twitterviber whatsapp telegramfacebookyoutube instagram
24th February 2026

ކުދި ވިޔަފާރިތައް ތަރައްގީކުރުމަށް ސިޓީ ކައުންސިލުން ދޭ ލޯނު މިފަހަރު 15 ފަރާތަކަށް

ކޮންމެ މީހަކަށްވެސް ޖުމްލަ އެއްލައްކަ ރުފިޔާއާއި ހަމައަށް އެދުމުގެ ފުރުސަތު އޮންނަ މި ސްކީމުގެ ދަށުން މި އަހަރު ދޫކުރުމަށް ހަމަޖެހިފައިވަނީ ޖުމްލަ 1،455،000 ރުފިޔާ.

އަބްދުލް ވާހިދު ޙަސަން
Feb 24, 2026

ކުޅުދުއްފުށީ ސިޓީ ކައުންސިލުން، ސިޓީގައި މަސައްކަތްތެރިން އިތުރުކުރުމަށާއި، އަލަށް ވިޔަފާރި ފެށުމަށާއި، ކުދި ވިޔަފާރިތައް ފުޅާ ކުރުމަށް އެހީތެރިވެދިނުމުގެ ގޮތުން 2024 ވަނަ އަހަރު ތައާރަފްކުރި މަސައްކަތްތެރިންނާއި ކުދި ވިޔަފާރިތަކުގެ ފައިނޭންސިންގ ސްކީމްގެ ދެވަނަ ބުރުގައި ސްކީމު ކާމިޔާބު ކުރެއްވި ފަރާތްތަކަށް ސްކީމް ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފި އެވެ.

އެން.އޯ.ސީ އިމާރާތުގެ ލަގޮނޑި މާލިމީ މާލަމުގައި މިއަދު ހެނދުނު 10:00ގައި އޮތް މި ރަސްމިއްޔާތުގައި ސްކީމް ކާމިޔާބު ކުރެއްވި ފަރާތްތަކާއެކު ކައުންސިލްގެ ފަރާތުން އެއްބަސްވުންތަކުގައި ސޮއިކުރެއްވީ މޭޔަރު މުހައްމަދު އާތިފެވެ.

އަންހެނުންނަށާއި ފިރިހެނުންނަށް ވީހާވެސް ހަމަހަމަ ފުރުސަތު ލިބިދޭ ގޮތަށް ފަރުމާ ކޮށްފައިވާ މި ސްކީމް މި ފަހަރު ކާމިޔާބު ކޮށްފައިވަނީ 7 އަންހެނުންނާއި 8 ފިރިހެނުން ހިމެނޭހެން ޖުމްލަ 15 ފަރާތަކުންނެވެ. އެއީ:

1. ފާތިމަތު ނިއުމާ ޢަލީ، ނިއުމާ ވިލާ.

2. ނަޝީދާ ޢަލީ، ދިލާސާގެ

3. މުހުސިނަތު މޫމިން، ކުއްޅަވައްގެ

4. އައިމިނަތު މުޙައްމަދު، ކަނޑިތޮޅިގެ

5. އުއްމުހާނީ ހުސައިން، ސޯނާޒަމީން

6. މާޖިދާ ގާސިމް، ޗަންޕާމާގެ

7. ސިޔާމާ އިބްރާހީމް، ކަސަބުގެ

8. އާދަމް މުޙައްމަދު، ކޮށީގެ

9. އިމްރާން އާދަމް، ރެޑިއަމްގެ

10. ޢަބްދުއްރަހްމާން ޙަސަން، މޫސުމް

11. އަހްމަދު އިބްރާހީމް، މެރީސައިޑް

12. އަބްދުﷲ އަބޫބަކުރު، ކިނބިމާގެ

13. ހަސަން އިބްރާހީމް، އޮޕެރާ ހައުސް

14. އަހްމަދު އާތިފް، މާވިނަ

15. އިސްމާއީލް ޝަމްއޫން އަހްމަދު، މޯރނިންގ ބްރީޒް.

ކޮންމެ މީހަކަށްވެސް ޖުމްލަ އެއްލައްކަ ރުފިޔާއާއި ހަމައަށް އެދުމުގެ ފުރުސަތު އޮންނަ މިސްކީމުގެ ދަށުން މި އަހަރު ދޫކުރުމަށް ހަމަޖެހިފައިވަނީ ޖުމްލަ 1،455،000 ރުފިޔާ އެވެ.

