އެފްއޭއެމްގެ ފައިސާއިން އަމީންއެވެނިއު އިން ޕެންޓް ހައުސް ގަތް މައްސަލައިގައި ބައްސާމް އަދީލް ޖަލީލް 32 އަހަރަށް ޖަލަށް ލާން ހުކުމްކޮށްފައި ވަނިކޮށް އޭނާ ގޭބަންދަށް ބަދަލުކުރިތާ 24 ގަޑިއިރު ނުވަނީސް މިހާރު އަނެއްކާވެސް ޖަލަށް ބަދަލުކޮށްފިއެވެ.
ކޮރަޕްޝަންގެ ހަތަރު ދައުވާއެއް ސާބިތުވެފައިވާ ބައްސާމް ގޭ ބަންދަށް ބަދަލު ކުރީ އިއްޔެ މެންދުރެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލް އޮންލައިން ބައެއް މީޑިއާތަކަށް މައުލޫމާތު ދީފައިވާގޮތުގައި އޭނާ ގޭބަންދަށް ބަދަލުކުރީ ސިއްޙީ ޙާލަތަށް ރިއާޔަތްކޮށް ވަގުތީ ގޮތުންކަމަށެވެ. އެއީ އޭނާ ހެދި ސާޖަރީއަކަށްފަހު ޑޮކްޓަރުންގެ ލަފާގެ މަތިން ކަމަށެވެ. އެކަން ކުރީ ކަރެކްޝަނުން އެފަދަ ހާލަތުގައި އަމަލު ކުރަން އޮންނަ ގަވާއިދާ އެއްގޮތަށް ކަމަށްވެއެވެ.
އެފްއޭއެމަށް ބޭރުގެ އެކި އިދާރާތަކުން ލިބިފައިވާ ފައިސާ އަށް ހިޔާނާތްތެރިވެ، މަނީ ލޯންޑަރިން ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ބައްސާމްއަށް އުފުލި ދައުވާތަކުގެ ތެރޭގައި ހިޔާނަތްތެރިވުމުގެ ކުށުގެ ދައުވާއާއި، މަނީ ލޯންޑަރިންގގެ ދައުވާތަކެއް ހިމެނެއެވެ.
އޭނާ ގެ މައްޗަށް މީގެ ކުރިން ވަނީ އެފްއޭއެމްގެ ފައިސާއަށް ހިޔާނާތްތެރިވުމުގެ ކުށް ސާބިތުވެ ހަތަރު އަހަރުގެ ޖަލު ހުކުމެއް އަދި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރު ހުކުމެއް އިއްވާފައެވެ. އެހެންވެ ފަހުން އޭނާ ގެ މައްޗަށް އިއްވި 23 އަހަރުގެ ޖަލު ހުކުމާއެކު އޭނާ ގެ ޖަލު ހުކުމުގެ މުއްދަތު 32 އަހަރަށް އަރައެވެ.