައީސް ވިދާޅުވި އެވެ. މީގެ އިތުރުން ލ އަތޮޅުގައި ދެވަނަ އެއާޕޯޓެއް ހެދުމުގެ މަސައްކަތްވެސް މިއަހަރު ފަށާނެކަމަށް ރައީސް ވިދާޅުވި އެވެ.




