twitterviber whatsapp telegramfacebookyoutube instagram
19th March 2026

އެންސިސް ހިލޭ އައިސް ދޫކުރުން ހުއްޓާލައިފި

ނަބީލާ އިސްމާޢީލް
Mar 19, 2026

އައިސް އުފެއްދުމަށް ކުރަން ޖެހޭ ހޭދަ ބޮޑުވުމާ ގުޅިގެން އެންސިސް ފިޝަރީޒް ޕްރައިވެޓް ލިމިޓެޑުން މަސްވެރިންނަށް ހިލޭ އައިސް ދޫކުރުން ހުއްޓާލައިފި އެވެ.

އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ތެލުގެ އަގު އިންތިހާއަށް އުފުލުމުގެ ސަބަބުން އެ ކުންފުނިން އައިސް އުފެއްދުމަށާއި ފޯރުކޮށް ދިނުމަށް ހިނގާ ހަރަދު ފޫނުބެއްދޭވަރުގެ ބޮޑު ބުރައަކަށްވެފައިވާ ކަމަށެވެ. އަދި ބާޒާރުގައި ތެލުގެ އަގަށް އަންނަމުންދާ ބަދަލުތަކާ އެކު މަސްވެރިކަމުގެ ސިނާއަތަށް ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް މަސައްކަތް ކުރަމުން އަންނަކަމަށް އެންސިސް އިން ބުންޏެވެ.

އެ ކުންފުނިން ބުނީ މި މަހުގެ 1 އިން ފެށިގެން 16 އާ ދެމެދު ތެލުގެ އަގު ދެ ފަހަރެއްގެ މަތިން ބޮޑުވެ ޖުމްލަ 111 ޕަސެންޓް ތެލުގެ އަގު އުފުލިފައިވާ ކަމަށެވެ. އެންސިސް އިން ބުނި ގޮތުގައި މަސް ޕްރޮސެސްކޮށް އެކްސްޕޯޓްކުރުމުގެ ވިޔަފާރީގައި އެންމެ ބޮޑު ހަރަދެއް ހިނގަނީ ތެލަށެވެ. އަދި ތެލުގެ އަގު މިހާ ބޮޑަށް އުފުލުމުން ވިޔަފާރި ކުރިއަށް ގެންދަން ޖެހެނީ ބޮޑު ގެއްލުމެއްގައި ކަމަށް ބުންޏެވެ.

އެހެންވެ މިހާރުގެ ހާލަތަށް ރިއާޔަތްކޮށް ބޮޑުކަންނެލީގެ މަސްވެރިންނަށް މީގެ ކުރިން ހިލޭ ފޯރުކޮށް ދެމުން އައި، އައިސް މި ވަގުތަށް ދޫކުރުން ހުއްޓާލަން މަޖުބޫރުވީ ކަމަށެވެ. އަދި ނިންމުމަކީ، އައިސް އުފެއްދުމުގެ އޮޕަރޭޝަނަލް ހަރަދުތައް އިންތިހާއަށް ބޮޑުވުމުގެ ސަބަބުން ކުންފުނީގެ ދެމިއޮތުމަށްޓަކައި މި ވަގުތަށް ކޮންމެހެން އަޅަން ޖެހުނު މުހިންމު ފިޔަވަޅެއް ކަމަށް ބުންޏެވެ.

އެ ކުންފުނިން ބުނީ، ތެލުގެ އަގަށް އަންނަ ބަދަލުތަކަށް ބަލައި، ހިދުމަތް އަލުން ފޯރުކޮށް ދެވޭނެ ގޮތްތަކެއް ހޯދުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355