ކުޅުދުއްފުށީގައި 2000 ހައުސިން ޔުނިޓްގެ ބިންގާ އެޅުމުގެ ރަސްމިއްޔާތަށް މޭޔަރަށާއި ބައެއް ކައުންސިލަރުންނަށް ދެއްވި ދައުވަތު، އަނބުރާ ގެންދިޔުމުން ގިނަ ރައްޔިތުންގެ ނުރުހުން އެޗްޑީސީއަށް އަމާޒުވެއްޖެ އެވެ.
ރައީސް ޑރ މުހައްމަދު މުއިއްޒުގެ ވައުދުފުޅުގެ ތެރޭގައި ހިމެނޭ ކުޅުދުއްފުށީގައި އަޅަން ނިންމި 2000 ހައުސިން ޔުނިޓްގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ބުދަދުވަހުގެ ރޭ ކުޅުދުއްފުށީގައި ހިއްކި ބިމުގައި ބާއްވާފައިވާއިރު، އެ ޖަލްސާއަށް ވަޑައިގަތުމަށް، މޭޔަރު މުހައްމަދު އާތިފަށް ދައުވަތުދިނުމަށްފަހު އެދުވަހުގެ ހަވީރު އެޗްޑީސީގެ ފަރާތުން ދައުވަތު އަނބުރާ ގެންދެވިކަން ރައްޔިތުންގެ މައުލޫމާތަށް އޭނާ ވަނީ މީސްމީޑީއާގައި ހާމަކުރައްވާފަ އެވެ.
ކުޅުދުއްފުށީގައި ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާ 2000 ހައުސިން ޔުނިޓުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމަށް އެދި HDC ގެ ފަރާތުން މިއަދު މެންދުރު އަޅުގަނޑަށް ދައުވަތު ދެއްވި، އަދި އެ ދައުވަތު ވަގުތުން އަޅުގަނޑު ގަބޫލުކޮށް، ރަސްމިއްޔާތުގައި ބައިވެރިވާނެކަމަށް ދެންނެވިން". އާތިފް ލިޔުއްވާފައިވެ އެވެ.
އެހެންނަމަވެސް އަނެއްކާވެސް އެދުވަހުގެ ހަވީރު އެ ދައުވަތު އަނބުރާ ގެންދެވިކަން އެޗްޑީސީގެ ފަރާތުން އެންގިކަމަށް އާތިފް ވިދާޅުވި އެވެ.
އެހެންކަމުން އެ ޖަލްސާގައި ބައިވެރިނުވުމުން ރައްޔިތުންގެ ހިތުގައި ސުވާލު އުފެދުނަ ނުދިނުމުގެ ގޮތުން އެ ވާހަކަ ހިއްސާކުރެއްވީ ކަމަށެވެ.
އެކަމާ ގުޅިގެން މޭޔަރުގެ ޕޯސްޓަށް ކޮމެންޓްކުރެއްވި ގިނަ ބަޔަކު ވަނީ އެޗްޑީސީން އަމަލުކުރި ގޮތުން ހިތްހަމަނުޖެހުންފާޅުކޮށްފަ އެވެ. އެގޮތުން އާތިފް އަކީ މިހާރުވެސް ސިޓީގެ މޭޔަރުކަމުގެ މަގާމު ފުރުއްވަމުންދާ ބޭފުޅާކަމުން އެފަދަ ބޮޑު މަޝްރޫއެއް ފަށާއިރު އެތަނުގައި ބައިވެރިވުމުގެ ފުރުސަތު ނުދިނުމަކީ ބަލާގަނެވޭނެކަމެއް ނޫން ކަމަށެވެ.
ނަމަވެސް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވާރކްސްގެ ނައިބު މިނިސްޓަރުގެ އަހުމަދު މުހައްމަދު (ޖިހާދޭ) ވިދާޅުވީ، ރޭ ބޭއްވުނު 2000 ހައުސިން ޔުނިޓްގެ ގްރައުންޑް ބްރޭކިން އިވެންޓްގައި ކައުންސިލް އިންތިހާބަށް 3 ދުވަހަށްވެފައިވަނިކޮށް އެއްވެސް ކެނޑިޑޭޓެއް ބައިވެރި ނުކުރަން ނިންމި ނިންމުމަކީ ވަރަށް ރަނގަޅު ނިންމުމެއް ކަމަށެވެ.
އެޗްޑީސީއާ ހަވާލާދީ އޭނާ ލިޔުއްވާފައިވަނީ، ކައުންސިލްގައި އިންނަވާ ޕީއެންސީގެ މެންބަރަށްވެސް ދައުވަތު ދިނުމަށްފަހު ދައުވަތު އަނބުރާ ގެންދެވި ކަމަށާއި އެކަން ކައުންސިލަރު އިބުރާހިމްވެސް ކަށަވަރުކޮށްދެއްވި ކަމަށެވެ.
"މި ނިންމުމަކީ ހަގީގަތުގައި އަޅުގަނޑު ދެކޭގޮތުގައި ކައުންސިލްގެ ގިނަ މެމްބަރުންނަކީ ކުރިއަށް މިއޮތް ކައުންސިލް އިންތިހާބުގައި ވާދަ ކުރައްވާ ކެނޑިޑޭޓުންނަށް ވެފައި އެއްވެސް ކެނޑިޑޭޓަކަށް މި އިވެންޓްގެ ނުސީދާ މަންފާއެއް ނުދިނުމަށް އެޅި ވަރަށް މުހިންމު ނިންމިމެއްކަން ފާހަގަކޮށްލަން. ޖިހާދޭ ވިދާޅުވި އެވެ.
ސިޓީ ކައުންސިލްގައި މިހާރު ތިއްބަވާ މެންބަރުންގެ ތެރެއިން ދެވަނަ ދައުރަކަށް ވާދަނުކުރައްވާ ކައުންސިލަރުންނަށް ދެއްވި ދައުވަތުވެސް އަނބުރާ ގެންދެވި އެވެ. އެގޮތުން ކައުންސިލަރ އާތިފާ އަލީއަށްވެސް ދައުވަތު ދިނުމަށް ފަހު އަނބުރާ ގެންދެވިކަން އޭނާ ވަނީ ކޭއޯއަށް ކަށަވަރުކޮށްދެއްވާފަ އެވެ.
އެހެން ނަމަވެސް ކުޅުދުއްފުށީގައި މިވަރު ބޮޑު ޕްރޮޖެކްޓެއް ފަށަން ބިންގާއަޅާއިރު ކުޅުދުއްފުށީގެ ވެރިންނާއި ކައުންސިލަރުންނަށް ދެއްވި ދައުވަތު އެޗްޑީސީން އަނބުރާ ގެންދިއުމުން ރައްޔިތުން ސަރުކާރަށާއި އެޗްޑީސީއަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ..
"މީގެން ދޭހަވަނީ މި ސަރުކާރު އެންމެ ޖެހިލުންވާ ބަޔަކީ ކުޅުދުއްފުށީގެ މޭޔަރާއި ކައުންސިލަރުންކަން. އަދި މިސަރުކާރަށް ކައުންސިލްތަކަކީ މާ މުހިންމު ތަންތަންނޫން ކަން" ރައްޔިތެއްގެ ކަންބޮޑުވުމުގައި ފާހަގަ ކުރިއެވެ.




