twitterviber whatsapp telegramfacebookyoutube instagram
30th March 2026

އާސަންދައިގެ ދަށުން އެމްބިއުލާންސްގެ ހިދުމަތް ދޭނެ ހާލަތްތައް އިތުރުކޮށްފި

ނަބީލާ އިސްމާޢީލް
Mar 30, 2026

އެޕްރީލް މަހުގެ 1 ވަނަ ދުވަހުން ފެށިގެން، ކުއްލި ނޫން ހާލަތްތަކުގައި ވެސް އާސަންދަ މެދުވެރިކޮށް އެމްބިއުލާންސްގެ ހިދުމަތް ހޯދޭނެ އުސޫލަކަށް އަމަލުކުރަން ފެށުމަށް ސަރުކާރުން ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް މުޢިއްޒު ވިދާޅުވީ މި ބަދަލަކީ ރައްޔިތުންނަށް ދިމާވާ ދަތިތަކަށް ލުޔެއް ހޯދައިދިނުމަށްޓަކައި، ކަމާބެހޭ ފަރާތްތަކާއެކު ފަންނީ އަދި މާލީ ދިރާސާތަކެއް ކުރުމަށްފަހު ނިންމާފައިވާ ނިންމުމެކެވެ. މި އާ އުސޫލުގެ ދަށުން، އެނދުމަތިކުރެވިފައިވާ ފަރާތްތަކާއި، ވީލްޗެއަރ ބޭނުންކުރާ ފަރާތްތަކާއި، އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އައުޓްޕޭޝަންޓް ޚިދުމަތް ހޯދުމަށް އެމްބިއުލާންސް ބޭނުންކުރެވޭނެއެވެ.

މީގެއިތުރުން، މައްޔިތުން އުފުލުމަށާއި، އެއް މަރުކަޒުން އަނެއް މަރުކަޒަށް ބަލިމީހުން ބަދަލުކުރުމާއި، އިވެކުއޭޝަން ހާލަތްތަކުގައި ޖެޓީ ނުވަތަ އެއަރޕޯޓަށް ބަލިމީހުން ގެންދިއުމަށް ވެސް މި ހިދުމަތް ލިބިގެންދާނެއެވެ.

މި ހިދުމަތް ފުޅާކުރުމުގެ މަސައްކަތުގެ ތެރެއިން، ރަށްރަށަށް ބޭނުންވާ އެމްބިއުލާންސް ފޯރުކޮށްދިނުމުގެ މަޝްރޫޢެއް ސަރުކާރުން ދަނީ ބާރުސްޕީޑުގައި ކުރިއަށް ގެންދަމުންނެވެ.

އެގޮތުން ފާތުވި ވެގެންދިޔަ ފެބްރުއަރީމަހާއި މި މާޗު މަހުގެ ތެރޭގައި ގިނަ ރަށްތަކަކަށް އެމްބިއުލާންސް ފޮނުވާފައިވާއިރު، ބޮޑެތި އާބާދީތަކަށް އަމާޒުކޮށްގެން ގެންނަ ޕެރަމެޑިކް އެމްބިއުލާންސްތައް ވެސް އަންނަ މަހުގެ ތެރޭގައި ލިބޭނެ ކަމަށް ސަރުކާރުން ވަނީ ލަފާކޮށްފައެވެ. ސަރުކާރުގެ މައިގަނޑު އަމާޒަކީ ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް އެމްބިއުލާންސްގެ ޚިދުމަތް އެއްވެސް މެދުކެނޑުމެއްނެތި، ފަސޭހަކަމާއެކު ރައްޔިތުންނަށް ލިބޭނެ އިންތިޒާމް ހަމަޖައްސައިދިނުމެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355