ރާއްޖޭގައި ތެލުގެ އަގު އުފުލެމުންދާ ދިޔުމާ ގުޅިގެން މާލެ ސަރަހައްދުގައި ޓެކްސީގެ ހިދުމަތްދޭ އަގުތައް މުރާޖާ ކުރުމަށް ޑްރައިވާސް އެސޯސިއޭޝަނުން ސަރުކާރަށް ގޮވާލައިފި އެވެ.
އެ އެސޯސިއޭޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނީ ތެލުގެ އަގަށް އެސްޓީއޯއިން ގެނައި ބަަދަލާ ގުޅިގެން އިގުތިސާދީ ގޮތުން އެތައް ދަތިތަކެއް ޓެކްސީ ޑްރައިވަރުންނަށް ކުރިމަތިވެފައިވާ ކަމަށެވެ. އަދި، ޓެކްސީގެ ހިދުމަތް ދިނުމުގައި ޑްރައިވަރުންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް އެކަށީގެންވާ ފިޔަވަޅުތަކެއް ސަރުކާރުތަކުން އަޅާފައި ނުވާ ކަމަށް ޓެކްސީ އެސޯސިއޭޝަނުން ބުންޏެވެ.
"ތެލުގެ އަގު އުފުލުމާ ގުޅިގެން ޓެކްސީ ދަތުރުތަކުގެ އަގުތައް މުރާޖާކޮށް އިންސާފުވެރި ބަދަލެއް ގެނައުމަށް ޑްރައިވާސް އެސޯސިއޭޝަނުން ސަރުކާރަށް ގޮވާލާމެވެ، އަދި މިކަމާ ގުޅޭގޮތުން ކަމާބެހޭ ހުރިހާ ފަރާތްތަކާއެކު މަޝްވަރާކުރުމަށް މި ޖަމިއްޔާއިން މިހާރު ވާނީ ޓްރާންސްޕޯޓް މިނިސްޓްރީގައި ރަސްމީކޮށް އެދިފައެވެ." ބަޔާނުގައި ބުންޏެވެ.
ހުރިހާ މާލީ ބުރައެއް ހަމައެކަނި ޑްރައިވަރުން އުފުލަންޖެހުމަކީ އިންސާފެއް ކަމަށް އެ ޖަމިއްޔާއިން ގަބޫލެއް ނުކުރާ ކަމަށާއި ތެލާއި ދިރިއުޅުމުގެ ހަރަދު ބޮޑުވުމުގެ ސަބަބުން ޓެކްސީ ޑްރައިވަރުންނަށް ކުރިމަތިވެފައިވާ ދަތިތަކަށް ހައްލެއް ހޯދުމަށްޓަކައި ދަތުރުތަކުގެ އަގަށް ބަދަލު ގެނައުމަކީ މުހިންމު ކަމެއް ކަމަށް އެ ޖަމިއްޔާއިން ދެކޭ ކަމަށް ވެސް އެ އެސޯސިއޭޝަނުން ބުނެފައި ވެއެވެ.
ޓެކްސީ ޑްރައިވަރުން އަގުތަށް މުރާޖާކުރުމަށް އެދިފައިވާއިރު ސަރުކާރުން ގެންދަނީ އެ ހިދުމަތް ހަރުދަނާ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ޓެކްސީ ލައިންގެ ހިދުމަތް މި ފިތުރު އީދަށް ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ.
ޓެކްސީގެ ހިދުމަތަކީ ރާއްޖޭގައި ޒަމާންވީ ހިދުމަތަކަށްވީ ނަމަވެސް، އެކި ކަހަލަ ޝަކުވާތައް އޮންނަ ކަމަށެވެ. އެގޮތުން ދަތުރުތައް ނުނެގުމާއި، ބޭނުން އިރަކު ދަތުރެއް ކޮށްފައި ހުއްޓާލުން ފަދަ ޝަކުވާތައް އޮންނަ ކަމަށެވެ. އަދި އެއްވެސް ކޮންޓްރޯލެއް ނެތި ހިދުމަތް ވެސް ދަނީ ދެމުންނެވެ.
ސަރުކާރުގެ ޓެކްސީލައިން ހިދުމަތުގެ ބޭނުމަކީ އެފަދަ މައްސަލަތައް ހައްލުކޮށް، ރައްޔިތުންނަށް ފަސޭހަ ހިދުމަތެއް ދިނުމެވެ.
މާލެ ސަރަހައްދުގައި ޓެކްސީގެ ހިދުމަތް ދިނުމަށް މިހާރު ނަގާ އަގުތައް ސަރުކާރުން ކަނޑައެޅީ 2024 ގަ އެވެ. މެއި 14، 2024 ގައި ޓްރާންސްޕޯޓް މިނިސްޓްރީން ކުރި އިއުލާނުގައި ހަ ސީޓަށްވުރެ ދަށުގެ އުޅަނދާއި ހަތް ސީޓާއި 10 ސީޓާ ދެމެދުގެ އުޅަނދުގެ އަގުތައް ކަނޑައެޅި އެވެ.




