twitterviber whatsapp telegramfacebookyoutube instagram
1st April 2026

24 ގަޑިއިރު ބޭހުގެ ހިދުމަތް ދިނުމަށް ބޭސް ކުންފުނީގެ ޕޯޓަލްއަކާއި ހޮޓްލައިނެއް

ނަބީލާ އިސްމާޢީލް
Apr 1, 2026

ބޭސް ހޯދަން ފަސޭހަ ކޮށްދިނުމަށްޓަކައި، ރާއްޖެއަށް ބޭސް އެތެރެކުރުމުގެ މަސައްކަތަށް ހާއްސަކޮށް، "ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް" ގެ ނަމުގައި އުފެއްދި އާ ކުންފުނިން ޕޯޓަލަކާއި ހޮޓްލައިނެއް ތައާރަފުކޮށްފިއެވެ.

ބޭހުގެ ކަންކަމަށް ހާއްސަ ކުންފުންޏެއް ހެދީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހެވެ. މިގޮތުން، އެ ކުންފުނިން ބޭސް އެތެރެކުރަން ފަށާފައި ވަނީ، ކުންފުނި އުފެއްދިތާ ހަ މަސް ފަހުންނެވެ.

މިއަދު ބޭސް ކުންފުނިން ނެރުނު ބަޔާނުގައި ވަނީ، ރައްޔިތުންނަށް ފަސޭހައިން ފޯރުކޮށްދެވޭ ހިދުމަތްތައް ފޯރުކޮށްދިނުމަށް 24 ގަޑިއިރު ބޭހުގެ ހިދުމަތް ހޯދުމަށް އެދި ގުޅޭނެ ހާއްސަ ހޮޓްލައިން "1505" ތައާރަފުކޮށްފައިވާ ކަމަށެވެ.

ޒަރޫރީ ބޭސްތައް ހޯދުމުގައި އެއްވެސް ދަތިކަމެއް ދިމާވާނަމަ، އެ ހޮޓްލައިން މެދުވެރިކޮށް ބޭހަށް އޯޑަރުކުރުމާއި ބޭސް ލިބޭނެ އިންތިޒާމުތައް ހަމަޖައްސައިދޭނެކަން ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

އީފާސް މެދުވެރިކޮށް ކޮންމެ މީހަކަށް ވަދެވޭ ގޮތަށް އެ ކުންފުނިން ވަނީ ޕޯޓަލެއް ގާއިމުކޮށްފައެވެ. އެ ޕޯޓަލް ފަރުމާކޮށްފައިވަނީ، އެންސްޕާގެ ނިޒާމާ ގުޅުވާލައިގެން ކަމަށްވާއިރު، މިހާރު ވެސް ހިނގާ ނިޒާމުގެ ތެރެއިންނާއި ޕޯޓަލް މެދުވެރިކޮށް ލިބޭ ހުށަހެޅުންތަކަށް އަވަހަށް ހިދުމަތް ލިބޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

މި މަސައްކަތްތަކުގެ ބޭނުމަކީ، އާންމު ރައްޔިތުންނަށް ފަސޭހަކަމާއި ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން ބޭސް ފޯރުކޮށްދިނުން ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355