އިބްރާހިމް ހަމީދު
ކަރިޓަސް އިޓާލިއާނާ ޕުރޮޖެކްޓްގެ ދަށުން ކުޅުދުއްފުށީގައި އިމާރާތްކުރާ މެޓާރނިޓީ ވެއިޓިންގ ހޯމްގެ ބިންގާ ހެލްތް މިނިސްޓަރ ޑރ އާމިނަތު ޖަމީލު އަޅުއްވައި ދެއްވައިފި އެވެ.
މާބަނޑު އަންހެނުނަށް ހާއްސަކޮށްގެން އިމާރާތްކުރާ މެޓާރނިޓީ ވެއިޓިންގ ހޯމްގެ ބިންގާ އެޅުމަށް މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ހެލްތް މިނިސްޓަރ ޑރ އާމިނަތު ޖަމީލު ވިދާޅުވީ ކުޅުދުއްފުށީގައި އިމާރާތްކުރާ މެޓާރނިޓީ ވެއިޓިން ހޯމަކީ މާބަނޑުވުމާއި އަދި ވިހެއުމާ ގުޅިގެން އެފަދަ ފަރާތްތަށް ކުޅުދުއްފުށީގައި މަޑުކޮށްލުމަށް ތައްޔާރުކުރެވޭ އިމާރާތެއް ކަމަށާއި އެތަނުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ހިދުމަތް ހޯދަން އަންނަ މީހުންނަށް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އުއްމީދު ކުރައްވާކަމަށެވެ. އަދި އެ އިމާރާތަކީ ވިޔަފާރީގެ އުޞޫލުން ހިންގާނެ ގެސްޓުހައުސް އެއް ނޫންކަމަށް ވިދާޅުވިއެވެ.
އެންމެ އުތުރުގެ ތިން އަތޮޅަށް ހެލްތު މިނިސްޓަރ މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ކުޅުދުއްފުށީގައި މިއަދު ހެނދުނު ބޭއްވި މިރަސްމިޔާތުގައި މިނިސްޓަރ ޑރ އާމިނަތު ޖަމީލު ވިދާޅުވީ، ކުރިން ސިއްޙީ ހުރިހާ ހިދުމަތެއް ހެލްތު މިނިސްޓްރީން ދެމުން އައި ނަމަވެސް މިހާރު އެހިދުމަތްތައް ތިން ބަޔަކަށް ބަހާލައިގެން ހިދުމަތް ދެމުން ގެންދާކަމަށެވެ. އެގޮތުން ރަށްރަށުގެ ރަށު ކައުންސިލާއި ސަރުކާރުން އުފައްދާފައިވާ ހެލްތު ކޯޕަރޭޝަންތަކުން ހިދުމަތްތައް ދެމުން ގެންދާއިރު މިނިސްޓްރީގެ ދައުރަކީ ސިއްހީ ކަންތައްތައް ރެގިއުލޭޓް ކުރުން ކަމަށް ވިދާޅުވިއެވެ. އަދި އޭގެ އިތުރުން މީހުން ބިނާކުރުމާއި ސިއްހީ ހިދުމަތްދޭ ތަންތަނަށް އެހީތެރިކަން ފޯރުކޮށްދިނުންކަމަށް ވިދާޅުވިއެވެ.
ސިއްޙީ ދާއިރާގެ ހިދުމަތްތައް ކުރިއަށް ގެންދާނެ ގޮތްތަކާމެދު މިއަދު ވިސްނަން ޖެހިފައިވާއިރު އެކަމުގައި ރައްޔިތުންގެ ހިއްސާ މުހިއްމު ކަމަށާއި ރައްޔިތުންގެ ބޭނުންތައް އެންމެ ފުރިހަމަ ގޮތުގައި މިނިސްޓްރީއާ ހަމައަށް ފޯރުކޮށްދެވޭނެ އެންމެ މުހިއްމު ފަރާތަކީ އަތޮޅު ކައުންސިލުތަކާއި ރަށު ކައުންސިލުތައް ކަމަށް ޑރ އާމިނަތު ޖަމީލު ވިދާޅުވިއެވެ.
