ކައުންސިލް އިންތިހާބާއި އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބަށް މަދު ދުވަސްކޮޅަކަށް ވެފައިވަނިކޮށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ އިތުރުން ކަސްޓަމްސްއިން އަދި އާރުޑީސީއިން ގިނަ ވަޒީފާތަކެއް އިއުލާނުކޮށްފި އެވެ.
އަންނަ މަހު 4 ވަނަ ދުވަހު ބާއްވާ އިންތިހާބު ބޯމަތީގައި އޮތްނަމަވެސް މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް މިއީ ވަރަށް ނާޒުކު ދަނޑިވަޅެއްކަމަށް ތަޖުރިބާކާރުން އަންނަނީ ބުނަމުންނެވެ. ނަމަވެސް ސަރުކާރުން ހަރަދު ކުޑަކުރަން ފިޔަވަޅުތަކެއް އެޅުމުގެ ބަދަލުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުން އަންނަނީ ވަގުތާއި ހާލަތަށް ނުބައްދަލު މަގާމުތައް އުފައްދާ މުވައްޒަފުން ނަގަން އިއުލާނު ކުރަމުންނެވެ.
އެގޮތުން އިއްޔެ ކަސްޓަމްސްއިން 48 ވަޒީފާގެ ފުރުސަތު ހުޅުވާލާ ކުރިމަތިލުމަށް ދީފައިވަނީ 4 ދުވަހުގެ މުއްދަތެކެވެ. އިއުލާނުގައިވާ ގޮތުން، އެ ހިދުމަތުން ހުޅުވައިލައިފައިވަނީ އެސިސްޓެންޓް 48 ކަސްޓަމްސް އޮފިސަރު ޓްރެއިނީގެ މަގާމަށެވެ.
އަސާސީ މުސާރައިގެ ގޮތުގައި 5،000 ރުފިޔާދޭއިރު، މަގާމުގެ އިނާޔަތުގެ ގޮތުގައި 4،660 ރުފިޔާ ދެއެވެ. އަދި ހާޒިރުވާ ކޮންމެ ދުވަހަކަށް 75 ރުފިޔާ އިނާޔަތުގެ ގޮތުގައި ދެއެވެ. އޭގެ އިތުރުން ދައުލަތުގެ ޕޭ ފްރޭމްވޯކުގައިވާ ގޮތަށް، ކޮއްތު ފައިސާއާއި އިތުރުގަޑީގެ ފައިސާއާއި އެހެން އިނާޔަތްތައްވެސް ދޭނެއެވެ. 12،000 ރުފިޔާއަށް ވުރެ ގިނައިން ކޮންމެ މުވައްޒަފަކަށް މުސާރައިގެ ގޮތުގައި ލިބޭނެއެވެ.
ގެއްލުމުގައި ހިންގަމުން އަންނަ، މަގުތައް ހަދާ ސަރުކާރު ކުންފުނި އާރުޑީސީން 150 މުވައްޒަފުން ހޯދަން ވަނީ، މީގެ ދެ ހަފުތާ ކުރިން އިއުލާނުކޮށްފައެވެ.
އާރްޑީސީން ކުރި އިއުލާނުތަކަށް ބަލާއިރު، އެންމެ ގިނަ މުވައްޒަފުން ހޯދަނީ ހއ. އުލިގަމާއި އއ. ރަސްދޫ އަށެވެ. އެއިން ކޮންމެ ރަށަކަށް 50 މުވައްޒަފުން ހޯދުމަށް ވަނީ އިއުލާނުކޮށް ފައެވެ. މީގެ އިތުރުން ކ. ކާށިދޫ އަށް 24 މުވައްޒަފުން، ތ. މަޑިފުށްޓަށް 13 މުވައްޒަފުން، ޅ. ނައިފަރަށް 12 މުވައްޒަފުން އަދި ޅ. ހިންނަވަރަށް އެއް މުވައްޒަފަކު ހޯދުމަށް ވަނީ ހަމަޖެހިފަ އެވެ.
އާރުޑީސީން މުވައްޒަފުން ހޯދަން އިއުލާނުކޮށްފައިވަނިކޮށް، އެ ކުންފުނިން ހަމައެއް ލަމައެއް ނެތި މުވައްޒަފުންނަށް ޕްރޮމޯޝަން ދޭ ކަމަށް ބުނެ، އެކަން ބެލުމަށްވެސް ވަނީ މަޖިލީހަށް ހުށަހަޅައިފައެވެ.
އެމްޓީސީސީން މި މަހުގެ ތެރޭގައި އެކަނިވެސް ހާހަކަށްވުރެ ގިނަ ވަޒީފާގެ ފުރުސަތުވަނީ ހުޅުވާލާފަ އެވެ. އެމްޓީސީސީގެ އިއުލާންތަކަށް ބަލާއިރު، މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް 91 އިއުލާނެއްގެ ދަށުން ޖުމްލަ 1،185 ވަޒީފާއަކަށް ވަނީ އިއުލާންކޮށްފައެވެ. މީގެ ތެރެއިން އެންމެ ގިނަ ވަޒީފާތަކަށް އިއުލާންކޮށްފައިވަނީ ފާއިތުވި ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައެވެ. އެގޮތުން އެ މުއްދަތުގައި 635 އަށްވުރެ ގިނަ ވަޒީފާއަށް އިއުލާންކޮށްފައިވާއިރު، އޭގެ ތެރެއިން 242 ވަޒީފާއަކަށް އިއުލާންކުރީ ހަމައެކަނި މިދިޔަ ހަފްތާގެ ތެރޭގައެވެ. ގިނައީ ވަގުތީ ގޮތުން މުވައްޒަފުން ނަގާ މަގާމުތަކެވެ.
މީގެ ކުޑަ ދުވަސްކޮޅެއްކުރިން ސަރުކާރުގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވީ އިންތިހާބާ ދިމާކޮށް ސަރުކާރުން އެއްވެސްކަމެއް ނުކުރައވާނެ ކަމަށެވެ. އަދި ކެމްޕެއިނަށްވެސް އެއްވެސް ރަށަކަށް ވަޑައިނުގަންނަވާ ކަމަށެވެ.




