twitterviber whatsapp telegramfacebookyoutube instagram
18th March 2026

ހިރިމަރަދޫ ރައްޔިތުންނަށް ބިން ދޫކުރާތީ ހަނިމާދޫ ކައުންސިލުން ޕޮލިހަށް

ނަބީލާ އިސްމާޢީލް
Mar 18, 2026

ހދ ހަނިމާދޫއަށް ބަދަލުކުރަން ނިންމި، އެ އަތޮޅު ހިރިމަރަދޫގެ މީހުންނަށް އެ ރަށު ކައުންސިލްގެ ހުއްދަ ނެތި ބިން ދޭން އުޅޭ ކަމަށް ބުނެ އެކަން ހުއްޓުވުމަށް ހަނިމާދޫ ކައުންސިލްގެ ފަރާތުން އެ މައްސަލަ ފުލުހުންނަށް ހުށަހަޅައިފިއެވެ.

ހަނިމާދޫ މީހުންނަށް ގޯތި ނުދީ، އެ ރަށަށް ހިރިމަރަދޫ މީހުން ގެންގޮސް ގޯތި ދިނުމާ މެދު އެ ރަށު މީހުން އަންނަނީ ދެކޮޅު ހަދަމުންނެވެ.

ހަނިމާދޫ ކައުންސިލްގެ ނައިބު ރައީސް ފިރާގު މުހައްމަދު ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ، ސަރުކާރުން ހިރިމަރަދޫ މީހުންނަށް ހަނިމާދޫން ގޯތި ދިނުމުގެ މަސައްކަތްކުރަނީ ކައުންސިލުން ހުއްދަ ނުނަގައި، ނުވެސް އަންގާ ކަމަށެވެ. އަދި، އެ މަސައްކަތުގެ ތެރެއިން ނަގާ ރުއްގަހާއި ބަންޑާރަ ރުއްގަހުގެ ބަދަލު ވެސް ދީފައިނުވާ ކަމަށް އޭނާ ބުންޏެވެ.

އެ މަސައްކަތް ކުރަމުން އަންނަނީ ކޯޓު އަމުރެއްގެ ދަށުން ބަންޑާރަ ގެއަކަށް ބަދަލު ދީފައި އޮތްތަނަކުން ފެށިގެން ކަމުން، އެ ކަން ހުއްޓާލަން މަސައްކަތްކުރާ ފަރާތަށް އަންގާފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ފިރާގު އިތުރަށް ވިދާޅުވީ ހަނިމާދޫން ހިރިމަރަދޫ މީހުންނަށް ބިން ހަމަޖައްސާފައިވަނީ ލޭންޑް ޔޫސް ޕްލޭނާ ވެސް ހިލާފަށްކަމަށެވެ. އެއީ ރައްޔިތުންގެ ނިންމުމާ ވެސް ހިލާފަށް ކުރަމުން އަންނަ ކަމެއްކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ، އެ މައްސަލަ ފުލުހަށް ހުށަހަޅާފައިވާނެ ކަމަށެވެ.

ފުލުހުންބުނީ ހަނިމާދޫ ބިން ދޫކުރުމާ ގުޅޭ ގޮތުން ރަށު ކައުންސިލްގެ ކަންބޮޑުވުންތައް ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

ފުލުހުންބުނީ މި މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބެލުމުން އެނގުނީ މިއީ އެ މަސައްކަތުގެ މަސްއޫލިއްޔަތު އޮތް ދައުލަތުގެ ދެ މުއައްސަސާއެއްގެ މެދުގައި ހިނގާފައިވާ އިދާރީ މުއާމަލާތްތަކަކާ ގުޅުންހުރި ކަމެއް ގޮތުގައި ކަމަށެވެ.

މިހާތަނަށް ބެލި ބެލުމުން މިކަމުގައި ޖިނާއީ ކުށެއް އެކުލެވިގެންވާކަން ފާހަގަކުރެވިފައި ނުވާ ކަމަށާއި މި މައްސަލައިގައި ހިމެނޭ ފަރާތްތަކުން މަދަނީ ގޮތުން ގާނޫނީ ހައްލެއް ހޯދުމަށް ފުލުހުން ވަނީ އިރުޝާދު ދީފައެވެ.

ހަނިމާދޫގެ ބިން ބޭނުންކުރުމަށް ހަނިމާދޫގެ ރައްޔިތުންނަށް އިސްކަން ދިނުމަށް ގޮވައިލާ ހަނިމާދޫގައި މިދިޔަ ހަފުތާގައި ވަނީ ސައިކަލް ބުރެއް ބާއްވާފައެވެ.

ހިރިމަރަދޫ އަކީ ހދ. އަތޮޅުގައި މީހުން އުޅޭ ރަށްތަކުގެ ތެރެއިން އާބާދީ އެންމެ ކުޑަ ރަށެވެ. އެ ރަށުގެ އާބާދީގައި 300 މީހުންވެސް ހަމަނުވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355