މިއަދު ހެނދުނު ބޭއްވި މިރަސްމިއްޔާތުގައި އަޕަރ ނޯތް ހެލްތް ސާރވިސް ކޯޕަރޭޝަނުގެ މެނޭޖިންގ ޑިރެކްޓަރ ބަދުރުއްދީން ހަސަން ވިދާޅުވީ ކުޅުދުއްފުށީގައި މިފަދަ އިމާރާތެއް އެޅުމުގެ އެންމެ ބޮޑު ބޭނުމަކީ ކުޅުދުށްފުއްޓަކީ މަތިއުތުރު ސަރަހައްދުގެ ރަށްރަށުން ސިއްހީ ފަރުވާ ހޯދަން އެންމެ ގިނައިން އަންނަ ރަށަށް ވާތީ ކަމަށެވެ. އަދި އެއީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ހިދުމަތް ހޯދުމަށް އަންނަ މާބަނޑު މީހުންނަށް ތައްޔާރުކުރެވޭ މެޓާރނިޓީ ވެއިޓިން ހޯމެއް ކަމަށެވެ.
މިއަދު ބިންގާ އެޅި މެޓާރނިޓީ ވެއިޓިން ހޯމަކީ ކަރިޓަސް އިޓާލިއަން ޕްރޮޖެކްޓްގެ ދަށުން ކުޅުދުއްފުށީގައި އިމާރާތް ކުރެވޭ މެޓަރނިޓީ ވެއިޓިންގ ހޯމެކެވެ. މިޕުރޮޖެކްޓާބެހޭ ގޮތުން ހެލްތް މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތު ސަރވިސަސް ޑރ އިބްރާހީމް ޔާސިރު ވިދާޅުވީ މިޕުރޮޖެކްޓްގެ ދަށުން ވަރަށް އަވަހަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ދެމުން އަންނަ ނިއޯނެޓަލް އިންޓެންސިވް ކެއަރގެ ހިދުމަތްވެސް ތަރައްޤީ ކުރެވޭނެ ކަމަށާއި އަދި އެޕުރޮޖެކްޓަށް ދިވެހި ސަރުކާރުންވެސް ފަންޑު ކުރާކަމަށް ވިދާޅުވިއެވެ.
ރަސްމިއްޔާތަށްފަހު މިހާރު މަސައްކަތް ކުރެވެމުންދާ ޕްރޮޖެކްޓްތަކާއި ބެހޭގޮތުން ކުޅުދުއްފުށީ އޮންލައިންއަށް މައުލޫމާތު ދެއްވަމުން ހެލްތު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވީ 3 ބުރިއަށް އިމާރާތް ކުރެވޭ މެޓަރނިޓީ ވެއިޓިންގ ހޯމްގައި 10 ކޮޓަރި ހުންނާނެއެވެ. އަދި މާބަނޑުމީހުންނަށް ބޭނުންވާނެ ތަފާތު ފަސޭހަތައް އެތަނުން ލިބޭނެއެވެ. އަދި ކައިރި މުސްތަޤްބަލެއްގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ކުޑަކުދިންގެ އައިސީޔޫ 10 އެނދުގެ އައިސީޔޫއެއްގެ ގޮތުގައި ތަރައްޤީ ކުރެވޭނެއެވެ. ނިއޯނެޓަލް އިންޓެންސިވް ކެއަރ ޔުނިޓް ނުވަތަ ކުޑަކުދިންގެ އައިސީޔޫ ތަރައްޤީ ކުރެވެނީ ކެރިޓަރސް އިޓާލިއާނާގެ އިތުރުން ސާކުގެ އެހީލިބިގެން ކަމުގައި މެނޭޖިންގ ޑިރެކްޓަރ މައުލޫމާތު ދެއްވިއެވެ. މީގެއިތުރުން ޓެލެމެޑިސިންގ ގެ ޚިދުމަތް ތައާރަފް ކުރުމަށް ތައްޔާރީތައް ވަމުންދާ ކަމަށާއި ޖުލައި މަހުގެ ތެރޭގައި ޓެލެމެޑިސިންގ އަށް ބޭނުންވާ އިކުއިޕްމަންޓް ގެނެވޭނެކަމަށް ލަފާކުރަށްވާކަމަށް ވިދާޅުވިއެވެ.
މިއަދު ހެނދުނު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ހުޅަނގުގައި އޮންނަ ބިމުގައި ބޭއްވި ރަސްމިއްޔާތުގައި ކުޅުދުއްފުށީގައި ހުންނަ ސަރުކާރުގެ މުއައްސަސާތަކުގެ ވެރިން ބައިވެރިވިއެވެ. ހެލްތް މިނިސްޓަރ މަތި އުތުރު ސަރަހައްދަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ކުޅުދުއްފުށްޓައް ވަޑައިގަތީ އިއްޔެ ހަވީރުގެ ވަގުތެއްގައެވެ.