މިއަދު ބޭއްވުމަށް ހަމަ ޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބު އަދި ފެންނަ ނުފެންނަ ވޯޓަށް ކުޅުދުއްފުށީ ސިޓީން ވޯޓުމަށް ޖުމްލަ 6044 މީހުންނަށް ހައްގު ލިބިގެންވާއިރު މި އިންތިހާބުގައި ކުޅުދުއްފުށީގައި ޖުމްލަ 13 ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފަ އެވެ.
އެގޮތުން އުތުރު ދާއިރާގެ 1 ނަންބަރު ފޮށި ހުންނާނީ އެއީސީ ސްކޫލް ހޯލް އިތުމަތި ކޮޅުގައެވެ. މި ފޮއްޓަށް ޖުމްލަ 530 މީހުންނަށް ވޯޓު ލުމުގެ ހައްގު ލިބިގެން ވެއެވެ. އުތުރު ދާއިރާގެ 2 ނަންބަރު ފޮށި ހުންނާނީ ޖަލާލުއްދީން ސްކޫލް ހޯލު ހުޅަނގު ކޮޅުގައެވެ. މި ފޮއްޓަށް ވޯޓު ލުމުގެ ހައްގު ލިބިގެންވަނީ 531 މީހުންނަށެވެ.
ހުޅަނގު އުތުރު ދާއިރާގެ ދެ ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވަނީ އެމްއެންޔޫގައެވެ. އެ ދާއިރާގެ 1 ނަންބަރު ފޮށި ހުންނާނީ ކްލާސް ރޫމް 3 ގައެވެ. މި ފޮއްޓަށް ޖުމްލަ 502 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާއިރު އެ ދާއިރާގެ 2 ނަންބަރު ފޮއްޓަށް 499 މީހުންނަށް ހައްގު ލިބިގެން ވެއެވެ. 2 ވަނަ ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވަނީ ކްލާސް ރޫމް 4 ގައެވެ.
މެދު އުތުރު ދާއިރާގެ ފޮއްޓަށް ވޯޓުލުމުގެ ހައްގު 996 މީހުންނަށް ލިބިފައިވާއިރު މިދާއިރާގެ 1 ނަންބަރު ފޮށި ހުންނާނީ އޭއީސީ ހޯލު ހުޅަނގު ކޮޅުގައިއެވެ. މި ފޮއްޓަށް 482 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން ވެއެވެ. 2 ނަންބަރު ފޮއްޓަށް 514 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެންވާއިރު މި ފޮށި ބެހެއްޓިފައިވަނީ އޭއީސީގެ ޓީއާރުސީގައެވެ.
މެދު ދެކުނު ދާއިރާގެ ފޮށިތައް ބެހެއްޓިފައި ހުންނާނީ އަމީރު އަމީން ސްކޫލުގައެވެ. މި ދެ ފޮއްޓަށް ޖުމްލަ 960 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާއިރު އެ ސްކޫލްގެ ކްލާސް ރޫމް 1 ގައި ބެހެއްޓިފައިވާ 1 ނަންބަރު ފޮއްޓަށް ވޯޓުލުމުގެ ހައްގު 468 މީހުންނަށް ލިބިފައިވާއިރު ކްލާސް ރޫމް 2 ގައި ބެހެއްޓިފައިވާ 2 ނަންބަރު ފޮއްޓަށް ޖުމްލަ 492 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ.
އަފީފުއްދީން ސްކޫލް ހޯލް އުތުރުގައި ބެހެއްޓިފައިވާ ހުޅަނގު ދެކުނު ދާއިރާގެ 1 ނަންބަރު ފޮއްޓަށް ވޯޓުލުމުގެ ހައްގު ލިބިފައިވަނީ 591 މީހުންނަށެވެ. އެ ދާއިރާގެ ދެވަނަ ފޮށި ބެހެއްޓިފައި ހުންނާނީ ނޮދާރން ކޮމްޕްލެކްސްގައެވެ. މި ފޮއްޓަށް 489 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެއެވެ.
އިރު ދެކުނު ދާއިރާގެ 1 ނަންބަރު ފޮށި ބެހެއްޓިފައި ހުންނާނީ އަމީރު އަމީން ސްކޫލްގެ 3 ވަނަ ކްލާސް ރޫމްގައެވެ. މި ފޮއްޓަށް 461 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވާއިރު އެ ދާއިރާގެ 2 ނަންބަރު ފޮއްޓަށް ވޯޓުލުމުގެ ހައްގު ލިބިގެންވަނީ 485 މީހުންނަށެވެ. 2 ނަންބަރު ފޮށި ބެހެއްޓިފައި ހުންނާނީ އަފީފުއްދީން ސްކޫލް ހޯލުގެ ދެކުނުގައެވެ. މީގެ އިތުރުން ކުޅުދުއްފުށީގައި ދިރިއުޅޭ އެހެން ރައްތަކުގެ ރައްޔިތުން ވޯޓުލުމަށް ހާއްސަ ކޮށްފައިވަނީ ޖަލާލުއްދީން ސްކޫލްގެ އިރުމަތީގައި ބެހެއްޓިފައިވާ ފޮއްޓެވެ. މި ފޮއްޓަށް ޖުމްލަ 472 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެން ވެއެވެ.




