މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން އުދުހުންތައް ހުއްޓާލި ބައެއް އެއާލައިންތަކުން އަލުން ރާއްޖެއަށް ދަތުރުކުރަން ފަށާފައިވާކަން، ވަޒީރުންގެ ހާއްސަ ކޮމިޓީއިންމިއަދު ހާމަކުރައްވައިފިއެވެ.
މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން، ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު، މުޙައްމަދު އަމީން ވިދާޅުވީ، މެދުއިރުމަތީގެ އެއާލައިން އޮޕަރޭޓްކުރާ ކޮރިޑޯތަކުގައި، އެމިރޭޓްސް، އިއްތިހާދު އަދި ފްލައި ދުބާއީއިން މިހާރު، ދުވާލަކު ދެ ފްލައިޓް އޮޕަރޭޓްކުރަން ފަށާފައިވާކަމަށެވެ. އަދި ކުރިއަށްއޮތް އެޕްރީލް މަހުން ފެށިގެން، ޤަތަރު އެއާވޭޒް އިން ދުވާލަކު އެއް ފްލައިޓް އޮޕަރޭޓްކުރުމަށް ނިންމާފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ހަނގުރާމަ ފެށުނު އިރާ އަޅައިބަލާއިރު، މިހާރު އެއާލައިންތަކުގެ ބުކްލޯޑުވެސް އިތުރުކުރަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ވިޔަފާރި އާއި އެ ނޫންވެސް ބޭނުންތަކުގައި ދަތުރުފަތުރުގެ އާ ރޫޓްތައް ޤާއިމުކުރަން ޖެހޭ ޙާލަތްތައް ދެނެގަނެ، އެކަން ފަހިކުރުމަށްވެސް މަސައްކަތްކުރައްވާކަން ކޮމިޓީން ފާހަގަކުރެއްވިއެވެ.
ފަތުރުވެރިކަމުގެ ސިނާޢަތާ ގުޅުންހުރި ފިޔަވަޅުތަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު، ޠާރިޤު އިބްރާހީމް ވަނީ، އެޕްރީލް މަހުގެ ފުރަތަމަ ދުވަހު، ސިމްޕްލިފައިޑް ޓޫރިސްޓް ވިސާ އެކްސްޓެންޝަންގެ ހިދުމަތް ފޯރުކޮށްދޭން ފަށާނޭކަން އިޢުލާންކުރައްވާފައެވެ.
އަދި ފަތުރުވެރިކަމުގެ ސިނާޢަތް ސިންދަފާތުކުރުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން، ޓެކް ރެކް ޑައިވިންގ، އެޕްރީލް މަސް ނިމުމުގެ ކުރިން ތަޢާރަފުކުރުމަށާއި، ސްޕިއަރ ފިޝިންގ ތަޢާރަފުކުރުމަށް ތައްޔާރީތައް ވަމުންގެންދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން، ސިނާޢަތުގައި ހަރަކާތްތެރިވާ މަންދޫބުންނާ މަޝްވަރާކުރައްވައި، ދިމާވާ ދަތިތަކަށް ޙައްލު ހޯއްދަވައިދެއްވުމަށާއި، ފަތުރުވެރިކަން އިޝްތިހާރުކުރުމަށްވެސް މަސައްކަތްތައް ކުރެވެމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މިއަދުގެ ބައްދަލުވުމުގައި، އިޤުތިޞާދީ ތަރައްޤީ އާއި ވިޔަފާރިއާ ބެހޭ ވަޒީރު، މުޙައްމަދު ސަޢީދު ވަނީ، ކާޑާއި، އަސާސީ މުދަލާއި، ތެލާއި ކައްކާ ގޭސް ގެނައުމުގައި ދަތިކަމެއް މެދުވެރިނުވާނޭ ގޮތަށް އިންތިޒާމުތައް ކުރުމަށް ދެއްވާ އަހުމިއްޔަތުގެ މައްޗަށް، ވާހަކަދައްކަވާފައެވެ. އެގޮތުން، ޗައިނާއާއެކު ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުންނާއި، އިންޑިއާއާއެކު އޮންނަ ވިޔަފާރީގެ ގުޅުމުގެ ސަބަބުން، މިފަދަ ދަނޑިވަޅުތަކުގައި ރާއްޖެއަށް ހުރި ފައިދާތަކުގެ މައްޗަށްވެސް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ. ހަމަނުޖެހުމާ ގުޅިގެން ބައެއް ސިނާޢަތްތަކަށް ދިމާވާ ގޮންޖެހުންތައް ގާތުން ބައްލަވަމުންގެންދަވާކަމަށް ވިދާޅުވެ، ހާއްސަކޮށް އިމާރާތްކުރުމަށް ދިމާވާ ގޮންޖެހުންތައް ބައްލަވައި، މަސީއާއެކު މަސައްކަތްތައް ކުރައްވަމުން ގެންދަވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ވަޒީރުންގެ ހާއްސަ ކޮމިޓީން ވަނީ، މި ދަނޑިވަޅުގައި، ޚާރިޖީ، ދިފާޢީ، އަދި އިޤްތިޞާދީ، ހައްސާސް މަޢުލޫމާތު ހާމަކުރުމާއި ފެތުރުމުގައި ފަރުވާތެރިވުމަށްވެސް ނޫސްވެރިންނަށް އިލްތިމާސްކުރައްވާފައެވެ.




