ށ. ގޮއިދޫ ދަނޑުވެރިން އުފައްދާފައިވާ މޯލްޑިވްސް ގުޑް އެގްރިކަލްޗަރަލް ޕްރެކްޓިސަސް (އެމް-ގެޕް) ސެޓިފައިޑް ބާވަތްތައް ބާޒާރަށް ނެރެފި އެވެ.
އެމްގެޕް ސެޓްފިކެޓަކީ ގައުމީ ފެންވަރުގައި ކާބޯތަކެތީގެ ރައްކާތެރިކަން ހަރުދަނާ ކުރުމަށާއި ދެމެހެއްޓެނިވި ދަނޑުވެރިކަމުގެ އުސޫލުތައް ކުރިއެރުވުމަށް އުފައްދާ ކާބޯތަކެތީގެ ރައްކާތެރިކަމާއި ފައިދާތަކާއި ތިމާވެއްޓާ ރައްޓެހި ގޮތުގައި އުފެއްދޭކަން ކަށަވަރުކުރުމަށްޓަކައި ތައާރަފް ކުރި ސްކީމެކެވެ.
ގޮއިދޫ އަށް އެ ސެޓްފިކެޓް އެރުވީ މިދިޔަ އަހަރު އޮގަސްޓު މަހު އެވެ.
އެގްރިކަލްޗާ މިނިސްޓްރީ އިން ބުނި ގޮތުގައި އެމް-ގެޕް ސެޓިފައިޑް އުފެއްދުންތައް މާލެ ނޯތު ހާބަރު ސަރަހައްދުން ލިބެން ހުންނާނެ އެވެ.
"އެމް-ގެޕްގެ މި އުފެއްދުންތަކަށް އިސްކަން ދީގެން އަޅުގަނޑުމެން މި ކަށަވަރު ކުރާ ކަމަކީ އެންމެ މަތީ ކޮލިޓީ އަދި ރައްކާތެރި ކާބޯތަކެތީގެ ބާވަތްތައް މުޖުތަމައު އަށް ފޯރުކޮށްދީ ދެމެހެއްޓެނިވި ދަނޑުވެރިކަން ގާއިމް ކުރުން." އެ މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.
ގޮއިދޫ އަކީ އެމް-ގެޕް ސެޓިފައިޑް ދަނޑުވެރިން ތިބި ރާއްޖޭގެ ފުރަތަމަ ރަށެވެ. އެގޮތުން އެރަށުގެ 10 ދަނޑެއް ވަނީ ފަސް މޮޑިއުލް ހިމެނޭ އެމް-ގެޕް ސެޓްފިކެޓް ހާސިލްކޮށްފަ އެވެ.