ޖުމްލަ 3 އަހަރުގެ މުއްދަތަކަށް ބަހާލައިގެން ފައިސާ އަނބުރާ ދައްކަންޖެހޭ މި ސްކީމް މިފަހަރު ކާމިޔާބު ކުރެއްވި ފަރާތްތަކުން ސްކީމުގެ ދަށުން ކުރުމަށް ހުށަހަޅާފައިވާ މަސައްކަތްތަކުގެ ތެރޭގައި، ދަނޑުވެރިކަން، ކާޕެންޓްރީ އަދި ވެލްޑިންގެ މަސައްކަތް، ކުޅުދުއްފުއްޓަށް ޙާއްސަ ޓެކްސީ އެޕެއް ތައާރަފްކުރުން، އޭ.ސީ ހަރުކުރުމާއި ސަރވިސްކުރުން، ވެހިކަލް ސަރވިސްކުރުން، މަސް ބަންދުކުރުން، ކާބޯތަކެތީގެ ވިޔަފާރި، ބޭކަރީ ހިންގުން، ޓިއުޝަން ކިލާސް ހިންގުން، ޤުރުއާން ކިލާސް ހިންގުން އަދި ކުރެހުމުގެ ފަންނާއި ގުޅުންހުރި މަސައްކަތްތައްވެސް ހިމެނެއެވެ.

އެއްވެސް އިންޓަރެސްޓެއް އަދި އިދާރީ ފީ އެއް ނުނަގާ ދޫކުރެވޭ މި ސްކީމުގެ މައިގަނޑު މަގުސަދުތަކުގެ ތެރޭގައި މަސައްކަތްތެރިންގެ މަސައްކަތް އިތުރަށް ތަރައްގީކޮށް ރަށުގެ އުފެއްދުންތެރިކަން އިތުރުކުރުމާއި، ފަންނީ މަސައްކަތްތައް އަލަށް ފަށަން ބޭނުންވާ ފަރާތްތަކަށް މަގުފަހިކޮށްދިނުމާއި، ކުދި ވިޔަފާރިތައް ފުޅާކުރުމަށް ބާރުއެޅުމާއި، ރައްޔިތުންގެ ފުދުންތެރިކަން އިތުރުކޮށް، ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމަށް މަގުފަހިކޮށްދިނުމާއި، އަންހެނުން މާލީގޮތުން ބާރުވެރިކުރުވުން ހިމެނެ އެވެ.

މި ފަހަރުގެ ސްކީމަށް އެދި ހުށަހެޅި ފަރާތްތަކަށް މާރކްސް ދިނުމަށް ކަނޑައަޅާފައިވަނީ 2 ބަޔަކަށް ބަހާލައިގެންނެވެ. އެއީ ޕްރެޒެންޓޭޝަންއަށް 70 މާރކްސް އަދި އިންޓަރވިޔުއަށް 30 މާރކްސްއެވެ. ޕްރެޒެންޓޭޝަންއަށް މަރކްސްދިނުމުގައި ބަލާފައިވާ ކަންކަމަކީ ވިޔަފާރީގެ ކޮންސެޕްޓް، މާލީ ގޮތުން ދެކޮޅުޖެހޭ މިންވަރު، މާކެޓް ދިރާސާކޮށްފައިވާ މިންވަރު، ވިޔަފާރިއަށް ތައްޔާރުވެފައިވާ މިންވަރު، އަދި ހުށައަޅައިދިނުމެވެ. އަދި އިންޓަރވިއަށް މަރކްސް ދިނުމުގައި ބަލާފައިވާ ކަންކަމަކީ ކުރަންއުޅޭ ވިޔަފާރިއެއް އެފަރާތަކަށް ސާފުވެފައިވާ މިންވަރު، ކަމާވާމިންވަރު (ކޮމިޓްމަންޓް)، ކޮންފިޑެންސް އަދި ކްލަރިޓީއެވެ.

މި 02 ބަޔަށް މަރކްސް ދިނުމަށްޓަކައި، ސްކީމަށް އެދި ހުށައެޅި ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ އަދި ފޯމާއެކު ހުށައަޅަންޖެހޭ ހުރިހާ ލިޔުމެއް ހުށައަޅާފައިވާ ހުރިހާ ފަރާތްތަކަށް ޕްރެޒެންޓޭޝަން ހުށައަޅައިދީ، އިންޓަވިއު ކުރުމަށް ދައުވަތު ދިނެ އެވެ. އެގޮތުން މި އަހަރުގެ ސްކީމަށް ހުށަހަޅާފައިވާ ޖުމްލަ އެޕްލިކޭޝަންގެ ތެރެއިން ކަނޑައެޅިފައިވާ ޝަރުތުހަމަވެ، ލިޔެކިޔުންތައް ފުރިހަމަކޮށްފައިވަނީ ޖުމްލަ 17 ފަރާތަކުންނެވެ. އޭގެ ތެރެއިން ޕްރެޒެންޓޭޝަން އަދި އިންޓަރވިއުއަށް ހާޒިރުވެފައިވާ 16 ފަރާތުގެ (08 އަންހެން އަދި 08 ފިރިހެން) ތެރެއިން، ޖުމްލަ މަރކްސްގެ ގޮތުގައި 50 އިންސަތަ އަށް ވުރެ މަތިން ހޯއްދެވި ހުރިހާ ފަރާތްކަށް ސްކީމްގެ ދަށުން ފައިސާ ދޫކުރުމަށް ސްކީމް އިވެލުއޭޝަން ކޮމިޓީއިން ނިންމިކަމަށް ސިޓީ ކައުންސިލުން މައުލޫމާތުދެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355