ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު އަދި ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އެއް ދުވަހެއްގައި ފެނޭތޯ ބެލުމަށް ނަގާ ވޯޓާ ގުޅިގެން ރަށްރަށަށް ފޮނުވަން ޖެހޭ ތަކެތި ފޮނުވުމުގެ މަސައްކަތް ފަށައިފިއެވެ.
އިލެކްޝަން ކޮމިޝަން (އީސީ) އިން ވިދާޅުވީ ވޯޓުލާ މަރުކަޒަށް ބޭނުންވާ ތަކެތި ރަށްރަށަށް ފޮނުވުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.
މިއަދު ވައިގެމަގުން ތަކެތި ފޮނުވުމަށް ހަމަޖެހިފައިވަނީ ހއ، ރ، ތ، ލ، ގއ، ގދ، ސ އަތޮޅާއި ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީ އަށް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވެ އެވެ. އަދި ކަނޑުމަގުން ތަކެތި ފޮނުވާނީ ހދ، ށ، ނ، ބ، ޅ، އއ، އދ، ވ، މ، ފ އަދި ދ އަތޮޅަށް ކަމަށް ކޮމިޝަނުން ހާމަކުރި އެވެ.
އީސީން ދަނީ އަންނަ ހޮނިހިރު ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު އަދި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު އާ ގުޅޭ އެންމެ ފަހުގެ މަސައްކަތްތައް ކުރަމުންނެވެ.
އެގޮތުން އިންތިހާބަށް ނަގާފައިވާ މޮނިޓަރުންނަށް އިއްޔެ ވަނީ ސެޝަންތައް ބާއްވައި އިންތިހާބާ ގުޅޭ މައުލޫމާތުތައް އޮޅުން ފިލުވައިދީފައެވެ. އަދި ވަރަށް އަވަހަށް އިންތިހާބުގައި ބޭނުންކުރާނެ މަރުކަޒުތައް ވެސް ތައްޔާރުކުރާނެއެވެ.
މިފަހަރުގެ އިންތިހާބުގައި ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތައް ހިމެނޭ ގޮތަށް ޖުމްލަ 629 ކައުންސިލަރުން އިންތިހާބު ކުރުމަށް ވަނީ ހަމަޖެހިފައެވެ.




